
މިދިޔަމަހުގެ 17 ވަނަ ދުވަހު ރައީސްކަމުގެ ހުވާ ކުރެއްވި ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލހަށް ފޮނުވާފަ އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސްވެގެންދާއިރު އަދިވެސް މިވަނީ ވަޒީރުންގެ މަޖިލހުގެ މެމްބަރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލިހުގައި ކުރިއަށް ނުގެންދެވިފައެވެ.
ރައްޔިތުންގެ މަޖިހުން ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ މައްސަލަ ދިރާސާ ކުރާ ކޮމެޓީކަމަށްވާ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ ފަރާތުން ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކޮށް މަޖިލިހުގެ ތަޅަމަށް ފޮނުވި ނަމަވެސް ، ކޮމެޓީގެ ރިޕޯރޓްގައި ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ފުރިހަމަ ނުވާކަމަށް ނިންމާ އަލުން އަބުރާ ވަނީ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް އެ މައްސަލަ ފޮނުވާލައިފައެވެ.
މިކަމާއި ގުޅިގެން އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮންނަ މި ކޮމެޓީގެ ބައްދަލުވުމެއް ބާއްވަށް މަސައްކަތްކޮށްކޮށް އަދި ވަނީ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވޭގޮތް ނުވެފައެވެ. އެމްޑީޕީން މަޢުލޫމާތު ދެއްވާ ގޮތުގައި ކޮމެޓީގެ ކޯރަމް ހަމަ ނުވެގެން އުޅެނީ މި ދުވަސްވަރަކީ ސްކޫލުގެ ޗުއްޓީ ދުވަސްވަރަށް ވާތީ ގިނަ މެމްބަރުންތަކެއް މާލޭގައި ނޫޅުއްވާތީ ކަމަށެވެ.
މިހެން ކަމާއި އެކު ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ މުޤައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ފާހަގަ ކުރެއްވި ގޮތުގައި ދެން އެ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވޭނެކަމަށް އުންމީދުކުރަނީ ސްކޫލު ޗުއްޓީއަށް ފަހުގައެވެ.
މަޖިލިހުގައި އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮވެމެ، ވަޒީރުންނަށް ރުހުން ނުދީ ގިނަ ދުވަސްތަކެއް ވޭތުވަމުން ދާތީވެ ޢާއްމުންގެ ގިނަ ބަޔަކު ގެންދަނީ މަޖިލިހުގެ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.


