ޝިއާއު މަރައިލުމުގައި އަޑިނޭންގޭ ކަންތައްތަކެއް
ރަހުމުކުޑަ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލާފައި ވަނީ ސީދީ ކޮންސަބަބަކާ ހުރެކަމެއް އަދިވެސް އަދިވެސް ކަށަވަރު ނުކުރެވޭކަމަށާއި، އެކަމުގައި އަޑިނޭންގޭ ކަންތައްތަކެއް ވެދާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ޝިއާއު މަރާލައިފައި އޮއްވާ ފެނުނީ އޮގަސްޓް މަހުގެ ހަ ވަނަ ދުވަހު ހ. ޝީރީން ވިލާ އިންނެވެ. އަދި އޭނާ މަރާލުމަށް ފަހު އޮތީ ބޮލާއި ހަށިގަނޑުގެ އެކި ތަންތަން ބުރިވެސް ކޮށްލައިފައެވެ.
ފުލުހުން ތަހުގީގުކުރަމުންދާ ތިން މައްސަލައަކާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާޙަކަ ދައްކަވަމުން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ސުޕްރިންޓެންޑް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ، ޝިއާއުގެ މަރަކީ ރޭވިގެން ހިންގާފައިވާ އަމަލެއްކަމަށް ތަހުގީގަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
މިހާތަނަށް ލިބުނު ހެކިތަކަށް ބަލާއިރު، ޝިއާއު މަރާލާފައި ވަނީ ކުއްލިއަކަށް ދިމާވި ކަމެއްގެ ސަބަބުން ކަމަށް ވުން ގާތް ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
“އެ މުޅި އިންސިޑެންޓަށް ބަލާލުމުން ފާހަގަކުރެވޭ އެއްކަމެއް އެއީ، ޕްލޭންޑް ކަަމަކަށް ވުމަށް ވުމަށްވުރެ ސަޑަން އިންސިޑެންޓަކަށް ވުން ގާތްކަން” ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ޝިއާގެ މަރާލުމަކީ ރާވައިގެން ކުރި ކަމެއް ނަމަ ގިނަ ރޭވުންތަކެއް އެކަމުގެ ފަހަތުގައި އޮންނާނެ ކަމަށާއި، ނަމަވެސް އެފަދަ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
އޭނާގެ މަރާއި ގުޅިގެން އުމުރުން 23 އަހަރުގެ ރާއްޖޭގެ ޒުވާން ސްކޭޓަރު އަލީ ޝާހިލް ވަނީ ހައްޔަރުކޮށްފައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާޙަކަ ދައްކަވަމުން ސައީދު އިތުރަށް ވިދާޅުވެފައި ވަނީ ޝިއާއުގެ މަރުގެ މައްސަލަ އާއި ގުޅިގެން ހައްޔަރުކުރެވުނު ޝާހިލްގެ ފަރާތުން އަމިއްލައަށް ކުށަށް އިއުތިރާފްވެފައި ނުވާ ކަމަށާއި، ނަމަވެސް ކޮންމެވެސް މިންވަރަކަށް މި ހާދިސާއާއި ގުޅިގެން އޭނާއާ ވާހަކަ ދެއްކިފައިވާ ކަމަށެވެ. މި ހާދިސާއާއި ގުޅިގެން ވާހަކަ ދެއްކުމަށް ޝާހިލް ދެކޮޅު ހަދަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.
މިހާތަނަށް ޝާހިލްގެ ފޯނުގެ ޕާސްވޯޑު ޖެހުމަށްވެސް އޭނާ ދެކޮޅު ހަދާފައިވާކަމަށާއި، ފުލުހުން ކުރި މަސައްކަތުން ފޯނަށް އެކްސެސް ވެވިފައިވާކަމަށް ސައީދު ވިދާޅުވިއެވެ.
“ފޯނުގެ އެކްސްޓްރެކްޝަން ޑާޓާތައް ފެށޭ ހަފުތާގެ ކުރީކުޅޮ އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް ގަބޫލުކުރެވެނީ. އެހިސާބުން އަޅުގަނޑުމެންނަށް މޯޓިވް އައިޑެންޓިފައި ކުރަން އަދި އިތުރު ހެކިތަކެއް ލިބިގެންދާނެ ކަމަށް، އަޅުގަނޑުމެންނަށް މިހާތަނަށް ތަހުގީގަށް ލިބިފައިހުރި މައުލޫމާތުތަކުން ގަބޫލުކުރެވޭ.” ފުލުހުން ވިދާޅުވިއެވެ.


