ޚަބަރު

“އިންކަމް ސަޕޯޓު އެލަވަންސް” އަށް ހުށަހަޅައިފިންތޯ؟

ކޮވިޑް-19 ގެ ސަބަބުން ދިމާވަމުންދާ އިޤްތިޞާދީ އަސަރުތަކުގެ ސަބަބުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުން “އިންކަމް ސަޕޯޓު އެލަވަންސް” އަށް އެދި ފޯމް ހުށަހެޅުމަށް ސަރުކާރުން ވަނީ އިޢުލާންކުރައްވާފައެވެ.

ނަމަވެސް މިހާތަނަށް ގިނަބަޔަކަށް އެފުރުޞަތުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފިފައި ނުވާތީއާއި އަދި ފޯމު ހުށަހަޅާފައި ނުވާ ފަރާތްތަކަށް ފޯމު ހުށަހަޅަން ސުންގަޑިތަކެއް ކަނޑައަޅުއްވައިފިއެވެ.

އިންކަމް ސަޕޯޓް އެލަވެންސް އަކީ ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކުގެ އާމްދަނީ އަށް ކޮވިޑް19 ގެ ސަބަބުން އައިސްފައިވާ ނުރަނގަޅު އަސަރުގެ ސަބަބުން އެ ފަރާތްތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ސަރުކާރުން ދިނުމަށް ހަމަޖައްސާފައިވާ އެލަވެންސެކެވެ. މި އެލަވަންސް ދޭނީ މާޗް 1، 2020 ގެ ފަހުން، ކޮވިޑް19 ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކޮށްފައިވާ ފަރާތްތަކަށާއި މުސާރަ ނުލިބޭގޮތަށް ނޯޕޭ ލީވް އަށް ފޮނުވާލާފައިވާ ފަރާތްތަކަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބަޔެއް އުނިކޮށްފައިވާ ފަރާތްތަކަށެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާންގައި ވަނީ މިހާތަނަށް އިންކަމް ސަޕޯޓް އެލަވަންސަށް އެދި ފޯމް ހުށަހަޅާފައި ނުވާ ފަރާތްތަކަށް ފޯމު ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީހްތައް އިއުލާންކޮށްފައެވެ. އެ ގޮތުން މާޗު 1 އިން 30 އޭޕްރީލްގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތައް ފޯމު ހުށަހެޅުމުގެ ސުންގަޑި ކަމަށް ކަނޑައަޅާފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހަމައެއާއެކު މި މަހުގެ 1 އިން މި މަހުގެ 30 ގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 7 ވަނަ ދުވަސް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި އަންނަ މަހުގެ 1 އިން އަންނަ މަހުގެ 30ގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތައް ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ ޖުލައި މަހުގެ 7 ވަނަ ދުވަސް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މި އުސޫލުގެ ދަށުން އެލަވެންސް ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޭޕްރީލް މަހާއި، މޭ މަހާއި އަދި ޖޫން މަހަށެވެ.

މި އެލަވެންސް ދޭނީ ރާއްޖޭގައި މަސައްކަތްކުރާ، ދިވެހިންނަށެވެ. އަދި އެއީ، މާޗު އެކަކާއި ހަމައަށް ވަޒީފާގައި ދެމިހުރި އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހަކަށް ވާން ޖެހޭނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close