މީހުން

ސުޢާދު އާއި އިޝާން އަދި ޢަލީ ރަމީޒު ލަވަޔާއި މިއުޒިކާއި ދުރަށް ދިޔަ ސަބަބާއި ދިމާވި ގޮންޖެހުންތައް

މި ލިޔުމުގައި މި އަލިއަޅުވާލަނީ ރާއްޖޭގެ އެތައް ބަޔަކާއި ޚާއްޞަކޮށް ޒުވާނުންގެ މެދުގައި މިއުޒިކާއި ލަވައިގެ އުނިޔޭގެ މަޤުބޫލުވެގެން ދިޔަ ސުޢާދު އާއި އިޝާން އަދި ޢަލީ ރަމީޒު ލަވަޔާއި މިއުޒިކާއި ދުރަށް ދިޔަ ސަބަބާއި އެކަމުގައި އުޅުން އިރު ދިމާވި ކަންކަމާއި އެކަން ހުއްޓާލިފަހުން ދިމާވި ގޮންޖެހުތަކުގެ ވާހަކަ ތަކެވެ.

މިއީ 20 އޯގަސްޓް 2021 ވީ ހުކުރު ދުވަހުގެ މެންދުރުފަހު (މިއަދު) 14:00 ގައި އަޚް ޢަލީ ރަމީޒު ކުލަބް ހައުސް މެދުވެރިކޮށް ގެނެސްދިން “މުސާފިރު” މި ޕްރޮގުރާމުގައި މި 3 ބޭފުޅުންވެސް ދައްކަވާފައިވާ ވާހަކަތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.

ސުޢާދު ޢަބްދުއްރަޙީމް (ސުޢާދު)

20 އޯގަސްޓް 2021 ވީ ހުކުރު ދުވަހުގެ މެންދުރުފަހު (މިއަދު) 14:00 ގައި އަޚް ޢަލީ ރަމީޒު ކުލަބް ހައުސް މެދުވެރިކޮށް ގެނެސްދެއްވި “މުސާފިރު” ޕްރޮގުރާމުގައި ވާހަކަ ދައްކަމުން ސުޢާދު ބުނީ މީގެ 4 ވަރަކަށް އަހަރު ކުރިން އޭނާ އުޅުނީ މިއުޒިކުގެ ދާއިރާގައި ވަރަށް އެކްޓިވްކޮށް ކަމަށެވެ. އެހެންނަމަވެސް ފަހަކަށް އައިސް ވަރަށްބޮޑަށް މީހާއަށް ހިތްނުތަވަސްކަމެއް މެދުވެރިވަމުން ދިޔަކަމަށާއި އަބަދުވެސް ހާސްކަމެއްގެ ތެރޭގައި ހުރެވޭހެން ހީވާކަމަށެވެ. އަދި ހަމަ އެދުވަސްކޮޅު ކުރިޔަށް ގެންދިޔަ ރިކޯޑިންގ އެއްގައިވެސް ދެތިން ދުވަހަކު ރިކޯޑިންގައި އުޅުމުގެ ތެރޭގައިވެސް މީހާއަށް ނޭވާ ހާސްވާ ކަހަލަ ކަންތައްތަކެއް ދިމާވެގެން ދިޔަކަމަށެވެ.

ސުޢާދު އިތުރަށް ބުނީ ސުޢާދުގެ މަންމައަކީ ފަރުޟު ފަސް ނަމާދަށް ވަރަށް ރައްކާތެރިވާ މަންމައެއްކަމަށާއި މަންމަ އަބަދުވެސް ހެޔޮ ނަޞޭޙަތްތެރިވާކަމަށެވެ. އަދި ތިއީ ރަނގަޅުކަމެއް ނޫންކަމަށާއި ތިކަމުން ދަރިފުޅަށް ލިބޭ ފައިސާވެސް ޙަލާލު ނުވާނެކަމަށް މަންމަ އަބަދުވެސް ބުނަމުން ދިޔަކަމަށެވެ.

އޭގެ އިތުރުން އޭރު ވަޒީފާ އަދާކުރަމުންދިޔަ ތަނުގެ މެނޭޖަރަކީވެސް ބަރާބަރަށް ނަމާދަށް ރައްކާތެރިވާ ބޭފުޅެއްކަމަށާއި އެބޭފުޅާ ނަމާދަށް ދަމުންވެސް ނަމާދަށް އަންނާށޭ ބުނާކަމަށާއި އެހެނަސް ނުދާންވެގެން ގިނަފަހަރަށް ފިލަނީކަމަށްވެސް ސުޢާދު އެ ޕްރޮގުރާމުގައި ވާހަކަ ދައްކަމުން ބުންޏެވެ.

އެހެނަސް އެއްދުވަހަކު އަސުރު ނަމާދަށް ދާންވެގެން ބުނީމަ، މެނޭޖަރަށްވެސް އަދި އެކަކަށްވެސް ނޭންގި މިސްކިތަށް ދިޔަކަމަށާއި އެދުވަހު ހިތަށް ބުނެދޭންވެސް ނޭންގޭ ކަހަލަ ހިތްހަމަޖެހުންތަކެއް ލިބިގެން ދިޔަ ކަމަށް ސުޢާދު ބުންޏެވެ. ސުޢާދު އިތުރަށް ފާހަގަ ކުރި ގޮތުގައި އެދުވަހުގެފަހުން މިއުޒިކު ކުޅެ ލަވަ ކިޔަމުންވެސް ބަރާބަރަށް ނަމާދުކުރަން ފެށިންކަމަށާއި ވަރަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް މީހާއަށް ލިބެން ފެށުމުން މިއުޒިކާއި ދުރަށް ދިއުމުގެ ވިސްނުން އައީކަމަށެވެ.

އެ ޕްރޮގުރާމުގައި ވާހަކަ ދައްކަމުން ސުޢާދު ބުނީ މިއުޒިކާއި ލަވަޔާ ދުރަށް ދިޔަ ފަހުން އާއިލާގެ ފަރާތުން ވަރަށްބޮޑު އެއްވާރުލުމެއް ދިރި އުޅުމުގައި ލިބެން ދިޔަކަމަށެވެ. ޚާއްޞަކޮށް މަންމަގެ ފަރާތުން ލިބެމުންދިޔަ އެއްބާރުލުން ފާހަގަކުރަމުން ސުޢާދު ބުނީ އޭގެ ފަހުން މަންމަ ކޮންމެ ދުވަހަކުވެސް ކޮންމެވެސް ކަމެއް ގޭތެރޭގައި ދަސްކޮށްދޭނެ ކަމަށެވެ. ހޯމްވޯރކެއްގޮތަށް ކޮންމެ ދުވަހަކުވެސް ކޮންމެވެސް ކަމެއް އުނގަންނައިދޭނެކަމަށާއި ދަސްކުރުމަށް ކަމެއް ހަވާލުކުރާ ކަމަށެވެ.

މިއުޒިކު އަދި ލަވަޔާއި ދުރަށް ދިއުމުން ބައްޕަގެ ފަރާތުން ލިބުނު ހިތްވަރު ހާމަކުރަމުން ސުޢާދު ބުނީ ދަރިފުޅު ބޮޑުވެގެން އައިގޮތުން ތިވަރު ބޮޑު ބަދަލެއް ދަރިފުޅުގެ ޙަޔާތަށް އަންނާނެކަމަށް ހީވެސް ނުކުރާ ކަމަށް ބައްޕަ ވިދާޅުވިކަމަށް ސުޢާދު ފާހަގަ ކުރިއެވެ.

މިއުޒިކު އަދި ލަވަޔާއި ދުރަށް ދިޔަޔަސް އޭރުވެސް ކައިރީގައި އުޅުނު ރަށްޓެހިންނާއި ގުޅުމެއް ނުކަނޑާ ކަމަށާއި އެހެނަސް ކުރިޔަށްވުރެ ބޮޑަށް އެމީހުންނާއި އޮންނަ ގުޅުން ތަފާތުކޮށްފައިވާނެކަމަށާއި ޚާއްޞަކޮށް ނަމާދު ނުކުރާ ރައްޓެހިންނާއިއެކު ނޫޅޭކަމަށް ޕްރޮގުރާމުގައި ވާހަކަ ދައްކަމުން ސުޢާދު ފާހަގަ ކުރިއެވެ.

ޕްރޮގުރާމު ހުށަހަޅައިދެމުންދިޔަ އަޚް ޢަލީ ރަމީޒުގެ ކުރައްވަމުން ދިޔަ ބައެއް ސުވާލުތަކަށް ޖަވާބުދެމުން ސުޢާދު ބުނީ އިންސާނުންނަކީ އަބަދުވެސް ސަޕޯރޓް ބޭނުންވާ ބައެއްކަމަށާއި މިއުޒިކު ކުޅޭ މީހުން އެކަން ކުރަނީ ބައެއްގެ ރުހުން ހޯދަން ކަމަށެވެ. އަސްލު އެކަމުގައި ދާއިމީ ހިތްހަމަ ޖެހުމެއް ނުވާކަމަށާއި އެކަމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށެވެ.

މިއުޒިކު އަދި ލަވަކިޔުން ހުއްޓާލިފަހުން ޢާއިލާގެ ފަރާތުން ވަރަށްބޮޑު ހިތްވަރެއް ލިބިގެން ދިއުމުގެ އިތުރުން މިއުޒިކް ކުޅޭ ގިނަ ރައްޓެހިންގެ ފަރާތުންވެސް ނުހަނު ބޮޑު ހިތްވަރަކާއި އެއްބާރުލުމެއް ލިބިގެން ދިޔަކަމަށްވެސް ސުޢާދުގެ ވާހަކައިގައި ފާހަގަ ކުރިއެވެ.

މިއުޒިކަކީ ފުރާނައިގެ ކާނާކަމަށް ޤަބޫލުކުރަންތޯ ސުވާލުކުރުމުން ސުޢާދު ބުނީ މިއުޒިކަކީ ފުރާނައިގެ ކާނާ ކަމަށް އެއްވެސް އިރަކު ޤަބޫލު ނުކުރާ ކަމަށާއި އެކަން ޤަބޫލުކުރިނަމަ އެވަރުކަމަކާއި ދުރަށް ނުދިޔައިސްކަމަށެވެ.

ޕްރޮގުރާމުގައި ވާހަކަ ދައްކަމުން ސުޢާދު އިތުރަށް ފާހަގަކުރި ގޮތުގައި އޭނާއަށް އޭރުވެސް މަގުމަތިން ޢަލީ ރަމީޒު ފެންނަ ކަމަށާއި ޢަލީ ފެނުމުންވެސް މިއުޒިކަކީ ފުރާނައިގެ ކާނާކަމަށް ޤަބޫލުކުރާނަމަ އައްޔަ މިކަމާއި ދުރަށް ދާނެ ބާއޭވެސް ހިތާ ހިތާ ކިޔާ ލެވޭ ކަމަށެވެ.

އަޅުގަނޑާއި އިޝާން އާއި އުޅުނީ ވަރަށް ގާތްކޮށް ކަމަށާއި މިހާރުވެސް އިޝާން ފެނުމުން ވަރަށް ބޮޑަށް ހިތްހަމެޖެހުން ލިބޭކަމަށް ސުޢާދު ފާހަގަ ކުރިއެވެ.

މިއުޒިކު އަދި ލަވަ ކިޔާ ޒުވާނުންގެ ޙާލަތު ބަޔާންކޮށްދެމުން ސުޢާދު ފާހަގަކުރި ގޮތުގައި 95 ޕަސެންޓު ޒުވާނުން ލަވައާއި މިއުޒިކުގެ ދާއިރާގައި ކުރިޔަށްދަނީ މަޝްޙޫރުކަން ހޯދަން ވެގެންކަމަށެވެ. އަދި ހަމައެހެންމެ ތަފާތު ނުފޫޒުތައްވެސް ޒުވާނުންނަށް އަންނަކަމަށްވެސް ސުޢާދު ފާހަގަ ކުރިއެވެ.

ސުޢާދުގެ ފަރާތުން ދުވަހަކުވެސް ﷲ ގެ ހެޔޮރަޙުމަތްފުޅާއި އިރާދަފުޅުން ލަވައެއްގެ އަޑު ނީވޭނެކަމަށާއި އަޅުގަނޑު ކިޔާފަ ހުންނަ ލަވަތައް ތަންތާ ޖަހާފަ ހުންނާތީވެސް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށްވެސް ސުޢާދު ފާހަގަ ކުރިއެވެ.

ޕްރޮގުރާމު ނިންމާލުމުގެ ގޮތުން ފާހަގަކޮށްލާނީ ކޮންކަމެއްތޯ ސުވާލުކުރުމުން ސުޢާދު ބުނީ ނުބައިކަމަކުން ދުރުހެލިވުމުގެ ބޭރުން އެކަމުން ދުރުހެލިވެ ޘާބިތުވެ ހުރުމަކީ ވަރަށް އުނދަގޫކަމެއްކަމަށާއި އެއީ ވަރަށްބޮޑު ޗެލެންޖެއް ކަމަށެވެ.

މީގެ އިތުރުން ވަރަށް ގިނައިން ކުރާ ސުވާލެއް ކިހިނެތްހޭ މިއުޒިކާއި ލަވަ ޙަރާމްވަނީ؟ އަޅުގަނޑު އޭގެ ޖަވާބުގައި ބުނަނީ އަޅުގަނޑުގެ ނޮލެޖެއް ނެތޭ ބުނެދޭވަރަކަށް، އެހެނަސް އަމިއްލައަށް ދީނީ ކަންކަމާއިކައިރިވެ ދީނީ ކަންކަމުގައި އުޅެ ޙަޔާތައް އަންނަ ބަދަލެއް ބަލާށޭ ބުނާކަމަށް ސުޢާދު ނިންމާލަމުން ފާހަގަކުރިއެވެ.

މުޙައްމަދު އިޝާން (އިޝާން)

20 އޯގަސްޓް 2021 ވީ ހުކުރު ދުވަހުގެ މެންދުރުފަހު (މިއަދު) 14:00 ގައި އަޚް ޢަލީ ރަމީޒު ކުލަބް ހައުސް މެދުވެރިކޮށް ގެނެސްދެއްވި “މުސާފިރު” ޕްރޮގުރާމުގައި ވާހަކަ ދައްކަމުން އިޝާން ފާހަގަކުރި ގޮތުގައި އޭނާ އާއި ސުޢާދު އަކީ ވަރަށް ގާތް ދެ މީހުން ކަމަށެވެ. އަދި މިއުޒިކާއި ލަވައާއި ބެހޭގޮތުން ދައްކަން ހުރީ ހަމަ ސުޢާދު ދެއްކި ވާހަކަތައްކަން ފާހަގަކުރަމުން އިޝާން ބުނީ މިއުޒިކަކީ މީހާ ވަރަށް ބޮޑަށް ޣާފިލުކޮށްލާ ކަމެއްކަމަށާއި ނަމާދާއި މީހާ ދުރުކޮށްލާ އެއްޗެއްކަމަށް އަޅުގަނޑަށް ފާހަގަވީ މިއުޒިކު ކަމަށެވެ.

ދުނިޔެވީ ގޮތުންވެސް އެއީ ރަނގަޅުކަމެއް ނޫންކަން އެނގޭކަމަށާއި މިއުޒިކް ކުޅޭ މީހުންގެ ތެރެއިން 99 ޕަސެންޓް މީހުންނަކީ ނަމާދު ނުކުރާ މީހުން ކަމަށާއި ޚާއްޞަކޮށް ފަތިސްނަމާދަށް އެފަދަ މީހުން ނާރާނެ ކަމަށް އިޝާން ފާހަގަކުރިއެވެ.

ޕްރޮގުރާމު ކުރިޔަށްދިޔައިރު ޢަލީ ރަމީޒު ކުރެއްވި ސުވާލަކަށް ޖަވާބުދެމުން އިޝާން ބުނީ ލަވައިގެ ރައްޓެހިން އެކަމާއި ގުޅޭގޮތުން އޭނާއާއި ރިއެކްޓު ކުރަން ނޫޅޭ ކަމަށާއި އެހެންނަމަވެސް އޭނަ އިސްވެ އެވާހަކަ ފެށުމުން އެކުދިންވެސް އެފަދަ ވާހަކަތައް ދައްކާނެ ކަމަށެވެ.

އެފަދަ ވާހަކައެއް ޙިއްސާ ކުރަމުން އިޝާން ބުނީ އޭނާ މިއުޒިކް ކުޅުން އިރު އެއީ ކުރުން ރަނގަޅުކަމެއް ނޫންކަން އެނގިގެން އޭނާގެ ގާތު އެކަމުން ދުރުވާން ބުނިކަމަށާއި އެދުވަހު އެ އެކުވެރިޔާއާއި ދިމާލަން ތިއީ ގޯހެކޭ އަހަރެން މިއުޒިކް ކުޅޭ ނަމޭ ބުނިކަމަށެވެ.

މިއުޒިކް ކުޅޭ މީހުން ވަރަށްބޮޑަށް މަސްތުވާތަކެއްޗާއި ދޯޅުވާނެ ކަމަށާއި ޚާއްޞަކޮށް އަންހެނުންނާއި ވަރަށް ދޯޅުވާނެކަމަށާއި ވަރަށް ހަޑިމުޑުދާރު ކަންކަމުގެ ތެރެއަށް މީހާ ލައްބުވާލާކަމެއް ކަމަށްވެސް އިޝާން ފާހަގަ ކުރިއެވެ.

މިއުޒިކު ކުޅުމަކީ ސީދާ މީހުން ރުއްސަން ކުރާކަމެއް. މީހުންގެ ސަޕޯރޓުހޯދަން ކުރާ ކަމެއް، މީހުންގެ ސަމާލުކަން ހޯދަން ކުރާކަމެއް ކަމަށް ވަރަށް ރޫޙުގައި ޕްރޮގުރާމުގައި ވާހަކަދައްކަމުން އިޝާން ފާހަގަކުރިއެވެ.

އިސްލާމް ޕްރެކްޓިސް ނުކުރާ ރައްޓެހިންނަކީ މާ ގިނަ ވާހަކަ ދައްކަން ޖެހޭ ބައެއް ނުންކަމަށާއި ދީންވެރި ރައްޓެހިންނާ އެކީ އުޅުނީމަ ރަނގަޅަށް ކަންކަން ދާނެކަމަށް އިޝާންގެ ވާހަކައިގައި ފާހަގަ ކުރިއެވެ.

މީގެ އިތުރުން އިޝާން ބުނީ މިއުޒިކް ކުޅޭ މީހުން ކަމުގޮސްފިނަމަ، ހިނގަންވެސް ބޭނުންވާނީ އެމީހުން ހިނގާގޮތަށް ކަމަށާއި ކާން އަދި ބޯންވެސް ބޭނުންވާނީ އެމީހުން ބޯ އެއްޗެހި ކަމަށެވެ. އަދި ލާން ބޭނުންވާނީވެސް އެމީހުން ލާ ޒާތުގެ އަންނައުނުކަމަށެވެ.

ދެން ދުވަހަކުވެސް މިއުޒިކަށް އެނބުރިދާނަންތޯ ސުވާލުކުރުމުން އިޝާން ބުނީ ތި ސުވާލު އިވުނަސް އުނދަގޫތަކެއް ވާކަމަށާއި އެކަމަށް އެނބުރި ދިއުމުގެ ވިސްނުމެއް ނެތްކަމަށެވެ. އަދި މިހާރުވެސް އޭނާ ކިޔާފަ ހުންނަ ލަވަތައް ބައެއް ތަންތާ ޖަހާފާ ހުންނާތީ އުނދަގޫވާކަމަށާއި ނުބައިކަމަކުން ދުރުހެލިވެ ހުރުމަކީ ވަރަށްބޮޑު ޗެލެންޖެއްކަމަށެވެ.

ޢަލީ ރަމީޒު

20 އޯގަސްޓް 2021 ވީ ހުކުރު ދުވަހުގެ މެންދުރުފަހު (މިއަދު) 14:00 ގައި އަޚް ޢަލީ ރަމީޒު ކުލަބް ހައުސް މެދުވެރިކޮށް ގެނެސްދެއްވި “މުސާފިރު” ޕްރޮގުރާމުގައި ވާހަކަ ދައްކަމުން ޢަލީ ރަމީޒު ވިދާޅުވީ މިއުޒިކާއި ލަވަ ކިޔުން ހުއްޓާލުމަށްފަހު އޭރުގެ މާޙައުލު އޮތްގޮތުން ހުއްޓާލިއްޔޭ ބުނަންވެސް ސީދާ ނުކެރުން ކަމަށެވެ. ބުނިހާވެސް އެއްޗަކީ އިހަށް މިވަގުތަށް ބްރޭކެއް ނެގީކަމަށެވެ.

ސިޔާސީ ގޮތުން އޭރު ވަރަށް ބޮޑަތި ފިއްތުންތައް ހުރީމަ ވަރަށްބޮޑު ބިރުވެރިކަމެއް ހުންނަން ޖެހުނު ކަމަށާއި  އަޅުގަނޑު ވަރެއް ނެތިގެން އުޅުނު މީހުންގެ ފަރާތުން ތަހައްމަލު ކުރަން އުނދަގޫ ކަންކަމާއި ދިމާވިކަމަށް ޢަލީ ރަމީޒު ވިދާޅުވިއެވެ. އެމީހުން އަޅުގަނޑު ދެކެ ވަރަށްބޮޑަށް ނަފުރަތުކުރި ކަމަށާއި ވަރަށްބޮޑަށް ރުޅިއައި ކަމަށާއި ބައެއް ރައްޓެހިން ފެނުނީމަ މިހާރުވެސް ކަޅިއަޅާލައިފަ ދާނީ ކަމަށް ޢަލީ ރަމީޒު ވިދާޅުވިއެވެ.

އެހެނަސް މިވާހަކަ ދައްކާއިރުހަމަ މިއުޒިކް ކުޅުން ހުއްޓާލުމުން ބައެއް ރައްޓެހިންގެ ފަރާތުން ވަރަށްބޮޑަށް އެހީތެރިކަން ލިބިގެން ދިޔަކަމަށްވެސް ޢަލީ ރަމީޒު ފާހަގަ ކުރެއްވިއެވެ.

އަޅުގަނޑާއި ދުވަހަކުވެސް ބައްދަލުނުވާ ރައްޓެހިންތަކެއް މިސްކިތުން ދިމާވަނީ، ވަރަށް ރީތިކޮށް ސަލާމްގޮވާލާ ވަރަށް ކުރީންސުރެވެސް ދިމާވި ރައްޓެހިން ގޮތުގައި ތިބި ކަހަލަ ގޮތަކަށް އެމީހުން މުޢާމަލާތު ކުރަމުން ދިޔައީ… ޢަލީ ރަމީޒުގެ ވާހަކަތައް ކުރިޔަށް ގެންދަމުން ވިދާޅުވިއެވެ.

އޭރުގެ ރައްޓެހިންނާއި އެ ރައްޓެހިންނާއި ހުރި ތަފާތު އެދުވަސްވަރު އިޙްސާސްވެގެން ދިޔަކަމަށާއި މިއުޒިކް ކުޅުން ހުއްޓާލުމުން ވަރަށްބޮޑު މިނިވަންކަމެއް އިޙްސާސްވެގެން ދިޔަކަމާއި އޭރު ކާން ޖެހެނީ ބޯން ޖެހެނީ އަދި ލާންޖެހެނީ ވަކިބަޔަކު ބޭނުންވާ އެއްޗެއްކަމަށްވެސް ޢަލީ ރަމީޒު ފާހަގަ ކުރެއްވިއެވެ.

ޕްރޮގުރާމުގައި ވާހަކަދައްކަމުން ޢަލީ ރަމީޒު އިތުރަށް ފާހަގަކުރެއްވިގޮތުގައި އޭރު ލިބޭ ފައިސާ އާއި ގާތަށްވެސް ފައިސާ މިހާރު ނުލިބޭ ކަމަށާއި އަދި އޭރު އެފައިސާ ފެންނަންވެސް ނުހުންނައިރު އެއިން ނުފުދިގެންވެސް އުޅެންޖެހޭކަމަށާއި އެހެނަސް މިހާރު  ލިބެނީ މަދުން ކަމަށާއި އެހެނަސް ފެންނަން ހުންނަ ކަމަށާއި ލިބޭ މިންވަރާއިމެދު ހިތްހަމަވެސް ޖެހޭކަމަށެވެ.

ޢަލީ ރަމީޒު ފާހަގަކުރެއްވި ގޮތުގައި މީހުންގެ ތަރުހީބު ނުލިބޭގޮތަކަށް މިއުޒިކް ކުޅޭ މީހުން ނޫޅޭނެ ކަމަށާއި އޭނާގެ ހުރިހާވެސް އެއްޗަކީ މީހުންކަމަށެވެ.

އަސްލު ވަރަށް ގިނަ މީހުންނަށް ލަވަޔާއި މިއުޒިކަކީ އިސްލާމްދީނުގައި ހުއްދަ ނޫން އެއްޗެއްކަން އެނގޭ ކަމަށާއި އެހެނަސް ކޮންމެވެސް މަޖުބޫރީކަމެއް އެފަރާތްތަކަށް އޮންނަނީކަމަށްވެސް ޢަލީ ރަމީޒު ފާހަގަ ކުރިއެވެ.

ލަވައިގެ ނަމުގައި މިހާރު ރޯ އަވަގުރާނަ ގޮވާކަމަށާއި  އަޅުގަނޑުމެން ކިޔާފަ ހުންނަ ލަވަތައް ތަންތާ ޖަހާފަ ހުންނަ އަޑުއިވުނީމަ އަޑުއަހާ މީހުނަށްވުރެބޮޑަށް އަޅުގަނޑުމެންނަށް އުނދަގޫވާކަމަށް ޢަލީ ރަމީޒު ވިދާޅުވިއެވެ.

ނުބައިކަމެއް ހުއްޓާލެވިދާނެ، އެހެނަސް ސާބިތުވެ ހުރުމަކީ ވަރަށްބޮޑު ޗެލެންޖެއް.  އަހަރެމެންގެ އެއްވެސް ބާރެއް ނެތްކަމަށާއި ހުރިހާ ކަމަކީވެސް ﷲ ގެ ރަޙުމަތް ކަމަށް ޕްރޮގުރާމުގެ ނިންމުމުގައި ޢަލީ ރަމީޒު ފާހަގަކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close