ފައިސަލް ދަންޖެހުން: ފުލުހުން އަމަލުކުރަންޖެހޭ “ކަސްޓޯޑިއަލް މެނޭޖްމަންޓް މެނުއަލް” ކޮބާ؟
ހދ.ނޮޅިވަރަމްގައި، އަމިއްލަ 3 ދަރިންގެ މަންމަ އަދި އަނބިމީހާ މަރާލުމަށްފަހު އަމިއްލައަށް ދަންޖެހުނު އަބޫބަކުރު ފައިސަލް ފުލުހުންގެ ގޮޅީގައި ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަން ވަނި ކޯޓުން 15 ދުވަސްޖަހާފައެވެ. ސުވާލަކީ އެފަދަ ނުރައްކާތެރި ޤާތިލަކު ފުލުހުންގެ ބެލުމުގެ ދަށުގައިހުއްޓައި އަމިއްލައަށް ދަންޖެހެވޭނީ ކިހިނެއްހެއްޔެވެ؟
ކޮންމެއަކަސް އެކަން އެއޮތީ އެގޮތަށް ހިނގާފައެވެ. ކުޅުދުންފުށީ ޕޮލިސް ސްޓޭޝަންގެ ގޮޅިއެއްގައި 15 ދުވަހަށް ބަންދު ކޮށްފައި ހުރި ފައިސަލް ރޭ 11:15 ހާއިރު ފެނުނީ ދަންޖެހިފައި ހުއްޓައެވެ. އޭނާ މަރުވެފައިވާކަމަށް ރަސްމީ އެއްވެސް ފަރާތަކުން ކަށަވަރު ކޮށް ނުދިންނަމަވެސް ކަމުގެ މައުލޫމާތު ހުރި ޢާއްމު ފަރާތްތަކުން ބުނާގޮތުގައި ، ދަންޖެހުނު ފައިސަލްގެ ހަށިގަނޑު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާގެ ވިންދެއް ނެތެވެ. މާނައަކީ އޭނާއޮތީ އުންމީދު ކެނޑިފައެވެ. އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް އެ ހޮސްޕިޓަލުންވެސްވަނީ ކަށަވަރު ކޮށްދީފައެވެ.
މިހާދިސާގައި ފުލުހުންގެ އިހުމާލެއް ވާހަކަމަށް ނުވަތަ މިކަން ހިނގާފައިވަނީ ފުލުހުން އަމަލުކުރަންޖެހޭ “ކަސްޓޯޑިއަލް މެނޭޖްމަންޓް މެނުއަލް”އާއި އެއްގޮތަށް ކަންތައް ނުކުރުމުން ކަމަށް ގިނަބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި ޢާއްމުންދަނީ ޚިޔާލުފާޅުކުރަމުންނެވެ.
ޖަލު ބަންދުގައި ހުރި މީހަކު ގޮޅީގައި ދަންޖެހުމަކީ ފުލުހުންގެ ބޮޑު އިހުމާލެއް ކަމަށްކަމަށް ސިފަކުރަމުން ބައެއް މީހުން ބުނެފައިވަނީ މިފަދަ ކަންކަން ހިނގަނީ ރަނގަޅަށް މޮނީޓާ ނުކުރެވޭތީ ކަމަށެވެ.
މިފަދަ ކަމަކަށް މަގުފަހިވާގޮތަށް ގޮޅީގައި އެއްވެސް ކަމެއް ހުރެގެން ނުވާނެއެވެ. ޚާއްސަކޮށް ރަށެއްގެ ކަސްޓޯޑިއަލްގައި އެވަރު ކަމެއް ހިނގާނީ ޑިއުޓީގައި ތިބޭފުލުހުންގެ ފަރުވާކުޑަވން އިންތިހާއަށް ގޮސްގެންކަމަށް ބައެއް މީހުން ބުނެފައިވެއެވެ
ބަންދުގައި ބަހައްޓާ މީހުންނާމެދު އަމަލު ކުރުމަށް ޚާއްސަ އުސޫލުތަކެއް ކަނޑައަޅާފައި ހުރެއެވެ. އެގޮތުން ފުލުހުން އަމަލު ކުރުމަށް ޚާއްޞަކޮށްފައިވާ ޤަވާއިދެއް ނުވަތަ މެނުއަލް އެއް އޮވެއެވެ. އެއީ “ކަސްޓޯޑިއަލް މެނޭޖްމަންޓް މެނުއަލް” ނަމަކަށް ކިޔާ އުސޫލެކެވެ. އެ އުސޫލު ބުނާގޮތުން ކުށްވެރިން ބައިތިއްބާ ހުރިހާ ގޮޅިއެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް އަބަދުވެސް މޮނީޓާ ކުރަން ޖެހޭނެއެވެ. އަދި މަދުވެގެން ކޮންމެ ގަޑިއިރަކުން އެއް ފަހަރު ޑިއުޓީ އޮފިސަރު ގޮޅިތައް ކައިރިއަށް ގޮސް ބަލަން ޖެހޭނެއެވެ. އަދި ޚާއްސަކޮށް އަމިއްލަ ނަފްސަށް ގެއްލުމެއް ދީފާނެ ކަމަށް ބެލެވޭ މީހެއްނަމަ ޚާއްސަ ސަމާލުކަމެއް ދީގެން މޮނީޓާ ކުރަން ޖެހޭއިރު އެފަދަ ގެއްލުމެއް ދެވޭނެ އެއްވެސް އާލާތެއް ގޮޅީގައި ހުރެގެން ނުވާނެ ކަމަށް އުސޫލުގައި ބުނެއެވެ.
މިފަދަ ހަރުދަނާ އުޞޫލުތައް ހެދިފައި ހުންނަ އިރުވެސް މިފަދަ ހާދިސާތައް ހިނގަނީ ކުށްވެރިން ބެލެހެއްޓުމުގައި ޒިންމާވާން ޖެހޭ ފަރާތްތަކުގެ ފަރުވާ ކުޑަ ކަމުންނެވެ. ރަނގަޅު އުސޫލުތަކެއް ހަދާފައިވީ ނަމަވެސް އެ އުސޫލުތައް ތަންފީޒު ނުކުރެވޭނަމަ މިފަދަ ކަންކަން ހިނގާނެކަމީ ޔަޤީން ވާކަމެކެވެ.
މި މައްސަލަ، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަމާ ގުޅޭގޮތުން އެ ކޮމިޝަންގެ ރައީސް ގާސިމް އަބްދުލް ކަރީމް ވިދާޅުވީ އެކަން ބަލަމުން އަންނަ ކަމަށާއި މިހާރު މައްސަލަ ގޮސްފައިވާ ހިސާބުން އަދި ނޫހަކަށް މައުލޫމާތު ދެވެން ނެތް ކަމަށެވެ.
ނިޝާމާގެ މަރާ ގުޅޭގޮތުން މާ ގިނަ ތަފްސީލެއް ކަމާބެހޭ އިދާރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އާއިލާއިން ތުހުމަތު ކުރާގޮތުގައި ފައިސަލް، ނިޝާމާއަށް އަނިޔާ ކުރެއެވެ. ނަމަވެސް އޭގެން އެއްވެސް މައްސަލައެއް ކަމާބެހޭ އެއްވެސް އިދާރާއަކަށް ހުށަހަޅާފައެއް ނުވެއެވެ.
ނިޝާމާގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާއިރު ހަށިގަނޑު އޮތީ މޯޗަރީގައެވެ. ފުލުހުން ވަނީ ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާކަން ހާމަކޮށްފައެވެ. އެހެންނަމަވެސް މި މަރާއި ގުޅޭ އިތުރު ތަފްސީލް ފުލުހުން މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ.
ނިޝާމާއާއި ފައިސަލް އިނދެގެން އުޅޭތާ އަހަރުތަކެއް ވެފައިވާއިރު އެ ކައިވެންޏަށް ތިން ކުދިން ވަނީ ލިބިފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ކުއްޖާއަށް ހަތް އަހަރު ފުރިފައިވާއިރު ދެވަނަ ކުއްޖާގެ އުމުރަކީ ހަތަރު އަހަރެއެވެ. އެންމެ ހަގު ކުއްޖާ ބޭބީ ނާސަރީގައި އުޅޭއިރު އެ ކުއްޖާގެ އުމުރަކީ ދެ އަހަރެވެ.
