ރިޕޯޓް

ބަރުލަމާނީއާއި ދިމާއަށް ރައީސް ދީލައި ލައްވަނީބާ؟

ވެރިކަމުގައި ތިބި މައިޕާޓީ، އެމްޑީޕީގެ އެތެރޭގެ ކޯޅުންގަނޑު ބޮޑުވެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް އެއްބަޔަކު އުޅޭއިރު އެކަމާ ދެކޮޅަށް ވަކާލާތު ކުރުމުގައި އަނެއްބަޔަކު ތިބިއިރު،  ޚާއްސަކޮށް ރައީސް ޞާލިހާއި، ރައީސް ނަޝީދާ ދެމެދުގައި އުފެދިފަވާ ޚިޔާލު ތަފާތުވުންތައްވެސް މިވަނީ ވަރަށް ބޮޑުވެފައެވެ.

ސިޔާސީ ބައެއް ބޭފުޅުން ސިފަކުރައްވާގޮތުގައި ވެރިކަމުގެ މަސްތުގައި ޖެހުމުން ނުވެނުދާނެ ހުރިހައިކަމެއް މިހާރު ވަމުންދާތަން އެމްޑީޕީގެ އިސްސަފުން މިހިރަގެންދަނީ ފެންނަމުންނެވެ. ދުވަހަކުވެސް ދެބަސްވެ އަރައިރުން ނުވާނެކަމަށް ހީކުރި ދެބޭފުޅުން ދެ ހަތުރުންނަށް ދާދިއަވަހަށް ވެދާނެކަމުގެ ބިރު މިވަނީ ހީވެފައެވެ. އެއްބޭފުޅަކު އަނެއްބޭފުޅަކަށް ސިޔާސީ ހަމަލާގެ ބަސްފުޅުވެސް ވިދާޅުވާން މިހާރު ފެއްޓެވިތާ ކުޑަކުދުވަސްކޮޅެއް ނުވެއެކޭ ނުދެންނެވޭނެއެވެ.

ޕާޓީ ހަމައަށް ދެފަޅިވެ ، މުޅީން ވަކިވަކި ދެ ފެކްޝަނަކަށް ވެފައިވަނިކޮށް ޕާޓީހަމައަކަށް އެޅުވުމަށް މިވަނީ ޕާޓީގެ ޗެއަރޕާސަން މަސައްކަތް ފައްޓަވާފައެވެ. އެމަސްކަތުގެ ތެރެއިން ޗެއަރޕާސަން ހަސަން ލަތީފް މިވަނީ އުންމީދުއާކޮށް ދެއްވާފައެވެ.  މީޑިއާއަށް ވިދާޅުވީ ދެ ރައީސުންގެ ދެމެދުގައި ހައްލުނުކުރެވޭފަދަ މައްސަލައެއް ނެތްކަމުގައެވެ. އަދި އެ ދެބޭފުޅުންގެ ދެމެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލު ކުރުމަށް ކުރެވޭ މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާއާއި، ރައީސް ނަޝީދާއި ވާހަކަ ދެކެވިފައިވާކަމަށްވެސް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، އެކުގައި އަލުން މަސައްކަތް ކުރެވޭނެ ގޮތެއް ހޯދައިދޭން އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ އިސްނަންގަވައިގެން މަސައްކަތް ފަށާފައެވެ.

މިއަދު ބޭއްވި އެމްޑީޕީގެ ޕްރެސް ކޮންފަރެންސްގައި ހަސަން ވިދާޅުވީ މަޝްވަރާތައް ކުރިއަށް ދާކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާއާއި، ބައްދަލުކޮށް ދެކެވުނު ވާހަތަކުގައި ވާހަކަ ދައްކައިގެން ހައްލުނުކުރެވޭނެ އަދި އެއްބަސް ނުވެވޭ ވަރުގެ މައްސަލަތަކެއް ހުރިކަމަށް ރައީސް ވިދާޅުނުވާކަމަށެވެ. ރައީސްގެ ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދާއިވެސް މިކަމުގައި މަޝްވަރާ ކުރެވި، ރައީސް ނަޝީދު ވިދާޅުވި ވާހަތައްވެސް އެބަހުރިކަމަށް ހަސަން ވިދާޅުވިއެވެ.

އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކޮށްފިން. ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަފުޅުގެ އަލީގައި، ވާހަކަ ނުދެއްކޭނެ ވަރުގެ އަދި އެއްބަސް ނުވެވޭނެ ވަރުގެ ބޮޑެތި ޚިޔާލުތަފާތުވުން ހުންނާނެ ކަމަކަށެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވާހަތަކާއި އެކީގައި އަޅުގަނޑު ރައީސް ނަޝީދުއާއި، މަޝްވަރާ ކޮށްފިން. ރައީސް ނަޝީދު އެކަމާއި ގުޅިގެން ވިދާޅުވި ވާހަކަތަކެއްވެސް އެބަހުރި.

– ހަސަން ލަތީފް

ރައީސް ނަޝީދާއި ރައީސް ސޯލިހާ ދެމެދު ސިޔާސީ ހިޔާލުތަފާތުވުން ބޮޑުވެފައިވާ ތަން ފެންނަން ފެށީ، ބަރުލަމާނީ ނިޒާމުގެ ވާހަކަތަކުންނެވެ. ނަޝީދު ވަނީ އެމަނިކުފާނު ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ރައީސް ސޯލިހްގެ އަރިހުން އެދިވަޑައިގެންފައެވެ. އެކަމަކު ނިޒާމް ބަދަލުކުރުމަކީ ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށް ތަކުރާރުކޮށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.

އަދި އޭގެ ފަހުން، ރައީސް ސޯލިހްއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ނަމަވެސް، އެމަނިކުފާނާ އެކު ސިޔާސީ ގޮތުން ދެން ހުންނެވެން ނެތް ކަމަށް ނަޝީދު ވަނީ ފާޅުގައި ވިދާޅުވެފައެވެ.

އެމްޑީޕީގެ ޚިޔާލު ތަފާތުވުން އެއްގޮތް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެމްޑީޕީގެ ބައެއް ބޭފުޅުންވެސް ވިދާޅުވަމުންދަނީ މިހާރު ހުރި ހިޔާލު ތަފާތުވުންތަކަށް ބަލާއިރު ރައީސް ނަޝީދާއި، ރައީސް ޞާލިހު އަލުން އެކީގައި ސިޔާސީ މަސައްކަތް ކުރެއްވުމަކީ ވަރަށް ނާދިރު ކަމެއްކަމަށެވެ. އަދި ރައީސް ނަޝީދު ވަނީ ރައީސް ޞާލިހުއައިއެކު ސިޔާސީ މަސައްކަތް ނުކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ.

އެހެންކަމަށްވާއިރު މިހާރު އުފެދޭ ސުވާލަކީ ގޮތް ދޫކުރައްވައި، ބަރުލަމާނީ އާއި ވީފަޅިއަށް ރައީސް ސޯލިހް ދީލައި ލެއްވީ ބާއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close