ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު އެންމެ ބޮޑު ކޯލިޝަނުން ވާދަަކުރައްވާނެ ކެންޑިޑޭޓެއްގެ ގޮތުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒުގެ ކެންޑިޑެސީ ފޯމު މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.
ޑރ.މުޢިއްޒަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުކަން ލިބިވަޑައިގަތީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެއްވޭ ހާލަތުގައި އެމަނިކުފާނުގެ ބަދަލުގައި ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށް އެ ޕާޓީގެ ސެނެޓުގައި ނެގި ވޯޓުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރާ ވާދަކުރައްވައި އެ ޕާޓީގެ ރިޔާސީ ޓިކެޓު ކާމިޔާބުކުރައްވައިގެންނެވެ.
ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ޑރ.މުޢިއްޒު ވާދަކުރައްވާއިރު، އޭނަގެ ރަނިންމޭޓުގެ ގޮތުގައި އިންތިޚާބުގައި ވާދަކުރައްވާނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުޙައްމަދު ލަތީފެވެ. އެ ދެ ބޭފުޅުންނަށް އިންތިޚާބުގައި ތާއީދުކުރެއްވުމަށް ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީނު ނިންމަވާފައިވެއެވެ.
ރައީސް ޔާމީނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން އެމަނިކުފާނުގެ ފަރާތްޕުޅުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެއްވި މައްސަލާގައި އެ ކޯޓުން ނިންމާފައިވަނީ އެމަނިކުފާނުގެ މައްޗަށް 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އެމަނިކުފާނަކީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝަރުޠު ފުރިހަމަނުވާ ބޭފުޅެއްކަމަށް އިލެކްޝަނުން ނިންމާފައިވަނީ ރަނގަޅަށް ކަމުގައެވެ.
އެ ނިންމުމާ ގުޅިގެން އެމަނިކުފާނުގެ އިންތިޚާބީ ޙައްޤު ހިފަހައްޓަމުން އަންނަނީ ސަރުކާރުން ރާވައިގެންކަމަށް ދެކެވަޑައިގަންނަވާތީ، އެމަނިކުފާނުގެ އިންތިޚާބީ ޙައްޤު ނިގުޅައިގަނެފައިވާކަން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ސަމާލުކަމަށް ގެނައުމަށްޓަކައި، ރިޔާސީ އިންތިޚާބު ބޮއިކޮޓުކުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ދެކެވަޑައިގަންނަވާކަމަށް އެމަނިކުފާނު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕާއި ސެނެޓަށް ޚިޔާލުފުޅެއްގެ ގޮތުގައި ފޮނުއްވި ނަމަވެސް ދެ ޕާޓީގެ ޖޮއިންޓް ސެނެޓުން ނިންމާފައިވަނީ އެމަނިކުފާނު މިނިވަންކުރެވެން އޮތް ގޮތަކީ އެ ކޯލިޝަނުން އިންތިޚާބުގައި ވާދަކުރުން ކަމަށެވެ.
މިއަދު ޑރ.މުޢިއްޒު ކެންޑިޑެސީ ފޯމު މިއަދު ހުށަހެޅުއްވުމާއެކު، މި އިންތިޚާބުގައި އިދިކޮޅު އިއްތިހާދުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުގެ ގޮތުގައި އޭނާ ހަމަޖެހިގެން ގޮސްފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...