ޕީއެންސީގެ އޮފީސް ރަސްމީކޮށް ހުޅުވައިފި

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އޮފީސް ރަސްމީކޮށް މިރޭ ހުޅުވައިފި އެވެ.
އެ އޮފީސް ހުޅުއްވައި ދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ހަފްލާއެއްގައި އެ ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ޕީއެންސީގެ އޮޮފީސް މީގެ ކުރިން ހިންގީ ހ. ސީޓްރެކްގެ ހަތްވަނަ ފްލޯގަ އެވެ. ނަމަވެސް މިހާރު އަލަށް ހުޅުވާފައި ވަނީ ހ. ވެޔޮވެލާ (އާޓިފިޝަލް ބީޗު ކުރިމަތީގަ) އެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ހާމަކުރި މައުލުމާތުތަކަށް ބަލާއިރު މިވަގުތު މިވަގުތު ރާއްޖޭގައި އޮތް އެންމެ މެމްބަރުންގިނަ ޕާޓީ އަކީ ޕީއެންސީ އެވެ. އެގޮތުން އެ ޕާޓީގައި 74،048 މެންބަރުން ތިބި ކަމަށް އީސީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ދެވަނައަށް އެންމެ މެމްބަރުން ގިނައީ އިދިކޮޅު އެމްޑީޕީގަ އެވެ. އެ ޕާޓީގައި ތިބީ 43،784 މެމްބަރުންނެވެ.
ޕީއެންސީއަކީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ރަޖިސްޓްރީކުރި ޕާޓީއެކެވެ. ޕީޕީއެމްގެ ތެރޭގައި އުފެދުނު ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން، އޭރުގެ ޕީޕީއެމްގެ ލީޑަޝިޕުން އިސްވެ އޮވެ އުފެއްދި މި ޕާޓީއަކީ އޭރުން ފެށިގެން ‘ޕީޕީއެމް-ޕީއެންސީ ކޯލިޝަން’ ގެ ގޮތުގައި މަސައްކަތް ކުރަމުން އައި ޕާޓީއެކެވެ. ނަމަވެސް، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ސަރުކާރު ހިންގާ މައި ޕާޓީއަށް ޕީއެންސީ ވުމާއެކު، އެ ޕާޓީން ވަނީ މެންބަރުން އިތުރުކުރުމުގެ ބޮޑު ކެމްޕޭނެއް ފަށާފައެވެ.
މީގެ ކުރިން ހ. ސީޓްރެކްސްގައި އެ ޕާޓީގެ އިދާރީ މަސައްކަތްތައް ކުރަމުން އައި ނަމަވެސް، އާޓިފިޝަލް ބީޗު ސަރަހައްދުގައި މިހާރު ހުޅުވި އައު އޮފީހާއެކު ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާވެ، މެންބަރުންނަށް ފަސޭހަ ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އެ ޕާޓީން ބުނެއެވެ.





