ޢަލީ ވަހީދު އެބުރި އެމްޑީޕީއަށް ސޮއިކޮށްފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރައްވައިފައިވާ ޢަލީ ވަހީދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައި ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ބޭފުޅެއްގެ ގޮތުގައި ހިމެނި ލައްވާ ޢަލީ ވަހީދުވަނީ މީގެ ކުރިން އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަޤާމުވެސް އަދާ ކުރައްވާފައެވެ.
ޢަލީ ވަހީދު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު އަދާކުރައްވަމުން ދަނިކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ސިޔާސީ ހަމަނުޖެހުންތަކާއި ގުޅިގެން އޭނާ ރާއްޖެ އިން ބޭރަށް ވަޑައިގެންނެވިއެވެ. އަދި އޭރު ކަންތައްތައް ހުރި ގޮތުން އެމްޑީޕީއަށް ވަގުތު ނުދެވޭކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާރޕާޝަންކަމުގެ މަޤާމް އިސްތިޢުފާދެއްވިއެވެ. އެއަށް ފަހު އަލީ ވަޙީދު ޖުމުހުރީ ޕާރޓީ އާއި ގުޅިވަޑައިގެންނެވި ނަމަވެސް އެޕާރޓީގެ އަސާސީ ޤާވާޢިދަށް ގެނެވުނު އިސްލާހަކާއި ގުޅިގެން އަލީވަހީދަށް އެޕާރޓީގެ މެމްބަރުކަންވެސް ގެއްލިގެން ދިޔައެވެ.
އަލީ ވަހީދު އެމްޑީޕީ އާއި ގުޅިވަޑައިގެންނެވިކަން ހާމަކުރައްވާފައިވަނީ އޭނާ މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި އަލީ ވަހީދު ވިދާޅުވެފައިވަނީ ހަތް އަހަރާއި ހަތް ދުވަސް ފަހުން “އަނެއްކާ ވެސް އަނބުރާ ގެއަށް” ވަޑައިގަތީ އެމްޑީޕީގެ ފަހުރުވެރި މެމްބަރެއްގެ ގޮތުގައި ކަމަށެވެ.
އެންމެފަހުން ބޭއްވުނު ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ރައީސްކަމަށް ވާދަކުރެއްވި އޮނަރަބަލް ޤާސިމް އިބުރާޙިމުގެ އިންތިހާބީ އެޖެންޓުކަންވެސް ކުރެއްވި އަލީވަހީދުގެ އެކްސް ޕޯޓްގައި އިތުރަށް ވިދާޅުވެފައި ވަނީ އިރާދަކުރެއްވިއްޔާ ، އެމްޑީޕީއަށާއި މުޅި ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންނަށް ކާމިޔާބަށް އެދި ހިތްވަރާއި މުރާލިކަމާއެކު ހިދުމަތް ކުރައްވާނެކަމަށެވެ.
ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުކަމުން ޢަލީ ވަޙީދު ވަކި ކުރައްވާފައިވަނީ އެމިނިސްޓަރީގެ މުވައްޒަފުންތަކަކަށް އޭނާ ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައެވެ. އެ މައްސަލާގައި ދައުލަތުން އަލީ ވަހީދުގެ މައްޗަށް ދަޢުވާ ކުރުމަށް ފޮނުވި ނަމަވެސް ޕީޖީއިން ވަނީ އެ މައްސަލަ އަބުރާ ގެންގޮސްފައެވެ.





