ޙައްޖުން އެނބުރި އަންނަ މީހުން 14 ދުވަސް ވަންދެން ބަލީގެ އަލާމާތްތަކަށް ސަމާލުވުމަށް އެޗްޕީއޭއިން އަންގައިފި

ޙައްޖުގެ މުޤައްދަސް އަޅުކަން ނިންމުމަށްފަހު ދިވެހި ޙައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާފައިވާ މި ދަނޑިވަޅުގައި، ރާއްޖެ އަންނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް އަމިއްލަ ޞިއްޙީ ހާލަތު ރަނގަޅަށް މޮނިޓަރކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ ގިނަ ބަޔަކު އެއްވެ އުޅޭ ތަނަކަށް ގޮސްފައި އައުމުން ބަލީގެ އަލާމާތެއް ވަގުތުން ފެންނަން ނެތް ނަމަވެސް، ރޯގާގެ އެއްވެސް އަސަރެއް ހުރިތޯ ބެލުމަކީ ބަލި ފެތުރުން ހުއްޓުވުމަށް މުހިންމު ކަމެއް ކަމަށެވެ.
ރާއްޖޭގައި މިދުވަސްވަރު ޑެންގީ އާއި އިންފްލުއެންޒާ ފަދަ ބަލިތައް އިތުރުވަމުންދާތީ، ޙައްޖުވެރިންނާއި އެމީހުންގެ އާއިލާތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ސިއްހީ މާހިރުން ބާރުއަޅުއްވައެވެ. ވަކިން ޚާއްޞަކޮށް ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، އުމުރުން ދުވަސްވީ މީހުން ފަދަ ބަލިތަކުގެ ނުރައްކާ ބޮޑު “ހައި ރިސްކު” މީހުން މިފަދަ ރޯގާތަކުން ރައްކާތެރިކުރުމަށް ގޭތެރޭގައިވެސް ފިޔަވަޅުތައް އެޅުމަށާއި، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.
ބަލިން ރައްކާތެރިވުމުގެ ގޮތުން ގިނަގިނައިން އަތްދޮވުމާއި، ކެއްސާ ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމުގެ އިތުރުން ބަލިވެ އުޅޭނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވަނީ އަންގާފައެވެ. އަދި ޙައްޖުން އެނބުރި އަންނަ ފަރާތްތަކުން އެޗްޕީއޭއިން މީސްމީޑިއާ މެދުވެރިކޮށް ދެމުންދާ ޞިއްޙީ އިރުޝާދުތަކަށް ބޯލެނބުމަކީ މުޅި މުޖުތަމައުގެ ސަލާމަތަށް ކޮންމެހެން މުހިންމު ކަމެއް ކަމުގައި އެ އެޖެންސީން ފާހަގަކުރެއެވެ.

