ޚަބަރުސިޔާސީ

ގައުމީ ތަރައްގީގެ ޕްލޭނުގައި ބައިވެރިނުވާން އެމްޑީޕީ ނިންމައިފި

ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން، “ވިލުންތެރި ރާއްޖެ 2045” އެކުލަވާލުމުގައި ސަރުކާރުން ކަންކުރާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް، އެ މަސައްކަތުގައި ބައިވެރިނުވާން އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ.

ސަރުކާރުން މިހާރު ކަންކުރަމުންދާ ގޮތުން، ތަރައްގީގެ ޕްލޭނެއް އެކުލަވާލުމުގެ ބޭނުމެއް އޮތްކަމަށް ނުދެކޭ ކަމަށް އެމްޑީޕީން ބުނެ އެވެ.

ސަރުކާރުން ވަނީ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން “ވިލުންތެރި ރާއްޖެ 2045” ގެ ނަމުގައި އެކުލަވާލުމުގެ މަސައްކަތް ފަށައިފަ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވާކަމަށް ބުނެ، ނެކްސިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން އެމްޑީޕީއާ ބައްދަލުކުރުމަށް އެދުމުން، މިއަދު އެ ކުންފުންޏަށް ޖަވާބު ދެމުން، އެމްޑީޕީން ވަނީ އެ މަސައްކަތުގައި ބައިވެރިނުވާން ނިންމިކަން އަންގާފަ އެވެ.

ގުޅުންހުރި ލިޔުންތައް

އެމްޑީޕީން ބުނާ ގޮތުގައި، ދުރު ރާސްތާއަށް އަމާޒުކޮށްގެން އެކުލަވާލާ ގައުމީ ތަރައްގީގެ ޕްލޭނެއް އޮތުމަކީ މުހިންމު ކަމެކެވެ. ނަމަވެސް މި ޕްލޭން 20 އަހަރަށް ކަނޑައެޅީ ކިހިނެއްކަމާއި އެ ނިންމުން ނިންމުމުގައި މަޝްވަރާކުރީ ކޮން ފަރާތްތަކަކާކަން ނޭނގޭ ކަމަށް އެ ޕާޓީން ފާހަގަކުރެ އެވެ. އަދި ރައީސް މުހައްމަދު މުއިއްޒު މިފަދަ ޕްލޭނެއް އެކުލަވާލާނެ ކަމަށް ވިދާޅުވުމަށްފަހު ވެސް، އެއްވެސް ޕްލޭނަކާ ނުލައި އެއާޕޯޓް އެޅުމާއި، އުމްރާނީ މަޝްރޫއުތައް އިއުލާނުކުރުމާއި ފަށާފައި ހުރި ކަންކަން ނުނިމި ހުއްޓާ އަލަށް މަސައްކަތް ފަށަމުންދާކަމަށް ބުނެ އެވެ. މީގެ އިތުރުން، މާލެ ސަރަހައްދުގައި ބިން ހިއްކަން ފަށާފައި ހުރި ތަންތަން ނުނިންމައި، ފުށިދިއްގަރުފަޅު ހިއްކުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އަތޮޅު ކައުންސިލުތައް އުވައިލުމަށް އަދި ރަށްރަށުން މީހުން ބަދަލުކުރުމަށް ވެސް އިއުލާނު ކުރަމުންދާ ކަމަށް އެމްޑީޕީން ބުނެ އެވެ.

އެމްޑީޕީން އިތުރަށް ބުނީ ސަރުކާރުން ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތަށް އަމަލުނުކުރާ ކަމަށާއި، ގުޑް ގަވަނަންސްގެ އުސޫލުތަކާ ހިލާފަށް ކަންކަން ކުރަމުންދާ ކަމަށެވެ. ދައުލަތުގެ ނިޒާމުތަކަށް ހުރުމަތްތެރިކޮށް ނުހިތުން އާއްމުވެ، ތިމާވެށި ހިމާޔަތްކުރުމުގެ ގަވާއިދުތައް ފަދަ ހަރުދަނާ އުސޫލުތައް ކުއްލިއަކަށް ބަދަލުކުރަމުންދާތީ، އަލުން އެކުލަވައިލާ ޕްލޭނަކަށް އަމަލުކުރާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް ވެސް އެމްޑީޕީން ފާހަގަކުރެ އެވެ. މި ސަބަބުތަކަށްޓަކައި، މި ވަގުތު މި ކަމުގައި ބައިވެރިވުމަކީ ބޭނުންތެރިކަމެއް ކަމަށް އެ ޕާޓީން ނުދެކޭކަމަށް މިކަމާއި ގުޅޭގޮތުން ނެރުނު ބަޔާނުގައި އެމްޑީޕީން ބުނެފައިވެއެވެ.

މި ޕްލޭނުގެ މަސައްކަތްކުރާ ޓީމުން ބުނާ ގޮތުގައި، 2025 އިން 2045 އަށް އަމަލުކުރަން ރާވާ މި 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭނަކީ ރާއްޖޭގެ ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުން ހޯދައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ 2040 ވަނަ އަހަރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރައްވާ މުހިންމު މަސައްކަތެއްގެ ގޮތުގައި މި ޕްލޭން ހިމެނޭ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close