މެދު ރާއްޖެތެރޭގެ ކަނޑުތައް އާދަޔާ ޚިލާފަށް ގަދަވެ، ދަތުރުފަތުރަށް ނުރައްކާވާ މިންވަރަށް މޫސުން ގޯސްވާނެ ކަމަށް ބަލައި ބ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެ، ދަތުރުވެރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރި ގޮތުގައި މި ސަމާލު ދަމަހައްޓާނީ މިއަދު ހެނދުނު އަށަކުން ފެށިގެން މެންދުރުފަހު ދޭއް ޖެހުމާ ހަމައަށެވެ. އެ ސަރަހައްދުގެ ރަށްތަކަށް އާންމު ގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިއަކު 40 މޭލަށް އަރައިގެންދާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ވައި ގަދަވުމާއެކު އެ ސަރަހައްދުގެ ކަނޑުގެ ބާނިތައް ބޮޑުވެ، ރާޅުގެ އުސްމިން ތިން ފޫޓާއި ހަތް ފޫޓާ ދެމެދަށް އުފުލޭނެ ކަމަށް ލަފާކުރެވޭތީ، މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުފަހަރު ދަތުރަށް ފުރުމުގެ ކުރިން މޫސުމީ އެންމެ ފަހުގެ ހާލަތު އޮޅުންފިލުވުން ކޮންމެހެން މުހިންމެވެ.
މި ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން މުޅި ރާއްޖެއަށް ވިއްސާރައިގެ އަސަރު ފޯރަމުން އަންނައިރު، ފާއިތުވި ދެ ދުވަހު ދެކުނުގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެ ޔެލޯ އެލާޓް ވެސް ނެރެފައިވެއެވެ. އަދި ރޭގެ ވަގުތެއްގައި ވެސް މުޅި ރާއްޖެ ޝާމިލުވާ ގޮތަށް މެޓް އޮފީހުން ވަނީ މޫސުމީ އެލާޓެއް ދީފައެވެ.
ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން ކަނޑުމަތީގެ ހާދިސާތައް ހިނގުމުގެ ފުރުސަތު ބޮޑުވާތީ، އުޅަނދުފަހަރުގައި ލައިފްޖެކެޓާއި، ޕަންޕު އަދި މުވާސަލާތީ އާލާތްތައް ރަނގަޅަށް މަސައްކަތްކުރޭތޯ ބެލުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އަބަދުވެސް ހަނދާންކޮށްދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...