ރިޕޯޓް

ގާސިމްގެ ބޮލަށް އަނެއްކާވެސް ސިޔާސީ ޗިޕެއް ޖަހަނީ

މަލްޓިޕާޓީ ވެރިކަމުގެ ނިޒާމެއް ރާއްޖޭގައި ޤާއިމް ކުރެވުނުފަހުން އެކުލަވާލެވުނު ސަރުކާރުތަކަކީ މުޅިންވެސް ކޯލިޝަނުން ( އެއްޕާޓީއަށްވުރެ ގިނަޕާޓީ ގުޅިގެން) އެކުލަވާލެވިފައިވާ ސަރުކާރުތަކެކެވެ. އެފަދަ ނިޒާމެއްގެ ތެރެއިން އިންތިޚާބެއް ކާމިޔާބު ކުރުމުގެ އެންމެ ފަސޭހަ ފޮމިއުލާއަކީވެސް އެއީ ކަމުގައި ސިޔާސީ މުފައްކިރުން އެއްބަސްވެ ވަޑައިގަންނަވައެވެ. ފެންނާންއޮތް ހަޤީޤަތަކީވެސް އެއީއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް އެގޮތްމިގޮތަށް ފުރޮޅި ދައުލަތުގެ ތިންބާރު ވަކިވެ ޒަމާނީ ޑިމޮކްރަސީގެ ޅަފަތުގެ ދުވަސްވަރުން ފެށިގެން މިހިނގާ އަހަރުތަކުގެ ތެރޭގައި އެކިދުވަސްވަރު އެކިކުލަކުލައިގެ ސިޔާސީ ޕާޓީތައް އުފެދި ނެތެމުން ދިޔައިރު ދިވެހިރާއްޖޭގެ އެންމެބޮޑު މަހުޖަނު، ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ އުފެދުނު ހިސާބުން ދިވެހި ސިޔާސީ މަޝްރަހަށް އިންގިލާބެއް އައިކަހަލައެވެ. އެއްވެސް އިންތިޚާބެއްގައި ޖުމުހޫރީޕާޓީގެ އިސްދައުރެއް އަދާނުކޮށް ކާމިޔާބެއް ކުރެވުނު ހަމަ އެންމެ އިންތިޚާބެއްވެސް ނެތޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ސިޔާސީ ބައެއް ވާދަވެރީން ބުނާފަދައިންނެވެ.

“ރާއްޖޭގެ ޑިމޮކްރެސީގެ ހަގީގީ ބާނީ އަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއެވެ.” ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް 2018 ނޮވެމްބަރުގައި ޖުމްހޫރީޕާޓީއާއި ގުޅިވަޑައިގަންނަވަމުން ވިދާޅުވިއެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އަމިއްލަފުޅަށް އުފެއްދެވުމަށްފަހު ގާސިމްގެ ޖުމްހޫރީޕާޓީއިން ވަކިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް އަހުމަދު ނާޒިމް އޭރު އެދުވަހު ގާސިމަށް ތައުރީފް ކުރެއްވުމުން ގިނަބަޔަކު ސިފަކުރީ އެއީ ގާސިމްގެ ބޮލަށްޖެހި ސިޔާސީ ޗިޕެއް ކަމުގައެވެ. ކާނަލް ނާޒިމް ނޫނަސް އެހެން ގިނަ ބޭބޭފުޅުންވެސް ގާސިމްގެ ޖުމްހޫރީޕާޓީއާއި ގުޅުނީ މިހާރުވެސް ގުޅެމުންދަނީ ފައިސާގެ ދަހިވެތިކަމުގައެވެ. ރީލޯޑެއް އަޅައިލަން ފިހާރައަކަށް ގާތްކޮށްލާ އުސޫލުން ކަމަށް އޭރުވެސް މިހާރުވެސް ގިނަބަޔަކު ސިފަކުރެއެވެ.

އެހެންކަމުން މިއަދުވެސް މިފެންނަނީ އެފަދަ މަންޒަރެއް ނޫންބާއޭ ހިތަށް އެބައަރައެވެ. ސިޔާސީ މައިދާނުގައި މިއަދު އިތުރު ބާރަކަށް އެދިއެދި ތިބިބަޔަކު ގާސިމަށް ސިޔާސީ ދަޅައެއް ދައްކައިގެން ސިޔާސީ ބާރުވެރިކަމެއް ހޯދުމުގައި ގާސިމްގެ ބޭނުން ނަހަމަ ގޮތުގައި ހިފަނީ ނޫންބާއޭވެސް ހިތަށް އަރައެވެ. ނޫންނަމަ މިއަދުވެސް މިޖަހަނީ ގާސިމްގެ ބޮލަށް ސިޔާސީ ޗިޕެއްނޫން ހެއްޔެވެ؟

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން މިއަދު މިވަނީ ބަޔަކު ފޫގަޅާފައެވެ. އެންމެ އިސްކޮށް އެކަމުގައި އުޅުއްވަނީ ރައީސް މުޙައްމަދު ނަޝީދެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުންނަމަ ރާއްޖެއަށް މިވަގުތަށް އެންމެ ފައިދާ ބޮޑުވާނީ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަކަށް ބަދަކުރުމެވެ. އެކަމަކު އެކަން ވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންކަމަށް އެމަނިކުފާނުވެސް އެއްބަސްވެ ވަޑައިގަންނަވައެވެ.

ބަރުލަމާނީއާއި، އެންމެ ބޮޑަށް އިދިކޮޅު ހައްދަވާ އެއްބޭފުޅަކީ މިފަހަކަށް އައިސް ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. އެކަމާ ދެކޮޅަށް އެމަނިކުފާނުވަނީ އެކިއެކި މައިދާން ތަކުގައި ވަކާލާތު ކުރައްވާފައެވެ. ބަރުލަމާނީއަކުން އެއްވެސް މޮޅެއް ފައިދާއެއް ނުހޯދޭނެކަމަށާއި، އެއީ ކުރީގެ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވުމުގެ މަޤްޞަދުގައި ކުރައްވަން އުޅޭކަމެއްކަމުގައި ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ޚިޔާލުފުޅަށް ފާޅުގައި ޤާސިމް ދެކޮޅު ހައްދަވަމުން ގެންދަވަނިކޮށް ، ރައީސް ނަޝީދު މިއަދު އެވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ބޮޑުވަޒީރުގެ މަގާމަށް ވަރަށް ރަނގަޅު ބޭފުޅެއް ކަމުގައެވެ.  

ރައްޔިތުންގެ މަޖްލިސްގެ ގިނަމެމްބަރުންތަކެއް ތިއްބަވާ ވަޓްސްއަޕް ގުރޫޕެއްގައި ގާސިމާ ގުޅޭގޮތުން ރައީސް ނަޝީދު ވާހަކަ ދެއްކެވުމުން އެކަމަށް ތާއީދު ކުރައްވާ ނަޝީދުގެ އަރިސް ބޭފުޅުންވެސް ވަނީ ޤާސިމަކީ ވަރަށް ރަގަޅު ބޭފުޅެއްކަމަށާއި، ބޮޑުވަޒީރުކަން ކުރެއްވޭނެ ހަމައެކަނި ބޭފުޅަކީ ގާސިމްކަމުގައި ވިދާޅުވެފައެވެ.

ވަޓްސް އަޕް ގްރޫޕްގައި ގާސިމްގެ ވާހަކަ ފެއްޓެވީ ރައީސް ނަޝީދުގެ އަރިސް ބޭފުޅެއް ކަމުގައިވާ ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލަތް) އެވެ. އޭނާ ވިދާޅުވީ ބޮޑުވަޒީރު ކަން ކުރެއްވުމަށް ގާސިމަކީ ގާބިލް ބޭފުޅެއް ކަމަށެވެ. ރާއްޖެއަށް ގާސިމަށް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ ރައްޔިތުންނަށް އަދުލުވެރިވެ އެމަނިކުފާނުގެ ބޮޑުވަޒީރު ކަމުގައި އިންގިލާބީ ބަދަލެއް ގެނެސްދިނުން ކަމަށް ހަލީމް ވިދާޅުވިއެވެ.

ވަޓްސް އަޕް ގްރޫޕްގައި އެކަމާގުޅޭ ވާހަކަ ތައް ކުރިއަށް ދިޔައިރު މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވާހަކައާއި ދެކޮޅު ހެއްދެވިއެވެ. އޭނާ ވިދާޅުވީ، ގާސިމަށް ބޮޑުވަޒީރުކަން ދޭން ތާއީދު ނުކުރެއްވޭނެ ކަމަށެވެ. އަދި ބޮންޑޭ އެހެން ވިދާޅުވުމުން ދޮންބިލެތް ވިދާޅުވީ ގާސިމަށް ބޮޑުވަޒީރުކަން ދޭ ވާހަކައަކީ ބައެއް ބޭފުޅުންނަށް އަޑުއަހަން އުނދަގޫވާނެ ވާހަކައެއް ކަމަށާއި ނަމަވެސް އެއީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ވާނެތީ އެކަމުގައި ޒާތީ ނަޒަރަކުން ބެލުމުން ކަމު ނުދާނެ ކަމަށެވެ.

އިސްލާހީ މަސައްކަތުގައި ރާއްޖެ ބަދަލުކޮށް ޕާޓީ ނިޒާމް ގެނައުމަށް ގާސިމްގެ ބޮޑު ހިއްސާއެއް އެބައޮތް ކަމަށާއި އެހެންކަމުން ގާސިމަށް ސިޔާސީ ގޮތުން ހައްގު މިންވަރު ލިބެން ޖެހޭ ކަމުގައި ވެސް ހަލީމް ވިދާޅުވިއެވެ.

ދޮންބިލެތް ދެއްކެވި ވާހަކަތަކަށް ތާއީދުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ހަލީމަކީ ދުރުވިސްނޭ ބޭފުޅެއް ކަމަށާއި ގާސިމަކީ ބޮޑުވަޒީރުކަން ކުރުމަށް ވަރަށް ރަނގަޅު ބޭފުޅެއް ކަމަށެވެ. އަދި އިސްލާހީ މަސައްކަތުގައި ގާސިމް ކުރެއްވި މަސައްކަތް އެންމެ ގާތުން ފެނިވަޑައިގެންނެވި ބޭފުޅަކީ އެމަނިކުފާނު ކަމަށް ވިދާޅުވެ ގާސިމަށް ނަޝީދު ތައުރީފް ކުރެއްވިއެވެ.

މިބޭފުޅުންގެ ވާހަކަތަކަށް ގާސިމް ވަނީ ރައްދު ދެއްވާފައެވެ. ގާސިމް އިބްރާހީމް ވިދާޅުވީ ބޮޑުވަޒީރުކަމުގެ ބަދަލުގައި ޕިއޯނުކަން އެމަނިކުފާނަށް ދިނުމަށް ވެސް އެމްޑީޕީން އެއްބަސް ނުވާނެ ކަމަށެވެ.

ޤާސިމަކީ ބަރުލަމާނީ ނިޒާމަށް ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ބޭފުޅެކެވެ. ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކީ ރިޔާސީ ނިޒާމުކަން މީގެ ކުރިން ރައްޔިތުން އޮތީ ނިންމާފައި ކަމަށް ވިދާޅުވަމުން، ގާސިމް ވިދާޅުވެފައިވަނީ ރައްޔިތުން މަތީ އަޣުލަބިއްޔަތުން އެކަން ނިންމާފައި ވަނިކޮށް، ދައުރުގެ މެދު ތެރެއާއި ހަމައަށް ނާންނަނީސް ބަރުލަމާނީ ނިޒާމުގެ ވާހަކަ މާގަދަޔަށް ދައްކަނީ ކޮން ކަމެއްގައިކަންވެސް އެނގޭ ކަމަށާއި، ރައްޔިތުންނަށް އެންމެ ފައިދާހުރި ނިޒާމަކީ، ރިޔާސީ ނިޒާމުކަން އެގި ކަށަވަރުވާ ކަމަށެވެ.

ކޮންމެ ނިޒާމެއް އޮތަސް، ކަން ކުރެވިގެންދާނީ، ވެރިކަމަށް އަންނަ މީހެއްގެ ގާބިލްކަމާއި، ތަޖުރިބާގެ މައްޗަށް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

މިފަދަ އެފަދަ ތަފާތު ރާގުތަކުގެ އެތައް ވާހަކަތަކެއް ސިޔާސީ މައިދާނުގައި އެނބުރެމުން ސެނބުރެމުން ދިޔުމުން ބުނެލަން އޮތީ މިފަހަރުވެސް އެއުޅެނީ ގާސިމްގެ ބޮލަށް ސިޔާސީ ޗިޕެއް ޖެއްސުވުމަށް ނޫންބާވައެވެ. އެހެން ނުއްވެއްޖިއްޔާ ކިތަންމެހައިވެސް ރަނގަޅެވެ.

އެއް ކޮމެންޓް

  1. ގާސިމް ވަރައްފަސޭހައިން ހެއްލޭނެ އިބަދުވެސް މަރުފަލި އެޖަހަނީ ވެރިކަން ނުލިބިގެން ފެން އަވަހައް ހައްލުވާލާގެން ތިކަން ވޭތޯބަލާވަރައް ފަސޭހައިންޗިޕްވެހޭނެ

  2. Bodu vazeeru!! Eykam qam ahvure nagudhu faisaa Gina cnm fadha leaderunnaai fight koh win kuraane hakatha mihaaru qim ga huri kamah nubelevey. MdN ga green not vaki madheh nuvaane. Huss dhalhadhekkun.!

  3. ވެރިކަމާހެދި މަރަދަންޖެހޭމީހެއް އެކަމައްޓަކާ ދީނެއް މިއްލަތެއް ބެލުމެއްނެތް ނަޝީދުއަށް ހީވާކަހަލަ ތިމަންނަދުނިއެއްފޮނުއްވާފަހުރީ ބޮޑުވަޒީރުކަންކުރާހެން ވެރިކަމަށް ހެދި ބޮޑެތިދޮގުހަދާ ކައްޒާބެއް

  4. ބޮލެއްނެތް ބުރުމާއެއްބޭނުން ކުރަންޏާވާނީ ފަހުގެ ޗިޕެއް ބޭނުންކުރަން.މޮޅުކަމަކީ އެ ބުރުމާއަށް ކޮންމެ ވައްތަރެއްގެ ޗިޕެއްވެސް ލެއްވޭކަން.އަނެއްކާ ތޮރުފާތަން ފޫއަޅުވާފައިދާއިރުވެސް ބުރުމާ އަކަށް ނޭނގޭ މިވާނުވާއެއް.

  5. މިހާރު ނަޝީދު އެއުޅުއްވަނީ ގާސިމް ބޮލަށް ޗިޕެއް ޖަހައިގެން ބަރުލަމާނީ ގެންނަން.މޮޅުކަމަކީ އެހާ ފަސޭހައިން ހެއްލޭނެ ވިއްޔާ.އޭނަޔަކަށް ނޭގޭނެ މިއުޅެނީ ޗިޕެއްޖަހައިގެން ބަރުލަމާނީ ގެންނަން ކަމެއް.އަދި ބަރުލަމާނީ ގެނަޔަސް ބޮޑުވަޒީރުކަމެއް ނުދޭނެކަން.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close