ޚަބަރު

ފަލަސްތީނުގެ ރައީސް، ނައިބު ރައީސެއް އައްޔަން ކުރުމަށް ނިންމައިފި

ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް, ނައިބު ރައީސެއްގެ މަޤާމު އުފައްދަވައި، ފަތަޙް ޙަރަކާތުން ވަކިކުރެވިފައިވާ އެންމެހައި މެންބަރުންނަށް މަޢާފު ދެއްވާނެ ކަމަށް އިޢުލާން ކުރައްވައިފިއެވެ.

ޢައްބާސް މި އިޢުލާން ކުރެއްވީ އަންގާރަ ދުވަހު މިޞްރުގައި ބޭއްވުނު ޢަރަބި ޤައުމުތަކުގެ ކުއްލި ބައްދަލުވުމުގައެވެ. މި ބައްދަލުވުމަކީ ޣައްޒާ އަލުން ބިނާކުރުމާ ގުޅޭ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ.

“އަޅުގަނޑުމެން ވަނީ ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީ.އެލް.އޯ) އަދި ފަލަސްތީން ދައުލަތަށް ނައިބު ރައީސެއްގެ މަޤާމު އުފައްދައި، އެ މަޤާމަށް މީހަކު އައްޔަން ކުރުމަށް ނިންމާފައި،” ރައީސް އައްބާސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް އައްބާސް ވަނީ ފަތަޙް ޙަރަކާތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި، އެ ޙަރަކާތުން ވަކިކުރެވިފައިވާ އެންމެހައި މެންބަރުންނަށް މަޢާފު ދެއްވާނެ ކަމަށްވެސް އިޢުލާން ކުރައްވާފައެވެ.

“ފަތަޙް ޙަރަކާތުގެ އެއްބައިވަންތަކަން އަޅުގަނޑުމެން ގާއިމު ކުރުމުގެ ގޮތުން، ފަތަޙްއިން ވަކިކުރެވިފައިވާ އެންމެހައި މެންބަރުންނަށް ޢާންމު މަޢާފެއް ދިނުމަށް ވަނީ ނިންމާފައި،” ރައީސް އައްބާސް ވިދާޅުވިއެވެ.

މި ނިންމުންތަކަކީ ފަލަސްތީނުގެ ސިޔާސީ މަޝްރަޙުގައި މުހިންމު ބަދަލުތަކެއް ގެނުވާނެ ނިންމުންތަކެއް ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް ނައިބު ރައީސެއްގެ މަޤާމު އުފެއްދުމަކީ ފަލަސްތީނުގެ ވެރިކަމުގެ ނިޒާމަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ސިޔާސީ ފަރާތްތަކުން ފާހަގަކުރެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close