ކޮންމެ މީހަކަށްވެސް ސްޓްރޯކެއް ޖެހިދާނެ، ރައްކާތެރިވޭ!
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާރަކަށް އައިސް ސްޓްރޯކް ޖެހިގެން މަރުވަމުންދާ މީހުންގެ ޢަދަދު ވަރަށް ގިނައެވެ. އަދި ދުވަހެއް ދުވަހަކަށް އެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެކަށީގެންވާ ފިޔަވަޅު ނާޅައިފިނަމަ އަހަރަކު 6.7 މިލިއަން މީހުން ސްޓްރޯކް ޖެހިގެން މަރުވާނެ ކަމަށް ކަމާބެހޭ މާހިރުން އަންދާޒާ ކުރައްވައެވެ.
މެދުއިރުމައްޗާއި އުތުރު އެފްރިކާގައި ސްޓްރޯކް ޖެހޭ މީހުންގެ އަދަދު މިދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި އިތުރުވެފައި ވަނީ އާދަޔާ ޚިލާފު މިންވަރަކަށެވެ. އަދި ހަމައެހެންމެ އޭޝިޔާއާއި، ދެކުނު އޭޝިޔާގެ ޤައުމުތަކުގައިވެސް މިބަލީގައި މަރުވާމީހުނދަނީ އިތުރުވަމުންނެވެ.
ސިކުނޑިއަށް ލޭ ފޯރުކޮށްދިނުން ހުއްޓުމަކަށް އައުމުގެ ސަބަބުން އޮކްސިޖަން މަދުވެ، ބްރެއިން ޑެމޭޖްވެ އަދި ފަންކްޝަން ގެއްލިގެން ދިއުމުން، ސްޓްރޯކްޖެހުމުގެ ސަބަބުން ޕޭޝަންޓުންނަށް ދާއިމީ ގެއްލުމެއް ލިބުމުގެ އިތުރުން، ބައެއް ކަހަލަ ޕެރަލައިޒްވުމާއި، ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަމާއި ކުރިމަތިވެ އަދި ސިނކުޑިއަށް ވެސް މައްސަލަ ދިމާވެއެވެ. ފަޅައިގެން ދާ ލޭހޮޅިއަކުން ސިކުނޑިއަށް ލޭ ފޭބުމާއެކު ސްޓްރޯކް ތައް ޖެހުމަށް މެދުވެރި ވެއެވެ.
އުމުރުން ދުވަސްވުމުން ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. އޭގެ އިތުރުން ސްޓްރޯކް ޖެހުމަށް ފުރުޞަތު ބޮޑުވާކަންކަމުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން، ޖިސްމާނީ ނުކުޅެދުންތެރިކަންހުރުން، ސިއްހަތަށް ރަނގަޅު ނޫން ކާނާ އާއި، ހަށިގަނޑަށް ގެއްލުން ހުރި ކާނާ ބޭނުންކުރުން، ލޭމައްޗަށް ދިއުން، ހިތުގެ ވިންދު އަވަސްވުން، ލޭގެ ލިޕިޑް ލެވެލް މަތިވުން، މާބޮޑަށް ފަލަވުން، ޖެނެޓިކް ޑިސްޕޮޒިޝަން އަދި ސައިކޮލޮޖިކަލް ފެކްޓާސް ތައް ހިމެނެއެވެ. މީގެ އިތުރުން، ކޮވިޑް-19 އިންފެކްޝަންގެ ސަބަބުން މީހާގެ ސްޓްރޯކް ޖެހުމުގެ ފުރުސަތު އިތުރުވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސްޓްރޯކް ޖެހޭ މިންވަރު ގިނަ ނަމަވެސް، ގާތްގަނޑަކަށް ހުރިހާ ސްޓްރޯކްތަކަކީ ވެސް ރައްކާތެރި ވެވޭނެ ސްޓްރޯކްތަކެކެވެ. ސްޓްރޯކްގެ ނިޝާންތައް އަވަހަށް ދަސްކޮށް، ދެނެގަނެ، އެކަމުން ސަލާމަތްވުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ސްޓްރޯކް ޖެހޭ މިންވަރު މަދުކުރުމަށް އަވަސް އަވަހަށް ސްކްރީން ކުރުމަކީ އެންމެ މުހިންމު ކަންތަކެވެ. ގަވާއިދުން ޑޮކްޓަރަށް ދެއްކުމާއެކު، އެއްވެސް އަލާމަތެއް ފެނި ނުރައްކަލަށް ހުށަހެޅިފައިވާ ޕޭޝަންޓެއްނަމަ ވަކިންބޮޑަށް ސަމާލުކަން ދޭންވާނެއެވެ.
މިސާލަކަށް، އާދަޔާ ޚިލާފަށް ހިތުގެ ހިނގުން އަވަސްވެފައިވާނަމަ އާންމު ހިތުގެ ބައްޔެއް ކަމަށްވާ އޭފިބް ޖެހުމުގެ ފުރުޞަތު ބޮޑުވާނެއެވެ. އަދި އެ ބަލި ގުޅިފައިވަނީ ލޭގައި ގަނޑުލޭކޮޅު އުފެދުމާއި، އޭގެ ފަހުން ސްޓްރޯކް ޖެހުމާއިއެވެ.
ހަޤީޤަތުގައި އަފިބް،2 ގެ ޝިކާރައަކަށްވާ ޕޭޝަންޓުންނަށް ސްޓްރޯކް ޖެހުމުގެ ފުރުޞަތު ގާތްގަނޑަކަށް 5 ގުނަ އަށް އިތުރުވެގެން ދެއެވެ. ނަމަވެސް އޭފިބް ޕޭޝަންޓުންނަށް އެންޓިކޮގްލަންޓްސް ގެ ފަރުވާ ދެވިދާނެއެވެ. މިއީ ލޭގައި ގަނޑުލޭކޮޅު އުފެދުމުގެ ފުރުޞަތު ކުޑަކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ކަން މިހެން އޮތް ނަމަވެސް، ރޫޓީން ޕްރައިމަރީ ކެއާ އިންވެސްޓިގޭޝަން ތަކުގައި އުމުރުން 65 އަހަރާއި އެއަށް ވުރެ ދޮށީ އުމުރުގެ 75 ޕަސެންޓަށް ވުރެ ގިނަ މީހުން އޭފިބް އަށް ސްކްރީން ކުރަމުން ނުދާ ކަން ވަނީ ހޯދިފަ އެވެ.
ސްޓްރޯކެއް ޖެހުން އެންމެ ގާތްތަކަމަށް ފެންނަ އަލާމާތްތަކަކީ ނުވަތަ ޓްރާންސިއެންޓް އިސެމިކް އެޓޭކްގެ އަލާމާތްތަކަކީ:
- މޫނު، އަތް، ފައި ނޫނީ ހަށިގަނޑުގެ އެއްފަޅި ވާޅުވުން، އައްސިވުން، ނޫނީ ވާގިނެތުން
- ވާހަކަ ދައްކަން އުނދަގޫވުން، ބައެއް އަކުރު ކިޔަން އުނދަގޫވުން.
- ލޮލުގެ ފެނުން ދަށްވުން ނޫނީ ނުސާފުވުން.
- ބޯ އެނބުރުން، މޫނު މައްޗަށް އަނދިރިވުން
- ސަބަބަކާއި ނުލާ ގަދައަށް ބޮލުގައި ރިއްސުންހިމެނެއެވެ.
އަބަދުވެސް ހަނދާނުގައި ބަހައްޓަންވީ އެއްކަމަކީ ހަމަ ކޮންމެމީޙަކަށްވެސް ކޮންމެ ވަގުތެއްގައިވެސް ސްޓްރޯކެއް ޖެހިދާނެކަމެވެ. އެހެންކަމުން ސްޓްރޯކެއް ޖެހުމުގެ ނިޝާނެއް ފެނިއްޖެނަމަ އަވަހަށް ފަރުވާހޯދާ ވަގުތުން ޑޮކްރަށް ދައްކަންޖެހެއެވެ. ބަޔަށް ބޭސްކުރުމަށްވުރެ ރަނގަޅީ ބަލިން ރައްކާތެރިވުމަށް މަސައްކަތް ކުރުމެވެ.


