ވިޔަފާރި ފުޅާކުރުމަށް “ވޫޕް” ގެ އިންވެސްޓަރުންގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނޭ

ސިއްޙީ ދާއިރާގެ ޓެކްނޮލޮޖީ އުފައްދާ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ “ވޫޕް” (WHOOP) އިން، ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ) ގެ އިންވެސްޓަރުންގެ އެހީތެރިކަމާއެކު، ސީރީޒް ޖީ ފަންޑިންގ ރައުންޑެއްގައި 575 މިލިއަން އެމެރިކާ ޑޮލަރު ހޯދައިފިއެވެ. މި ފަންޑަކީ އެ ސަރަޙައްދުގައި ކުންފުނީގެ ޚިދުމަތްތައް ފުޅާކުރުމަށް ހޯދި ފައިސާއެކެވެ.
މި ފަންޑިންގ ރައުންޑާއެކު ކުންފުނީގެ އަގު މިހާރު ވަނީ 10.1 ބިލިއަން ޑޮލަރަށް އަރާފައެވެ. މި މަޝްރޫޢު އިސްކޮށް ކުރިއަށް ގެންދިޔައީ “ކޮލަބަރޭޓިވް ފަންޑް” އިންނެވެ. މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ އަލް-ނަޞްރު ކްލަބަށް ކުޅެމުންދާ ޕޯޗުގަލްގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި، ދުބާއީގައި ހަރަކާތްތެރިވާ އިންފްލުއެންސަރ ކަރަން ވަޒަން ފަދަ ވަކިވަކި އިންވެސްޓަރުން ވެސް މި ފަންޑުގައި ބައިވެރިވެފައިވެއެވެ.
މި ސަރަޙައްދުގެ އިންވެސްޓަރުންގެ ތެރޭގައި “ޓޫ ޕޮއިންޓް ޒީރޯ ގްރޫޕް” (2PointZero Group) އާއި، ގަތަރު އިންވެސްޓްމަންޓް އޮތޯރިޓީ އަދި މުބާދަލާ އިންވެސްޓްމަންޓް ކޮމްޕެނީ ހިމެނެއެވެ.
ދުނިޔޭގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން ގަލްފް ސަރަޙައްދަށް މިހާރު އިތުރަށް ސަމާލުކަން ދެމުންދަނީ، އެ ސަރަޙައްދުގެ ސަރުކާރުތަކުން ލިބޭ އެއްބާރުލުމާއި، ޑިޖިޓަލް ސިއްޙީ ޚިދުމަތްތަކަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުންނެވެ.
އީރާނުގެ ހަނގުރާމައާ ގުޅިގެން ސަރަޙައްދީ ހަމަޖެހުމަށާއި ވިޔަފާރީގެ މަގުތަކަށް ބައެއް ގޮންޖެހުންތައް ކުރިމަތިވެފައިވީ ނަމަވެސް، ސިއްޙީ ޓެކްނޮލޮޖީ ފަދަ ކުރިއަރަމުން އަންނަ ދާއިރާތަކަށް އިންވެސްޓްމަންޓްތައް އަންނަނީ އިތުރުވަމުންނެވެ.
“އަރަބް ނިއުސް” އަށް ދެއްވި ބަސްދީގަތުމެއްގައި ވޫޕްގެ ބާނީ އަދި ސީ.އީ.އޯ ވިލް އަޙްމަދު ވިދާޅުވީ، ޖީ.ސީ.ސީ ސަރަޙައްދަކީ، ޚާއްޞަކޮށް ސައުދީ އަރަބިއްޔާއަކީ އެ ކުންފުނި ފުޅާކުރުމަށް ވަރަށް މުހިންމު މާކެޓެއް ކަމަށެވެ. އެގޮތުން އެ ސަރަޙައްދުގައި ކުންފުނީގެ ޓީމުތައް ވަރުގަދަކޮށް، ވިޔަފާރި ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
“ސައުދީ އަރަބިއްޔާއަކީ ވޫޕްއަށް ވަރަށް މުހިންމު މާކެޓެއް. ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު އަޅުގަނޑުމެން އުފެއްދި ޕާޓްނަޝިޕްގެ ސަބަބުން މި ސަރަޙައްދުގައި ކުންފުނީގެ މަގުބޫލުކަން އިތުރުވެގެންދިޔަ. އަދި އަލް-ނަޞްރު ކްލަބާއެކު އަލަށް ފެށި ގުޅުމާއެކު އިތުރު ކުރިއެރުންތައް ލިބޭނެ ކަމަށް އުންމީދުކުރަން،” އަޙްމަދު ވިދާޅުވިއެވެ.
މިއަހަރުގެ ފެބްރުއަރީ މަހު ވޫޕް އިން ވަނީ އަލް-ނަޞްރު ފުޓްބޯޅަ ކްލަބާއެކު ބައިނަލްއަގުވާމީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، 2026 ވަނަ އަހަރުގެ ސައުދީ ޕްރޯ ލީގު ސީޒަނާ ހަމައަށް، އެ ކްލަބުގެ ފިޓްނަސް އަދި ސިއްޙީ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ ރަސްމީ ޓެކްނޮލޮޖީ ޕާޓްނަރަކީ ވޫޕްއެވެ.
އަޙްމަދު އިތުރަށް ވިދާޅުވީ، ސައުދީގައި ހުންނަ “ޖަރީރު ބުކްސްޓޯ” ފަދަ ތަންތަން މެދުވެރިކޮށް އެ ކުންފުނީގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށެވެ. މީގެ އިތުރުން، ގަތަރުގެ ދޯހާގައި ކުންފުނީގެ ފުރަތަމަ ބައިނަލްއަގުވާމީ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީ ކަމަށްވާ “ވޫޕް ލެބްސް ދޯހާ” ހުޅުވުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ. އަދި ޔޫ.އޭ.އީ ގައި ވެސް ސިއްޙީ އިދާރާތަކާ ގުޅިގެން މިފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
ޖީ.ސީ.ސީ ސަރަޙައްދުގެ އިތުރުން، މި ފަންޑިންގ ބޭނުންކޮށްގެން ޔޫރަޕް، ލެޓިން އެމެރިކާ އަދި އޭޝިއާގެ ގައުމުތަކުގައި ވެސް ވިޔަފާރި ފުޅާކުރުމަށް ވޫޕް އިން ވަނީ ނިންމާފައެވެ.
ވޫޕްގެ އުފެއްދުންތަކަކީ ކުޅިވަރު ކުޅުންތެރިންނާއި ދުޅަހެޔޮ ސިއްޙަތަކަށް ލޯބިކުރާ މީހުންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. މީގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން، އަރީނާ ސަބަލެންކާ، ޝަކާރީ ރިޗަޑްސަން އަދި ވާޖިލް ފަން ޑައިކް ފަދަ މަޝްހޫރު ކުޅުންތެރިން ވެސް މި ޓެކްނޮލޮޖީ ބޭނުންކުރެއެވެ.
މި އިންވެސްޓްމަންޓާ ގުޅޭގޮތުން ރޮނާލްޑޯ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވޫޕްގެ ކުރިމަގަށް އޭނާ ފުރިހަމައަށް އިތުބާރުކުރާ ކަމަށާއި، މިއީ އިންސާނުންގެ ސިއްޙަތާ ގުޅޭ ވަރަށް ވަރުގަދަ ޕްލެޓްފޯމެއް ކަމަށެވެ.
އީރާނުގެ ހަމަނުޖެހުންތަކުގެ ސަބަބުން ސަރަޙައްދަށް ދަތިތަކެއް ކުރިމަތިވެފައިވީ ނަމަވެސް، ވޫޕް އިން އެ ސަރަޙައްދު ދޫކޮށްނުލާނެ ކަމަށާއި، ކަސްޓަމަރުންގެ ފަސޭހައަށްޓަކައި މެދުއިރުމަތީގެ މެންބަރުންނަށް އެއް މަސްދުވަހުގެ ހިލޭ މެންބަރޝިޕް އިތުރުކޮށްދީފައިވާނެ ކަމަށް ވެސް އަޙްމަދު ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުންފުނީގެ ހިއްސާ ބާޒާރަށް ނެރުމަށް (IPO) ތައްޔާރުވަމުންދާ ކަމަށް ވެސް އޭނާ ހާމަކުރެއްވިއެވެ.
