ރިޕޯޓް

ހަމަ ހަޤީގަތުގައިވެސް ޓީޗަރުންނާއި ޑޮކްޓަރުންގެ މުސާރަ ބޮޑުކުރަނީތަ!!؟؟؟

ތަޢުލީމީ ދާއިރާގައި، ކިޔަވައި ދެއްވުމުގެ މަސައްކަތުގައި އުޅުންވާ ބޭފުޅުންގެ މުސާރަ ބޮޑު ކުރުމަކީ މި ސަރުކާރުގެ ވަރަށް މުޙިއްމު ބޮޑު ވަޢުދަކަށް ވީނަމަވެސް މިއަދާއި ހިސާބަށް އައިއިރުވެސް މިވަނީ މި ވަޢުދު ނުފިއްދިފައެވެ.

ނަމަވެސް މިއަދު މިވަނީ އަނެއްކާވެސް ޓީޗަރުންނާއި ޑޮކްޓަރުންގެ މުސާރަ ބޮޑު ކުރުމުގެ ވާހަކަ ވަރަށް ބޮޑަށް ދެކެވެން ފަށާފައެވެ. މިގޮތުން ރައީސް ސޯލިހް މިހާރު އއ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ އެއަތޮޅު އުކުޅަހު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅެއްގައި ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ޑޮކްޓަރުންނާއި ޓީޗަރުންގެ މުސާރަ ބޮޑުކުރަން ހިމަނާފައިވާނެ ކަމަށެވެ.

ރައީސް އިބުރާޙިމް މުޙައްމަދު ޞާލިޙް މިފަދައިން ވިދާޅުވެފައިވަނީ އުކުޅަހުގެ ރައްޔިތުންނާ އެކު ރޭ އޮތް ބައްދަލުވުމެއްގައި، ބައިވެރިވެލެއްވި ފަރާތަކުން ސްޕެޝަލިސްޓް ޑޮކްޓަރުން ނުލިބުމާއި ގުޅޭ ގޮތުން ބައިވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ރައީސް ސޯލިހު ވިދާޅުވީ ފެންވަރު ރަނގަޅު ޑޮކްޓަރުން ލިބުމުގައި ދަތިވަނީ ރާއްޖޭގައި ޑޮކްޓަރުންނަށް ދޭ މުސާރަ ކުޑަވުން ކަމަށެވެ. “އަޅުގަނޑުމެން މިދެނީ 3،000 ޑޮލަރު ސްޕެޝަލިސްޓަކަށް. އެއީ މިހާރު މި ރީޖަންގައި ވެސް ކުޑަ މުސާރައަކަށް މިވަނީ. އެހެންވީމަ ރާއްޖެއަށް ގެންނަން މި ޖެހެނީ ތަންކޮޅެއް އަގުހެޔޮކޮށް ލިބޭ ޑޮކްޓަރުން،” ރައީސް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ރައީސް އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ޑޮކްޓަރުންގެ އިތުރުން، ތައުލީމީ ދާއިރާގެ މީހުންގެ މުސާރަ ބޮޑުކުރަން ވެސް ބަޖެޓްގައި ހިމަނާފައިވާނެ ކަމަށެވެ. އަދި މިކަންތަކާއި ގުޅޭ އިތުރު ތަފްސީލުތައްވެސް ފަހުން ހާމަކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ދައުލަތުގެ ރިކަރަންޓް ޙަރަދު އެތަށް ތަނަކުން ބޮޑުވެ، ދަޢުލަތުގެ ބަޖެޓަށް ބުރަބޮޑުވެފައިވާ ދުވަސްވަރެއްގައި ޓީޗަރުންނާއި ޑޮކްޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް އައުމަކީ ވާނެކަމެއްކަމާއި މެދު ބައެއް ފަރާތްތަކުން ސުވާލު އުފެއްދި ނަމަވެސް މި ސަރުކާރުން ސިޔާސީ ފަރާތްތަކަށް ގިނަ ވަޒީފާތަކެއް ހަމަ ޖައްސާ އެފަރާތްތަކުގެ މުސާރަ ބޮޑުކޮށްފައި ވުމުން ތަޢުލީމީ ދާޢިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި ޑުކޮޓަރުން ދަނީ އެބައިމީހުންގެ މުސާރަ ބޮޑުކޮށްދިނުމަށް ތަފާތު އެކިއެކިގޮތް ގޮތުން ސަރުކާރަށް ޕްރެޝަރ ކުރަމުންނެވެ.

ސުވާލަކީ ހަމަ ޙަޤިގަތުގައިވެސް ޑޮކްޓަރުންނާއި ޓީޗަރުންގެ މުސާރަ އަންނައަހަރު ބޮޑުވާނެހެއްޔެވެ.؟ އަދި ބޮޑުވާނަމަ ބޮޑުވާނީ ކިހާވަރަކަށް ހެއްޔެވެ.؟ އަޅެ ވާގޮތް ބަލަން ތިބެމާތޯއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close