ރިޕޯޓް

އިންތިޚާބުގެ ނަތީޖާ: ސަރުކާރަށް ދިން ސާފު މެސެޖެއް

އިއްޔެ (4 އެޕްރީލް 2026)ގައި މުޅި ރާއްޖޭގައި ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ނަތީޖާއަކީ ދިވެހި ސަރުކާރަށް ރައްޔިތުން ދިން ވަރަށް ބާރުގަދަ އަދި އެހާމެ ސާފު މެސެޖެކެވެ. މި އިންތިޚާބުގެ ނަތީޖާ އިއުލާނުވެގެން ދިޔައިރު، ސަރުކާރު ހިންގާ ކޯލިޝަނަށް ވަނީ މާލެ ސިޓީ ހިމެނޭހެން ރާއްޖޭގެ ބޮޑެތި ހުރިހާ ސިޓީތަކެއްގެ މޭޔަރުކަން ގެއްލި، ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. މިއީ ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި ރައްޔިތުންގެ އިތުބާރު އޮތް މިންވަރު ވަޒަންކޮށްލުމަށް ލިބުނު ފުރުސަތަކަށް ވާއިރު، ނަތީޖާއިން ދައްކައިދެނީ ސަރުކާރުގެ މިސްރާބާ މެދު ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށް، ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ވައުދުތަކާއެކުގައެވެ. ނަމަވެސް، ވެރިކަމުގެ ކުރީކޮޅު ފެނިގެންދިޔައީ ކުރީގެ ސަރުކާރުތަކުންވެސް އަމަލުކުރި ގޯސް އާދަތައް ތަކުރާރުވަމުންދިޔަ މަންޒަރެވެ. ޚާއްޞަކޮށް އިންތިޚާބާ ދިމާކޮށް ރައްޔިތުންގެ ވޯޓު ހޯދުމަށްޓަކައި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގި ހަރަކާތްތަކަކީ މި ނަތީޖާ ސަރުކާރާ ދެކޮޅަށް އެނބުރިގެން ދިޔަ އެއް ސަބަބު ކަމަށް ބެލެވެއެވެ.

މިގޮތުން އިންތިޚާބަށް އެންމެ ދެތިން ދުވަހަށް ވެފައި ވަނިކޮށް، ހިޔާ ފްލެޓްތަކުގެ ކުލި ދެ އަހަރު ދުވަހަށް މައާފުކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. ހަހާހަށްވުރެ ގިނަ އާއިލާ ދިރިއުޅޭ މި ފްލެޓްތަކަކީ ބޮޑު ލޯނެއް ނަގައިގެން ބިނާކޮށްފައިވާ ތަންތަނަށް ވާއިރު، ކުއްލި ގޮތަކަށް މިފަދަ ނިންމުމެއް ނިންމުމަކީ ދައުލަތުގެ އާމްދަނީއަށް އޭގެ ނުރަނގަޅު އަސަރު ފޯރާނެ ކަމެކެވެ. މިއީ ސީދާ ވޯޓަށް ނުފޫޒު ފޯރުވުމަށް ކުރި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި ނަމަވެސް، އިންތިޚާބުގެ ނަތީޖާއިން އެނގުނީ ރައްޔިތުން މިފަދަ “ސިޔާސީ ހަދިޔާ” ތަކަށްވުރެ ބޮޑަށް އިސްކަންދެނީ ދެމެހެއްޓެނިވި ސިޔާސަތުތަކަށް ކަމެވެ.

ހަމައެއާއެކު، އިންތިޚާބާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކުން ކުއްލި ގޮތަކަށް އެތައް ހާސް ވަޒީފާއެއް އުފެއްދި މައްސަލައަކީވެސް އާންމުންގެ ފާޑުކިޔުން އަމާޒުވި ކަމެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހަމައެކަނި އެމްޓީސީސީންވެސް މާރިޗު މަހުގެ ތެރޭގައި އެތައް ސަތޭކަ ވަޒީފާއަކަށް މީހުން ނަގާފައިވެއެވެ. މީގެ އިތުރުން ފެނަކައާއި، އާރުޑީސީ އަދި އެޗްޑީސީ ފަދަ މުއައްސަސާތަކުންވެސް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވަނީ ގައުމުގެ މާލީ ހާލަތު ނާޒުކުވެ، ޚަރަދު ކުޑަކުރަން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.

ސަރުކާރުގެ ހިންގުމުގެ ނިޒާމަށް ބަލާއިރު، ބާރުތައް އެއްކުރުމާއި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުތައް ވަނީ އިތުރުވެފައެވެ. ޚާއްޞަކޮށް ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ނުފޫޒު ފޯރުވުމަށް ކުރެވުނު ކަމަށް ބުނާ މަސައްކަތްތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ ގޮތްގޮތަށް އަމަލުކުރުމަކީ ޑިމޮކްރެޓިކް އުސޫލުތަކާ ބީރައްޓެހި ކަންކަމެވެ. މިފަދަ ކަންކަމުގެ ސަބަބުން ސަރުކާރާ މެދު އޮތް އިތުބާރު ކުޑަވެ، ރައްޔިތުންގެ ނުރުހުން އިންތިޚާބުގައި ވަނީ ހާމަވެފައެވެ.

ދައުލަތުގެ މާލީ ހާލަތަށް ބަލާއިރު، ބަޖެޓުގެ ބޮޑު ބައެއް ހޭދަކުރަނީ ސިޔާސީ މަގާމުތަކަށާއި މުވައްޒަފުންގެ މުސާރަ ފަދަ ރިކަރަންޓް ޚަރަދުތަކަށެވެ. ގައުމުގެ އުމްރާނީ ތަރައްގީއަށް ކުރާ ހޭދަ ދަށްވެފައިވާއިރު، ގާބިލު މީހުންނަށް ބެލުމެއް ނެތި ސިޔާސީ ގޮތުން ވަޒީފާތައް ބަހަމުންދިއުމަކީ އިގްތިސާދީ ގޮތުން ކުރެވޭ ވަރަށް ނުރައްކާތެރި ކަމެކެވެ. މިކަމުގެ ސަބަބުން ތަރައްގީގެ މަޝްރޫއުތައް މަޑުޖެހި، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތަކަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާކަން ފާހަގަކުރެވެއެވެ.

އިންތިޚާބުގެ ނަތީޖާއިން ބުނެދެނީ ދިވެހި ރައްޔިތުންނަކީ ސިޔާސީ ގޮތުން ނުހަނު ހޭލުންތެރި ބައެއް ކަމެވެ. ހަމައެކަނި ވާހަކަދެއްކުމާއި، އިންތިޚާބާ ދިމާކޮށް ކުރާ އިޚުލާސްތެރިކަމެއް ނެތް ކަންކަމުން ރައްޔިތުންގެ ވިސްނުން ބަދަލުނުކުރެވޭނެކަން މިވަނީ ސާބިތުވެފައެވެ. ރައްޔިތުން ބޭނުންވަނީ ދެފުށް ފެންނަ، ހަރުދަނާ ސިޔާސަތުތަކެއްގެ މަތީގައި ހިންގާ ސަރުކާރަކާއި، ގައުމުގެ މުއްސަނދިކަން ވަކި ބަޔަކަށް ބެހުމުގެ ބަދަލުގައި މުޅި ގައުމަށް ފައިދާހުރި ގޮތަކަށް ކަންކަން ނިންމާނެ ވެރިއެކެވެ.

އިދިކޮޅު އެމްޑީޕީން މާލެއާއި އެހެނިހެން ބޮޑެތި ސިޓީތައް ކާމިޔާބުކުރުމަކީ ސަރުކާރަށް ލިބުނު ވަރަށް ބޮޑު ގޮންޖެހުމެކެވެ. މިއީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ދިން “ރަތް ކާޑެއް” ކަމަށް ބައެއް ސިޔާސީ މާހިރުން ސިފަކުރެއެވެ. އެހެންކަމުން، ސަރުކާރުން މި ނަތީޖާއިން އިބުރަތް ހާސިލުކޮށް، މިހާރު ގެންގުޅޭ ސިޔާސަތުތައް މުރާޖައާކުރަން ޖެހެއެވެ. ޚާއްޞަކޮށް ޚަރަދު ކުޑަކުރުމަށާއި، ކޮރަޕްޝަނާއި ނުފޫޒުން އެއްކިބާވެފައިވާ ހިންގުމުގެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން އިސްކަންދޭން ޖެހެއެވެ.

ކުރިއަށް އޮތް ތަނުގައި، އިންތިޚާބުވި އައު މޭޔަރުންނާއި ކައުންސިލަރުންނާ ގުޅިގެން މަސައްކަތްކުރުމުގެ މާހައުލެއް އުފެއްދުމަކީ ސަރުކާރުގެ މައްޗަށް އޮތް ލާޒިމު ކަމެކެވެ. ސިޔާސީ ތަފާތުކުރުންތައް އެއްކައިރިކޮށް، ރައްޔިތުންގެ ބޭނުންތަކަށް އިޖާބަދިނުމަކީ ގައުމުގެ ހަމަޖެހުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. ނޫންނަމަ، ރައްޔިތުންގެ މެދުގައި އޮތް ނުރުހުން އިތުރުވެ، ކުރިއަށް އޮތް އާންމު އިންތިޚާބުތަކުގައި ސަރުކާރަށް މިއަށްވުރެ ބޮޑެތި ލޮޅުންތަކެއް އެރުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

ޖުމްލަގޮތެއްގައި ބަލާއިރު، މި އިންތިޚާބަކީ ސަރުކާރަށް އަމިއްލަ ނަފްސު އިޞްލާޙުކުރުމަށް ރައްޔިތުން ދިން ފަހު ފުރުސަތު ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ. ރައްޔިތުންގެ މެސެޖު ސާފެވެ. އެމީހުން ބޭނުންވަނީ ޢަމަލީ ނަތީޖާއެވެ. އިގްތިސާދީ ހަމަޖެހުމެވެ. އަދި އިންސާފުވެރި ވެރިކަމެކެވެ. ސަރުކާރުން މި އަޑުތަކަށް ބީރު ކަންފަތެއް ދީފިނަމަ، ދިވެހި ސިޔާސީ ތާރީޚުގައި ފެނިފައިވާ ފަދަ ބޮޑެތި ބަދަލުތަކެއް ކުރިއަށް އޮތް ތަނުގައި ފެނުމަކީ ނުވުމަށްވުރެ ވުން ގާތް ކަމެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close