ރާއްޖެއަށްވެސް މޫސުން ގޯސްވެދާނެ ސަމާލުވޭ!
ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުއިރުދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، އެކޮޅިގަނޑުގެ ސަބަބުން ރާއްޖެއަށްވެސް އަސަރުކޮށްފާނެކަމަށް ބެލެވޭތީ ސަމާލުވުމަށް މެޓްއޮފީހުން އިލްތިމާސްކުރައްވައިފިއެވެ.
މެޓް އޮފީހުން ނެރެފައިވާ ބަޔާނުގައި ވަނީ ލަންކާކައިރީގައި އުފެދިފައިވާ ކޮޅިގަނޑު މާދަމާ (2 ޑިސެންބަރު 2020) ހަވީރުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި މިތޫފާން ހުޅަނގަށް ދަތުރުކޮށް 3 ޑިސެންބަރު ވާ ބުރާސްފަތި ދުވަހު ސްރީލަންކާ ހުރަސްކޮށް، ދެކުނު އިންޑިއާގެ އައްސޭރިފަށާ ކައިރި ވާނެކަމަށް ލަފާކުރެވޭކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި ވެސް ވަނީ ކޮޅިގަނޑެއް އުފެދިފައި ކަމަށް މެޓް އޮފީހުން މައުލޫމާތު ދިނެވެ. އަދި ލަފާކުރެވޭ ގޮތުގައި 4 ޑިސެންބަރު ވާ ބުރާސްފަތި ދުވަހުން ފެށިގެން ހަފްތާބަންދު ތެރެއާއި އެކު ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވެގެން ދާނެކަމަށް ބެލެވޭކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން ވިދާޅުވީ، މި ކޮޅިގަނޑު އުފެދި އަންނަމުންދާ ބަދަލުތައް އެ އިދާރާއިން ބަލަމުންދާނެކަމަށެވެ.
އަދި މި ނިޒާމްތަކާއި ގުޅިގެން ރާއްޖޭގެ މޫސުމަށް ފޯރާނެކަމަށް ބެލެވޭ އަސަރުތައް މިއޮފީހުން އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ނެރޭ ސަމާލު އަދި އިންޒާރުގެ މެސެޖް މެދުވެރިކޮށް ކުރެވެމުން ދާނެކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.



