ރޮނާލްޑޯ ޓެޓޫ ނުޖަހަން ނިންމި ސަބަބު މިއޮތީ!

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ވިދުންގަދަ އެއް ތަރި ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ހަށިގަނޑުގައި ޓެޓޫ ނުޖަހަން ނިންމި ސަބަބު މިއޮތީ ފެންނާށެވެ. މިއަދުގެ މަޝްހޫރު ގިނަ އެތުލީޓުންނާއި ފުޓްބޯޅަ ކުޅުންތެރިންގެ ހަށިގަނޑު އެކި ކަހަލަ ކުރެހުންތަކާއި ޓެޓޫތަކުން ފުރާލާފައިވާއިރު، ރޮނާލްޑޯ މިކަމާ މުޅިން ދުރުހެލިވެ ހުރުމުގެ ފަހަތުގައި ވަނީ ދުނިޔެ ހައިރާންކޮށްލާފަދަ އަސަރުގަދަ އަދި އިންސާނިއްޔަތުކަމުން ފުރިގެންވާ ސަބަބެކެވެ.
އޭނާ ހަށިގަނޑުގެ އެއްވެސް ތަނެއްގައި ޓެޓޫއެއް ނުޖެހުމަށް ނިންމި މައިގަނޑު ސަބަބަކީ ގަވާއިދުން ލޭ ހަދިޔާކުރުމުގެ މާތް އާދައެވެ. ޓެޓޫއެއް ޖެހުމުން، އެކި ކަހަލަ އިންފެކްޝަންތަކުން ރައްކާތެރިވުމަށްޓަކައި ދުނިޔޭގެ ގިނަ ގައުމުތަކުގައި ދިގު މުއްދަތަކަށް، އެބަހީ އެތައް މަހެއް ނުވަތަ އަހަރެއްހާ ދުވަހަށް ލޭ ހަދިޔާކުރުން މަނާވެގެންދެއެވެ. މީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ގަވާއިދުން ލޭ ދެމުންގެންދާ ރޮނާލްޑޯ ބޭނުންވަނީ އެއްވެސް މެދުކެނޑުމެއްނެތި މި ހެޔޮ އަމަލުގައި ދެމިހުންނާށެވެ.
ލޭ ހަދިޔާކުރުމުގެ އިތުރުން، އޭނާއަކީ ބޯން މެރޯ ވެސް ހަދިޔާކޮށްފައިވާ ދީލަތި އެހީތެރިއެކެވެ. މިކަން ފެށިގެންައީ އޭނާގެ ކުރީގެ ޓީމްމޭޓެއް ކަމަށްވާ ކާލޮސް މާޓިންސްގެ ދަރިފުޅަށް ބޯން މެރޯ ބޭނުންވި ދަނޑިވަޅެއްގައެވެ. އެ ކުއްޖާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ރޮނާލްޑޯ އިސްނަގައި، ބޯން މެރޯ ހަދިޔާކުރަން ފެށި ފެށުމާއެކު އޭނާ ވެގެންދިޔައީ ހަމައެކަނި ކުޅިވަރުގެ ބަތަލަކަށް ނޫނެވެ، އިންސާނިއްޔަތުގެ ބަތަލަކަށެވެ.
ރޮނާލްޑޯގެ އިންސާނިއްޔަތުކަން ހަމައެކަނި އޭނާގެ ހަށިގަނޑުން ކުރާ ހަދިޔާތަކުން ނިންމާލެވޭކަށް ނެތެވެ. އޭނާއަކީ ދުނިޔޭގެ އެކި ކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް އެހީތެރިވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ރެފިއުޖީ އަދި ކުޑަކުދިންގެ ޖަމްއިއްޔާތަކުގެ ގްލޯބަލް އެމްބެސެޑަރެކެވެ. ހާއްސަކޮށް ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ސީރިއާގެ ކުދިންނަށް މާލީ ގޮތުންނާއި މައުނަވީ ގޮތުން އޭނާ ވެދެމުންދާ އެހީތެރިކަމަކީ މުޅި ދުނިޔޭގެ ތައުރީފު އޮހެމުންދާ ކަމެކެވެ.
މީގެ އިތުރުން، ބޮޑެތި ބަލިތަކަށް ފަރުވާކުރާ ކުޑަކުދިންގެ ބޭސްފަރުވާއަށް ރޮނާލްޑޯ ކުރާ ހޭދަ ފާހަގަކޮށްލެވެއެވެ. ސިކުނޑީގެ އޮޕަރޭޝނެއް ކުރަންޖެހުނު 10 މަހުގެ ކުއްޖެއްގެ މުޅި އޮޕަރޭޝަންގެ ހަރަދާއި، ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދިޔަ ކުދިންގެ ބޭސްފަރުވާގެ ހުރިހާ ޚަރަދެއް އޭނާ އަމިއްލައަށް ބަލަހައްޓާފައިވާ މިއީ އޭނާގެ ދީލަތިކަން ހާމަވާ އަލިގަދަ ހެކިތަކެވެ. ބޯޅަ ކުޅެގެން ލިބޭ ރަން ބޫޓާއި އެވޯޑުތައް ނީލަމުގައި ވިއްކާލައިގެން ލިބޭ މިލިއަނުން ޑޮލަރު ވެސް އޭނާ ހަދިޔާކުރަނީ ސުކޫލުތައް ބިނާކުރުމަށާއި ފަގީރުންނަށް އެހީވުމަށެވެ.
މި ހުރިހާ ސަބަބުތަކަށްޓަކައި، ރޮނާލްޑޯ ޓެޓޫ ނުޖެހުމަށް ނިންމި ނިންމުމަކީ އޭނާގެ އަމިއްލަ ރީތިކަމާއި ފެޝަނަށްވުރެ، އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ދިން އިސްކަމެކެވެ. މިއީ މުޅި ދުނިޔެއަށްވެސް އޭނާ ދައްކައިދިން ނަމޫނާ އެއްކަމެއްކަމުގައި މިއަދު ވަނީ ވެފައެވެ.

