ޚަބަރު

ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރު އިންޑިއާއިން ދީފި


ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް އެހީތެރި ވުމަށްޓަކައި ދިވެހި ސަރުކާރަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރު އިންޑިއާ ސަރުކާރުން ފޯރުކޮށްދީފިއެވެ.

ބަޖެޓަރީ ސަޕޯޓްގެ ގޮތުގައި ހަވާލުކުރެވިފައިވާ 250 މިލިއަން ޑޮލަރު ފޯރުކޮށްދެވިފައިވަނީ، ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދްރަ މޯދީ ގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ދެންނެވުމުންނެވެ. އަދި މި އެހީ ފޯރުކޮށްދެވިފައިވަނީ ދިވެހި ސަރުކާރަށް އެންމެ ލުއި އަދި އެންމެ ހެޔޮ ޓާމް ތަކުގެ ދަށުންކަމުގައި ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މާލީ އެހީގެ މި އަދަދު ފޯރުކޮށްދިނުމަށްޓަކައި އިންޑިއާ ސަރުކާރުން ވަނީ އެސްބީއައި އަށް ސޮވެރިން ގެރެންޓީ ފޯރުކޮށްދީފައެވެ. 10 އަހަރު ދުވަހުގެ ޓެނިއާ އަކާއިއެކު ފޯރުކޮށްދެވޭ 250 މިލިއަން ޑޮލަރުގެ މި ‘ސޮފްޓް ލޯން’ ގެ އިންޓްރެސްޓް ރޭޓް ވެސް ވަރަށް ކުޑައެވެ. އަދި ޕްރިންސިޕަލް ޕޭމެންޓް އަދާ ކުރަން ޖެހެނީ 10 އަހަރު ފަހުން ކަމުން، އަހަރަކު ދެ ފަހަރު އަދާކުރަންޖެހޭ އިންޓްރެސްޓް ޕޭމެންޓްގެ އިތުރުން، ވަގުތުން އަންނަ ދަރަނީގެ ދަތިކަމެއް ނެތެވެ. މިފަދަ ގޮތަކަށް އިންޑިއާއިން އެހީ ފޯރުކޮށްދީފައިވާ ހަމައެކަނި ގައުމަކީ ދިވެހިރާއްޖެއެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވުނު މި ރަސްމިއްޔާތުގައި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުރުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މާލެ ބްރާންޗްގެ ސީއީއޯ ބަރަތު މިޝްރާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close