ޤަޠަރުގެ ނޮން-އެނާޖީ ސެކްޓަރަށް ހަނގުރާމައިގެ އަސަރުކޮށް، ޕީ.އެމް.އައި އިންޑެކްސް 38.7 އަށް ދަށްވެއްޖެ

ސަރަޙައްދީ ހަމަނުޖެހުންތަކުގެ ސަބަބުން ވިޔަފާރިތަކަށް އޮތް ޑިމާންޑް ދަށްވެ، ޤަޠަރުގެ ނޮން-އެނާޖީ (ހަކަތައިގެ ދާއިރާ ނޫން އެހެން ދާއިރާތައް) އަމިއްލަ ސެކްޓަރުގެ ކުރިއެރުން ވަރަށް ބޮޑަށް ހީނަރުވެއްޖެއެވެ. މިގޮތުން ފެބްރުއަރީ މަހު 50.6 ގައި ހުރި ޕަރޗޭސިންގ މެނޭޖާސް އިންޑެކްސް (ޕީ.އެމް.އައި) މާރިޗު މަހު ވަނީ 38.7 އަށް ދަށްވެފައެވެ.
އެސް އެންޑް ޕީ ގްލޯބަލް ޕީ.އެމް.އައިގެ މި ހިސާބުތަކުން ދައްކާގޮތުގައި، އިޤްތިޞާދީ ކުރިއެރުމާއި ހީނަރުކަން ވަކިކޮށްދޭ 50 ގެ މިންގަނޑަށްވުރެ މިއަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ވިޔަފާރީގެ މާޙައުލަށް މިހާ ބޮޑު ލޮޅުމެއް އައި ފުރަތަމަ ފަހަރެވެ.
މި ހީނަރުކަން އައުމުގެ މައިގަނޑު ސަބަބަކީ އަލަށް ފަށާ ވިޔަފާރިތައް ވަރަށް ބޮޑަށް މަދުވުމެވެ. 2017 ވަނަ އަހަރު މި ދިރާސާ ފެށިފަހުން މިހާ ބާރުމިނެއްގައި ވިޔަފާރިތައް މަދުވި މިއީ ފުރަތަމަ ފަހަރެވެ. ގިނަ ކުންފުނިތަކަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މަސައްކަތްތައް ލަސްވުމާއި، އޮޕަރޭޝަންތައް މެދުކަނޑާލަން ޖެހުމުގެ އިތުރުން، އައު މަޝްރޫޢުތަކަށް އިންވެސްޓްކުރުމަށް ކަސްޓަމަރުންނާއި އިންވެސްޓަރުން ފަސްޖެހެމުންދެއެވެ.
ޤަޠަރުގެ އިޤްތިޞާދަށް މި ލޮޅުން އަންނަން ފަށާފައިވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން މަސްރަޙް ގޯސްވަމުންދާ ދަނޑިވަޅެއްގައެވެ. މި ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުފަތުރާއި މުދާ އުފުލާ ކަނޑުބޯޓުފަހަރުގެ ދަތުރުތަކަށް ބޮޑެތި ބުރޫ އަރައި، ގަލްފު ސަރަޙައްދުގެ އިޤްތިޞާދީ ޔަޤީންކަން ވަނީ ކުޑަވެފައެވެ.
މުޅި ސަރަޙައްދަށް ބަލާއިރު، ޔޫ.އޭ.އީގެ ޕީ.އެމް.އައި 55 އިން 52.9 އަށް ދަށްވެފައިވާއިރު، ކުވެއިތުގެ އިންޑެކްސް ވަނީ 54.5 އިން 46.3 އަށް ވެއްޓިފައެވެ. އަދި މިޞްރުގެ އިންޑެކްސް ވެސް ވަނީ 48.9 އިން 48 އަށް ދަށްވެފައެވެ.
މި ރިޕޯޓާ ގުޅޭގޮތުން އެސް އެންޑް ޕީ ގްލޯބަލް މާކެޓް އިންޓެލިޖެންސްގެ އިޤްތިޞާދީ ޑައިރެކްޓަރު ޓްރެވަރ ބަލްޗިން ވިދާޅުވީ، މާރިޗު މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މެދުއިރުމަތީގައި ފެށުނު ހަނގުރާމައިގެ ނޭދެވޭ އަސަރު ޤަޠަރުގެ އިޤްތިޞާދަށް ވަގުތުން ކޮށްފައިވާ ކަމަށެވެ. 2020 ވަނަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ފުރަތަމަ މަރުޙަލާއަށްފަހު، ޕީ.އެމް.އައި މިހާ ދަށަށް ދިޔަ މިއީ ފުރަތަމަ ފަހަރުކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އައު ވިޔަފާރިތައް މަދުވުމުގެ ސަބަބުން އިޤްތިޞާދީ މިންގަނޑުތައް ވަނީ ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައެވެ. ގިނަ ކުންފުނިތަކަކުން މަސައްކަތްތައް ހުއްޓާލަން ޖެހުމާއި، އިންވެސްޓަރުން އައު އެއްބަސްވުންތައް ހެދުމަށް ޖެހިލުންވުމަކީ މީގެ މައިގަނޑު ސަބަބެވެ.
ރިޕޯޓުގައިވާ ގޮތުން، ވިޔަފާރިތަކުގެ އުފެއްދުންތެރިކަން މެދުނުކެނޑި ހަތަރުވަނަ މަހަކަށް ދަށަށް ގޮސްފައިވާއިރު، މާރިޗު މަހު މި ދަށްވުން ހުރީ ކުރީގެ މަސްތަކަށްވުރެ ބާރުމިނެއްގައެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކުރިއަށް އޮތް އަހަރުގެ އުންމީދުތައް ވެސް ވަނީ ފަނޑުވެފައެވެ. ޤަޠަރުގެ ނޮން-އެނާޖީ ދާއިރާގެ 70 އިންސައްތަ ކުންފުނިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި އުފެއްދުންތެރިކަން އިތުރަށް ދަށަށްދާނެއެވެ.
މި ނާއުންމީދީ ވިސްނުމުގެ މައިގަނޑު ސަބަބަކީ ސަރަޙައްދީ ހަމަނުޖެހުން ކަމަށް ސަރވޭގައި ބައިވެރިވި ފަރާތްތަކުން ބުނެފައިވެއެވެ. ހަނގުރާމަ ދިގުލައިގެން ހިނގައްޖެނަމަ، މާރކެޓުގެ ޙާލަތު އިތުރަށް ގޯސްވެ، އިންވެސްޓަރުންގެ އިތުބާރު ގެއްލި، ޚާއްޞަކޮށް ރިއަލް އެސްޓޭޓް ދާއިރާގެ މަސައްކަތްތައް މަޑުޖެހޭނެ ކަމަށް އެފަރާތްތަކުން ދެކެއެވެ.
ގިނަ ކުންފުނިތަކަކުން ލަފާކުރާ ގޮތުގައި ހަނގުރާމަ މެދުނުކެނޑި ކުރިއަށްދާނަމަ، އިޤްތިޞާދީ ހީނަރުކަމަކާ ކުރިމަތިލާން ޖެހިދާނެއެވެ. އަދި ތަރައްޤީގެ މަޝްރޫޢުތަކަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމުގެ ބިރު ވެސް ވަނީ ފާޅުކޮށްފައެވެ.
“އައު މަސައްކަތްތައް މަދުވުމުގެ ސަބަބުން އުފެއްދުންތެރިކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި. އަދި 70 އިންސައްތަ ކުންފުނިން ކުރިއަށް އޮތް އަހަރާމެދު ދެކެނީ ނާއުންމީދީ ގޮތަކަށް،” ބަލްޗިން ވިދާޅުވިއެވެ. ނަމަވެސް، އިޤްތިޞާދު އަލުން އިއާދަވާނެ ދުވަހެއް ނުވަތަ ދިގު މުއްދަތުގެ ކުރިމަގު މިހާ އަވަހަށް އަންދާޒާކުރަން ދަތިކަމަށް އޭނާ ވިދާޅުވިއެވެ.
މަސައްކަތްތައް މަދުވުމާ ގުޅިގެން، ކުންފުނިތަކުން މުދާ ގަތުމުގެ ހަރަކާތްތައް ވެސް ވަނީ 2020 ވަނަ އަހަރުގެ ޖޫން މަހަށްފަހު އެންމެ ބޮޑަށް ދަށްވި މިންވަރަށް ދަށްކޮށްފައެވެ. މިއީ ވިޔަފާރި މަޑުޖެހުމާއި، ރައްކާކޮށްފައި ހުރި މުދާ ބޭނުންކުރުމުގައި ގެންގުޅޭ ރައްކާތެރި ސިޔާސަތުގެ ސަބަބުން އައި ބަދަލެއް ކަމަށް ބެލެވެއެވެ.
