ރިޕޯޓް

ހަމާސްއަކީ ‘ޓެރަރިސްޓް’ ޖަމާއަތެއްގެ ގޮތުގައި ލިސްޓް ކުރާނެ ކަމަށް އޮސްޓްރޭލިޔާއިން ބުނެފި

ބައިނަލް އަޤުވާމީ ގޮތުން ކަނޑައަޅާފައިވާ “ޓެރަރިސްޓް” ޖަމާއަތްތަކުގެ ލިސްޓަށް ފަލަސްތީނުގެ ހަމާސް ގެ ނަން ހިމެނުމަށް ރާވާފައިވާ ކަމަށް އޮސްޓްރޭލިއާ ސަރުކާރުން ބުނެފިއެވެ.

ރައްދުގައި ހަމާސްގެ ތަރުޖަމާނު ހާޒިމް ގާސިމް އަލްޖަޒީރާއަށް ވިދާޅުވީ، އޮސްޓްރޭލިއާގެ ނިންމުން އެ މޫވްމަންޓުން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށާއި، މި ފިޔަވަޅުގެ ސަބަބުން އިސްރާއީލާމެދު ގެންގުޅޭ ސާފު ތަފާތުކުރުންތަކަށް އިޝާރާތް ކުރާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، މި ލިސްޓް ކުރުމަށް ރާވާފައިވާ ލިސްޓަކީ އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅު ހެދުމުގެ ހައްގު ފަލަސްތީނުގެ ރައްޔިތުންނަށް ހިމާޔަތްކޮށްދޭ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފް ލިސްޓެއް ކަމަށެވެ.

އޭނާ ވިދާޅުވީ ހަމާސްއަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ގަރާރުތަކާއި އިންސާނީ އެހީގެ އެއްބަސްވުންތަކާ އެއްގޮތްވާ ގޮތުގެ މަތިން އިސްތިއުމާރާ ދެކޮޅު ގައުމީ މިނިވަންކަމުގެ ހަރަކާތެއް ކަމަށެވެ.

“ޓެރަރިސްޓުންގެ ގޮތުގައި ގިންތި ކުރަން ޖެހޭ މީހުންނަކީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ގަސްދުގައި ފަލަސްތީނު މީހުންނަށް އަމާޒުކޮށް، ބައިނަލްއަގްވާމީ އަދި އިންސާނިއްޔަތާ ބެހޭ ގާނޫނުތަކާއި މުއާހަދާތަކާ ހިލާފުވާ މީހުން،” ގާސިމް ވިދާޅުވި އެވެ.

މީގެ ކުރިން 2003 ވަނަ އަހަރު ހަމާސްގެ އަލް ޤައްސާމް ބްރިގޭޑްސްގެ އަސްކަރީ ވިންގު “ޓެރަރިސްޓް” ޖަމާއަތެއްގެ ގޮތުގައި އޮސްޓްރޭލިއާއިން ލިސްޓްކުރި ނަމަވެސް، އަންނަ އޭޕްރީލް މަހު އަމަލުކުރަން ފަށާ އާ ނަން، އެ ޖަމާއަތުގެ ސިޔާސީ ގޮފި ވެސް ހިމެނޭ ގޮތަށް މުޅި އެ ޖަމާއަތުގެ ލިސްޓް ގައި ހިމަނާނެ އެވެ.

ހަމާސް އިން 2007 ވަނަ އަހަރުން ފެށިގެން ހިސާރުކޮށްފައިވާ ޣައްޒާ ސްޓްރިޕް ހިންގަމުން އަންނަ އިރު، އޭގެ ފަހުން ހަމާސް އިން ވަނީ އިޒްރޭލާ އެކު ޖެހިޖެހިގެން ހަނގުރާމަތައް ކޮށްފަ އެވެ. މިދިޔަ އަހަރުގެ މެއި މަހު އިސްރާއީލުން ޣައްޒާއަށް ދިން އެންމެ ފަހުން 11 ދުވަހުގެ ހަމަލާގައި ފަލަސްތީނުގެ 248 މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި 66 ކުޑަކުދިން ހިމެނޭއިރު، އިތުރު 1900 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައި ވެއެވެ. ޣައްޒާއިން އިސްރާއީލަށް ދިން ރޮކެޓް ހަމަލާތަކެއްގައި ވެސް 12 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނެ އެވެ.

ދާޚިލީ ވަޒީރު ކެރަން އެންޑްރޫޒް ވިދާޅުވީ، ހަމާސްއާއި، ހައްދުފަހަނައަޅާފައިވާ ހަރުކަށި ޖަމާއަތްތަކުގެ ވިސްނުން މިއަދު ލިސްޓްކޮށްފައިވާ ގޮތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި، އެމީހުންގެ ނުރުހުމުގެ ފިކުރުތަކަށް އޮސްޓްރޭލިއާގައި އެއްވެސް ޖާގައެއް ނެތް ކަމަށެވެ.

މި ދަރަޖަ ދިނުމުން ހަމާސްއަށް ފައިނޭންސް ކުރުން ނުވަތަ އެނޫންވެސް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވެގެންދާނެއެވެ.

“އަޅުގަނޑުމެންގެ ގާނޫނުތައް އަމާޒުކުރަނީ ހަމައެކަނި ޓެރަރިސްޓް އަމަލުތަކާއި ޓެރަރިސްޓުންނަށް ނޫން، މި އަމަލުތައް ރާވައި، ފައިނޭންސްކޮށް، އެ ކަންކަން ހިންގާ ޖަމާއަތްތަކަށް ވެސް އަމާޒުކުރުމަކީ ވަރަށް މުހިންމު ކަމެއް،” އެންޑްރޫސް ވިދާޅުވި އެވެ.

ނަމަވެސް ފަލަސްތީނުގެ ހައްގުތަކަށް ތާއީދުކުރާ އޮސްޓްރޭލިއާގެ ގައުމީ ކޯލިޝަނެއް ކަމަށްވާ އޮސްޓްރޭލިއާ ޕަލެސްތައިން އެޑްވޮކަސީ ނެޓްވޯކުން މި ދަރަޖަ އާ ދެކޮޅު ހަދަމުން ބުނީ ސުލްހައިގެ މަގުސަދު ކުރިއެރުވުމަށް އެއްވެސް ކަމެއް ނުކުރާ ކަމަށާއި 15 އަހަރު ވަންދެން އިސްރާއީލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން މިހާރު ދިރިއުޅެމުންދާ ދެ މިލިއަން ރައްޔިތުންނަށް އިތުރު ވޭންތަކެއް ލިބިގެންދާނެ ކަމަށެވެ.

ނެޓްވޯކްގެ ރައީސް ބިޝޮޕް ޖޯޖް ބްރައުނިން ވިދާޅުވީ ސުލްހަވެރި ހައްލެއް ހޯދުމުގެ ވާޖިބު އަދާކުރުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށާއި، ފަލަސްތީނަށް އެއް އުސޫލެއް އަދި އަނެއް އުސޫލެއް އިސްރާއީލަށް އެޕްލައިކުރާކަން ސަރުކާރުން ދައްކާފައިވާ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close