ސައޫދީގެ ފިނިފެންމާ އުފެއްދުމުގެ ސިނާޢަތް 15 އިންސައްތައަށް ކުރިއަރައިފި

ސައޫދީ އަރަބިއްޔާގެ ދަނޑުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ “ސައޫދީ ރީފް” ޕްރޮގްރާމުން ހާމަކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ ފިނިފެންމާ އުފެއްދުމުގެ ސިނާޢަތަށް ބޮޑު ކުރިއެރުމެއް އަންނަނީ ލިބެމުންނެވެ. މިގޮތުން ބައިނަލްއަޤްވާމީ ބާޒާރުގައި ފިނިފެންމަލަށް ޑިމާންޑް އިތުރުވުމާ ގުޅިގެން، އަހަރަކު އުފައްދާ މިންވަރު 15 އިންސައްތައަށް ވުރެ މައްޗަށް ވަނީ ގޮސްފައެވެ.
މި ސިނާޢަތަކީ ތާއިފް ސަރަޙައްދުގެ ކުދި ދަނޑުވެރިންނަށް އިޤްތިޞާދީ ގޮތުން ބޮޑު މަންފާއެއް ލިބެމުންދާ ދާއިރާއެކެވެ. ތާއިފްގެ 1,300 އަށްވުރެ ގިނަ ބިމެއްގައި، 700 ހެކްޓަރުގެ ސަރަޙައްދެއްގައި ފިނިފެންމާ ހައްދަމުންދާއިރު، އަހަރަކު ގާތްގަނޑަކަށް 500 މިލިއަން ފިނިފެންމާ އުފައްދައެވެ. އަދި މި ސިނާޢަތަށް ބިނާކޮށް ހިންގާ 36 ސެންޓު އުފައްދާ ފެކްޓްރީގެ އަގު ގާތްގަނޑަކަށް 52 މިލިއަން ސައޫދީ ރިޔާލް (14 މިލިއަން އެމެރިކާ ޑޮލަރު) އަށް އަރައެވެ.
ސައޫދީ ރީފް ޕްރޮގްރާމުން ދަނީ ފަންނީ ލަފާދިނުމާއި، މަޝްރޫޢުތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، މާކެޓް ކުރުމުގެ އެހީތެރިކަން ދިނުމުގެ އިތުރުން، ތާއިފްގައި “ރޯޒް ޕްރޮޑިއުސާސް އެސޯސިއޭޝަން” އުފެއްދުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ސައޫދީ ޕްރެސް އެޖެންސީ (އެސް.ޕީ.އޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ދާއިރާ ތަރައްޤީކުރުމަށްޓަކައި އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފް.އޭ.އޯ) އާ ގުޅިގެން ވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ތާއިފްގެ މޫސުމަކީ މީރުވަސްދުވާ ގަސްގަހާގެހި ހެއްދުމަށް ނުހަނު އެކަށީގެންވާ މޫސުމެކެވެ. މި ސަރަޙައްދުގައި 20 އަށްވުރެ ގިނަ ބާވަތުގެ މީރުވަސްދުވާ ގަސް ހައްދަމުންދާއިރު، މިއީ މަދު ފެންފޮދަކުން އަދި ކުޑަ ޚަރަދަކުން ކުރެވޭ މަސައްކަތެކެވެ.
އެސް.ޕީ.އޭ އިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ސެންޓާއި، ބޭސްވެރިކަމާއި، ބުއިންތަކުގައި ފިނިފެންމާ ބޭނުންކުރާ މިންވަރު އިތުރުވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ފިނިފެންމަލަށް އޮތް ޑިމާންޑް އަހަރަކު 10 އިންސައްތަ އާއި 15 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަނީ އިތުރުވަމުންނެވެ.
އެހެންނަމަވެސް، މި ސިނާޢަތަށް ބައެއް ގޮންޖެހުންތައް ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ގަސްގަހާގެހީގެ ބާވަތްތައް ތަރައްޤީކުރުމަށް ކުރެވޭ ސައިންޓިފިކް ދިރާސާތައް މަދުވުމާއި، ކުދި ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ހަރަކާތްތެރި ދަނޑުވެރިކަމުގެ ކޯޕަރޭޓިވްތައް މަދުވުން ހިމެނެއެވެ.


