ކްލާސްރޫމް މެނޭޖްމެންޓް ޕްލޭން
ތަޢާރަފް:
މިއީ ކްލާސްރޫމެއްގެ ކިޔަވައިދިނުން މަދުވެގެން 4 ގަޑިއިރު އޮބްޒާވް ކުރުމަށްފަހު ފެނުނު ކަންތައް ހިމަނައިގެން ލިޔުނު ޕްލޭނެކެވެ. އޭގެތެރޭގައި ކްލާސްރޫމް މެނޭޖްކުރުމުގައި ދިމާވި މައްސަލަތަކާއި، ކްލާހުގައި މުދައްރިސް ކިޔަވައިދެއްވިއިރު ގެންގުޅުއްވި ވައްޓަފާޅިއާއި، އަދި ކުދިންގެ ބިހޭވިއަރަލް މައްސަލަތައް ހިމަނާފައިވާނެއެވެ.
އަޅުގަނޑުގެ މަޤްޞަދަކީ މި މަސައްކަތުގެ ސަބަބުން އަޅުގަނޑަށާއި، އަދި މިލިޔުން ވިދާޅުވާ ފަރާތްތަކަށް ފައިދާކުރުވަނިވި ގިނަމަޢުލޫމާތު ތަކެއް ލިބިގެން ދިޔުމެވެ.
އެއްވަނަބައި: ( ކޭސް ތަފްޞީލް ކޮށްލިޔުން )
ކިޔަވައިދޭ ކްލާސްރޫމަކީ ދަރިވަރުންނާ ރައްޓެހި، އުނގެނުމަށް ފަހި، ޓެކްނޯލޮޖީގެ ވަޞީލަތްތައް ޤާއިމްވެފައި ހުރި، ކުދިން ކިޔަވާހިތްވާ ފަދަ ކުލާސްރޫމަކަށް ހެދުމަށްޓަކައި، މަސައްކަތްކުރުމަކީ، އުނގަންނައިދޭ މުއައްސަސާއެއްގެ އެންމެ ބޮޑު އެއް މަޤުސަދަށް ވެފައިވާއިރު އަޅުގަނޑު އޮބްޒާވް ކުރި ކްލާސްރޫމަކީވެސް މިދެންނެވި ފަދަ މާހައުލަކަށް ހެދުމަށް މިސްކޫލްގެ މެނޭޖްމެންޓުންނާއި ، ބެލެނިވެރިންނާއި އަދި ކިޔަވައިދެއްވާ މުދައްރިސުން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާ ކްލާސްރޫމެކެވެ.
ކްލާސްރޫމްގެ ފިޒިކަލް ސްޕޭސް ނުވަތަ ޖާގަޔާއި ތަކެތި އެތުރިފައި ހުރިގޮތް:
މިކްލާސްރޫމަކީ ހަރުދަނާ ރަނގަޅު ހުރިހާ ގޮތަކަށްވެސް ފަހި މާހައުލަކަށް ހެދުމަށްޓަކައި މަލްޓިމީޑިއާ ބޭނުންކުރެވޭ ގޮތަށް ސްމާޓް ޓީވީއަކާއި، ކޮމްޕިއުޓަރ ސިސްޓަމެއް، ކްލާހުގައި ކުދިން އެތުރިފައިތިބޭއިރު ކުދިންގެ ކުރިމައްޗަށްވާގޮތަށް ބެހެއްޓިފައި ވެއެވެ. އޭގެ އިތުރުން ވައިޓްބޯޑަކާއި، ކްލާސްރޫމް ކަބަޑަކާއި، އަދި ޓީޗަރަށް މޭޒަކާއި، ގޮޑިއެއްވެސް ހުއްޓެވެ.
އަޅުގަނޑު އޮބްޒާވް ކުރި ގްރޭޑް 9 ގެ ކްލާހުގެ ދަރިވަރުންގެ ޢަދަދު 25 އަށް އަރާއިރު ކުދިންނާ އެކަށީގެންވާ ޖާގަ މިކްލާހުގައި އޮތްކަން ފާހަގަކުރެވެއެވެ. ކުދިން ބަރިބަރިއަށް އެތުރިފައިވާއިރު ދެކުދިން ދޭތެރޭގައި ގާތްގަޑަކަށް 3 ފޫޓެއްހާ ހުސްޖާގަ އޮތެވެ.
މި 25 ކުދިންގެ ތެރޭގައި ފުދޭވަރަކަށް ހަލަބޮލި ކުދިންނާއި ސްލޫކް ދަށް ދަރިވަރުންވެސް ތިބިކަން ފާހަގަކުރެވުނެވެ. މިކުދިން ކްލާހުގައި ބައިތިއްބާފައިތިބީ ވަކިންނެވެ. އެކުދިން ފާހަގަވެ، އެނގޭކަހަލަ ގޮތަކަށެވެ. މިހެން މިދެންނެވި ސަބަބަކީ އެކުދިންތިބީ ކްލާހުގެ އެންމެ ފަހަތު ރޯގައެވެ. އެކުދިން އެގަޑީގައި ނޫނަސް އަބަދުވެސް ތިބެނީ މިކްލާހުގައި މިތާންގައި ކަމަށް ބެލެވެއެވެ. އަނެއްކޮޅުން ބަލާއިރު ބޯޑުގައި އެއްޗެއް ލިޔުނަސް އަދި މަލްޓިމީޑިއާއިން އެއްޗެއް ދެއްކިޔަސް މިދެންނެވި 3 ކުދިން ތިބެނީ ހަމަ ބާކީ ކޮށްލެވިފައޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.
ކިޔަވައިދިނުމާއި ، އުނގެނުން:
މިކްލާހަށް ފުރަތަމަ ކިޔަވައިދެއްވަން ދުރުވިޓީޗަރ ( އިސްލާމް ޓީޗަރ ) ގެ ގަޑީގައި އެންމެ ފުރަތަމަ ކުލާހަށް މުދައްރިސްވެންނެވީ ހިނިތުންވުމާއިއެކު މޫނުމަތިން އުފާވެރިކަން ދައްކަވަމުންނެވެ. އެހެންވުމުގެ ސަބަބުން އެކްލާހުގެ ކުދިންވެސް ތިބީ ވަރަށްބޮޑަށް ހިތްހަމަޖެހުމާއެކު އެހާ އުފާވެފައެވެ. މިހެންމިވީ ، މިއީ ކޮންމެދުވަހެއްގެވެސް އާދަކަމުގައި ވާތީކަމަށް ވެދާނެއެވެ. އެ ޓީޗަރު ނަގައިދެއްވީ 40 މިނިޓްގެ ގަޑިއެކެވެ. އެގަޑީގައި މުދައްރިސް ކިޔަވައިދިނުމާއި ، މަސައްކަތް އޮޅުން ފިލުވައިދިނުމާއި އަދި މަސައްކަތް ޙަވާލުކުރުމުގައި ބޭނުންކުރެއްވީ ޖުމުލަ 35 މިނިޓެވެ. ބާކީ އިން ތިން މިނިޓް ބޭނުންކުރެއްވީ ކުދިން އުފާކުރުމަށް ޖޯކް ކިޔުމުގައެވެ. އަޅުގަނޑު ދެކޭގޮތުގައި މިއީ ކުދިންގެ ސިކުނޑިތަކަށް ތަސައްލީއެއް ލިބިގެން ދާނެ ކަމެކެވެ. އަދި ޓީޗަރާ ދޭތެރޭގައި ކުދިންގެ ޝައުޤުވެރިކަން އިތުރުވެގެންދާނެއެވެ.
މިކަމުގައިވެސް މުދައްރިސް ވަރަށްރަގަޅު ޓެކްނިކެއް ބޭނުންކުރެއްވިއެވެ. ކޮންމެ ދުވަހަކު ޖޯކެއް ކިޔުމަކީ މުދައްރިސަށް ފަސޭހަކަމަކަށް ނުވާނެތީ ، ކުލާހުގައި ތިބޭ ކުދިންގެ ކައިރީގައި މިކަމުގައި ބައިވެރިވުމަށް އެދޭކުދިންތިބިތޯ ސުވާލުކުރެއްވިއެވެ. އަދި އެކުދިންގެ ނަންތައް ނޯޓްކުރެއްވިއެވެ. ދެން ކޮންމެ ދުވަހަކުވެސް ކޮންމެވެސް ކުއްޖަކު ލައްވާ ޖޯކެއް ކިޔަން ހަމަޖެއްސިއެވެ. މިގޮތަށް ކަންތައް ކުރުމުންވެސް ކުދިން ވަރަށްއުފާވިއެވެ.
އެހެންނަމަވެސް ދެރަވާންޖެހޭ ތަންކޮޅަކީ އެއްކަލަ އެކަހެރިކޮށްލެވިފައިވާ 3 ދަރިވަރުންނާމެދު މިފަހަރުވެސް މާބޮޑަށް އަޅާނުލެވި މިކަމުގައިވެސް އެކުދިން ބައިވެރި ނުކުރެވި މިކަންވެސް ނިންމާލެވުނުކަމެވެ. މިކަމުގައި މުދައްރިސްގެ ބަހަނާއަކީ ކޮންމެ ކަހަލަ އެކްޓިވިޓީއެއް ކްލާހުގައި ކުރިއަށް ގެންދިޔަކަމުގައިވިޔަސް އެ ތިންކުދިންގެ ސަމާލުކަން ނުލިބުމުގެ ޝަކުވާއެވެ. އެކުދިން އެއްވެސްކަމަކާ އަޅައިނުލައި ތިބޭވާހަކައެވެ.
އެދުވަހުގެ ގަޑީގައި މުދައްރިސް ނަންގަވައިދެއްވި ފިލާވަޅަކީ ޙަދީސް ޢިލްގެ ފިލާވަޅެކެވެ. އިސްލާމްފަދަ މާއްދާއެއްގައި އަޅުގަނޑުދެކޭގޮތުގައި މިފަދަ ފިލާވަޅެއް ކުދިންގެ ފޫހިކަމެއް ނެތި ނަގައިދެވޭނީ ވަރަށްބޮޑަށް ތައްޔާރުވެގެންނެވެ. މިފިލާވަޅަށް މުދައްރިސް އެކަށީގެންވާ މިންވަރަށް ތައްޔާރުވެފައެއް ނުވެއެވެ. އެކިއެކި އެކްޓިވިޓީތައް ގެންދިއުމުގެ ބަދަލުގައި ކުރިއަށް ގެންދިޔައީ ، ކްލާހުގައި ކުދިންނާއެކު މަޖާކުރުމުގެ ވަގުތުތަކެވެ. ފުރަތަމަ ކުރެއްވިކަމަކީ ޕްރެޒެންޓޭޝަނެއް ބޭނުންކުރައްވައިގެން ފިލާވަޅު އޮޅުންފިލުވައިދެއްވީއެވެ. އޭރު ގިނަކުދިންތިބީ ފިލާވަޅަށް ސަމާލުކަންދީގެން ވަރަށް ރަގަޅަށް އަޑުއަހާށެވެ. އަދި ދޭތެރެދޭތެރެއިން ކުދިންނާ ސުވާލުވެސް ކުރެއްވިއެވެ. ކުދިންގެ ފަރާތުން އެކަށީގެންވާ ޖަވާބުވެސް ލިބުނެވެ. މުޅިފިލާވަޅުގައިވެސް އިތުރަށް ކުރެއްވި އެހެން ކަމެއް ނުފެނުނެވެ.
އަދި ހަމައެހެންމެ ޕްރެޒެންޓޭޝަން މެދުވެރިކޮށް ފިލާވަޅު އޮޅުންފިލުވައިދެއްވަމުން ގެނދިޔައިރު މުދައްރިސްގެ ފޯކަސް ހުރީ ވަކި ކުދިންތަކަކާ ދިމާއަށްކަމުން އެގަޑީގައި ބައެއް ކުދިންގެ ފަރާތުން މުދައްރިސަށް ކޮންމެވެސް ވަރަކަށް އުނދަގޫވިއެވެ. އެފަދަ ބައެއްކުދިން ސަމާލުކަންނުދީ ބޭކާރުވާހަކަ ދެއްކުންފަދަ ކަންކަންކުރިއެވެ. ފިލާވަޅުގެ އޮޅުންފިލުވައިދިނުމުގެބައި ނިމުނު އިރުވެސް އެކަމަކަށް ހައްލެއް ނައެވެ. މުދައްރިސްގެ ސަމާލުކަން އެކަމަށް ނުދެއްވުމުގެ ސަބަބުން އެކުދިނަށް، ފަހުން ހަވާލުކުރެއްވި މަސައްކަތްވެސް އެކުދިންނަށް ނިންމުނީ މުޅިން ގޯސްކޮށްނެވެ.
ބިހޭވިއާ މެނޭޖްމެންޓް:
ކުރިންވެސް ފާހަގަކުރި ފަދައިން މިކްލާހުގައި ހަލަބޮލި ކުދިންނާއި، ސްލޫކީ ގޮތުން ދަށް ކުދިން ކޮންމެވެސް ވަރަކަށް ތިބުމުގެ ސަބަބުން މުދައްރިސަށް ކްލާސް ކޮންޓްރޯލް ކުރަން އެގަޑީގައިވެސް އުނދަގޫވިއެވެ. އެކުދިން ތިބީ ކަރުދާހުން ރޮކެޓް ހަދާށެވެ. އަދި އެ ރޮކެޓްތައް ކްލާސްތެރެއަށް އުކާ ހަދައެވެ. އެއީ ޕްރެޒެންޓޭޝަން އޮޅުންފިލުވައިދެއްވަމުން ގެނދިޔައިރު މިދެންނެވި ކުދިންނަށް މާބޮޑު ސަމާލުކަމެއްނުދީ ފިލާވަޅު ކުރިއަށް ގެންދެވުނީމާ ކަމަށް ބެލެވެއެވެ. އަދި އެކުދިންނަށް އެކަށީގެންވާ ގޮތެއްގައި ކްލާސްތެރޭން ސަޕޯޓް ނުލިބުމުގެ އިތުރުން އެހެންކުދިންގެ ރުޅިވެރިކަމާއި ހިތްހަމަ ނެޖެހުން އޮތްމިންވަރުވެސް ފިލާވަޅުގެ ތެރެއިން ފާހަގަވިއެވެ.
ޖެހިގެން އައި ގަޑީގައި މިމައްސަލައަށް ހައްލެއް ހޯދުމަށް އެހެންޓީޗަރަކު މަސައްކަތް ކުރެއްވިއެވެ. އެ ޓީޗަރ ކިޔަވާ ދެއްވަމުންދިޔައިރު، ކުދިން ފޫހިވާކަން ފާހަގަ ކުރެއްވިގެން ކްލާސް ކުރިއަށް ގެންދިޔަގޮތް ވިސްނުންތެރިކަމާއިއެކު ބަދަލުކޮށްލެއްވިއެވެ. ފުރަތަމަވެސް ކުރެއްވިކަމަކީ ކުދިން ގޮނޑީގައި މާގިނައިރު އިށީންދެ ތިބުމުން ލިބިފައިވާ ފޫހިކަން ފިލުވާލުމަށް ކޮންމެކުއްޖަކަށްވެސް ދެއްވީ ފްލެޝްކާޑެކެވެ. ބައެއް ކުދިންނަށް ދެއްވި ކާޑުތަކަކީ އީކްއޭޝަނެއްގެ ސުވާލެކެވެ. އަނެއްބައިކުދިންނަށް ދެއްވީ އޭގެ ޖަވާބު ތަކެވެ. ދެން ކުދިންނަށް ޖެހުނީ ތެދުވެގެން އީކްއޭޝަންތަކުގެ ޖަވާބުތައް ހޯދަން އެހެންކުދިން ގާތަށް ދާށެވެ. އެ މަސައްކަތް ނިމުނުއިރު އޮތީ ކޮންމެވެސް ވަރަކަށް ބިހޭވިއާ މައްސަލަ ހައްލުވެފައެވެ.
އޭގެ އިތުރުންވެސް މިފިލާވަޅު ނަގައިދެމުންދިޔައިރު މުދައްރިސްގެ ވާހަކައިންނާއި ކުރައްވަމުން ގެންދިޔަ އެކިފެންވަރުގެ ސުވާލުތަކުން ކުދިންގެ ފޫހިކަން ކަނޑުވާލެވޭތޯ މަސައްކަތް ކުރެއްވިއެވެ. ފިލާވަޅުގެ ތެރެއަށް ކުދިން މާބޮޑަށް ވައްދާ ބިޒީކޮށްލެއްވިކަމުގައި ވިޔަސް ކުދިން ނޭވާލައި ހަމަޖެހިލުމަށް ވަގުތުދެމުން ގެންދެވިއެވެ.
މިވަރުންވެސް ބިހޭވިއާ މައްސަލަތައް މުޅިން ހައްލުވާގޮތެއްނުވިއެވެ. ދޭތެރެދޭތެރެއިން މުދައްރިސަށް އުނދަގޫވާ ޒާތުގެ ސުވާލުތައް ކުރުމާއި، ބޭކާރު އަނގަތެޅުން ފަދަ ކަންކަން ކްލާހުގެ އެންމެފަހަތުގައި ތިބި 3 ކުދިން ކުރަމުން ގެންދިޔައެވެ.
ހައްލުކުރާނެގޮތް:
ކުރިންވެސް ފާހަގަކުރި ފަދައިން މިކްލާހުގައި ހަލަބޮލި ކުދިންނާއި، ސްލޫކުދަށް ކުދިން ކޮންމެވެސް ވަރަކަށް ތިބުމުގެ ސަބަބުން މުދައްރިސަށް އުނދަގޫވިއެވެ. އަދި ކުދިންކްލާސްތެރޭގައި ބައިތިއްބައިފައި ތިބިގޮތުންވެސް ކުދިންނަށް ފިޒިކަލް ސްޕޭސް އެންމެ އެދެވޭގޮތެއްގައި ނުލިބެއެވެ. އަދި ކިޔަވައިދިނުމާއި ކުދިން ފިލާވަޅުގެތެރެއިން އުގެނެމުން ދިޔައިރުވެސް ފުދޭވަރަކަށް މުދައްރިސަށާއި، ކުދިންނަށް އުނދަގޫވެގެން ދިޔައެވެ. އަދި ހަމައެހެންމެ ދަރިވަރުންގެ އުޅުން ކްލާހުގައި ރަގަޅަށް މެނޭޖް ނުކުރުވުމުގެ ސަބަބުން ޖެހިގެންދިޔަ މައްސަލަތައް ދިޔައީ ހައްލުނުކުރެވިއެވެ. މިކަންކަން އެންމެ ބޮޑަށް ފާހަގަކުރެވިގެންދިޔައީ ޕްރެޒެންޓޭޝަން އޮޅުންފިލުވައިދެއްވަމުން ގެނދިޔައިރު އެވެ.
ފިޒިކަލް ސްޕޭސް މެނޭޖް ކުރާނެގޮތް:
ކްލާސްރޫމްގައި ބޭނުންކޮށްފައިވާ ކޯނަރސްތަކާއި، ޑިސްޕްލޭތަކާއި، އަދި ކުދިން އަތުރާފައިވާ ގޮތަކީ ކްލާސްރޫމް އިންތިޒާމް ކުރުމުގެބައިގައި މުހިއްމު ދައުރެއް އަދާކުރާ ބައިތަކެކެވެ. މި މަސައްކަތް ކުރުމަށް ޓަކައި އަޅުގަނޑު އޮބްޒާރވް ކުރި ކްލާސްރޫމްގެ މިބައިތަކަށް ބަލާއިރު ފެނިގެންދަނީ ވަރަށް ބޮޑަށް އެކަންކަން އިސްލާހްކޮށް ޙައްލުކުރަންޖެހޭ ތަނެވެ. އެހެނީ ކުދިން އަތުރާފައިވާ ގޮތަށް ބަލާއިރު އެތުރިފައިވަނީ ބަރިބަރިއަށެވެ. ( ޑިސްޕްލޭސް 2 ގޯ 2015 ) ބަރިބަރިއަށް ކުދިން އަތުރާފައިބޭތިއްބުމަކީ ކުދިންނަށް ފަސޭހަ މާހައުލެއްގައި އެކުއްޖެއްގެ ޚިޔާލު އަނެއްކުއްޖަކާ ބަދަލުކޮށް ވާހަކަދެއްކުމަށް ފުރުޞަތު ކުޑަވެގެންދާނެކަމެކެވެ.
ކްލާސްރޫމްގައި ކުދިން ބަރިބަރިއަށް އިށީންނަގޮތަށް ރޭވުމުން ކްލާހުގެ ކުރިއާއި މެދު ވެގެން ދަނީ ޙަރަކާތްތެރި ސަރަޙައްދަކަށެވެ. އެސަރަހައްދަކީ މުދައްރިސާއި ދަރިވަރާއި ދެމެދު އެންމެ ރަގަޅު ގުޅުމެއް އޮވެ އަދި އެންމެ ރަގަޅަށް މުޢާމަލާތްކުރެވޭ ސަރަޙައްދެވެ. އެސަރައްދުގައި ތިބޭ ކުދިން އެހެންދަރިވަރުންނާ އަޅާކިޔާނަމަ ވަރަށް ބޮޑަށް ކިޔެވުމުގެ ފުރުޞަތު އެކުދިންނަށް ލިބިގެންދެއެވެ. މިއީ ދިރާސާތަކުން ހާމަވެފެންނާން އޮތް ހަޤީޤަތްތަކެވެ. މިފަދަ ދިރާސާތައް ބުނާގޮތުން މިދަންނަވާ ސަރަޙައްދުގައި ތިބޭ ދަރިވަރުން ކްލާހުގައި ހިންގާ ޙަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވިޔަސް އެހެން ދިމަދިމާގައި ތިބޭ ދަރިވަރުން ފިލާވަޅަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އަދި އަޅައެއްވެސް ނުލައެވެ. އެކުދިންނަށް ހީވެފައި އޮންނަނީ ކްލާސްރޫމްގެ މާހައުލަކީ ހަމައެކަނި ޓައިމް ޕާސްޓް ކޮށްލަން ލިބޭ ފުރުޞަތެއްކަމުގައެވެ.
ޙަރަކާތްތެރި ސަރަޙައްދު ނޫން ކްލާސްރޫމްގެ އެހެން ހިސާބުތަކުގައި ތިބޭ ކުދިންނަށް ދިމާވާ މައްސަލައަކީ ، ދިރާސާތައް ބުނާގޮތުން އެކުދިންނަށް އެކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ނުލިބުމާއި، އެކުދިންނަށް ކަންކަމުގައި ބޮޑަށް ބައިވެރިވުމުގެ ފުރުޞަތު ކުޑަވުމުން އެކުދިންގެ ފަރާތުން ޑިސިޕްލިން މައްސަލަތައް ދިމާވުމެވެ. މިމައްސަލަ ދިމާވުމުގައިވެސް ފާހަގަކުރެވޭ މައްސަލައަކީ އެފަދަ ކުދިންނާމެދު މުދައްރިސަށް މާބޮޑުސަމާލުކަމެއް ނުދެވުމުގެ ސަބަބުން މަސައްކަތްތަކުގައި ބައިވެރުމަށް އެކުދިންނަށް މާބޮޑު ހިތްވަރެއް ލިބެމުން ނުދިއުމެވެ.
( ޑިސްޕްލޭސް 2 ގޯ 2015 ) “އެފެކްޓިވްސީޓިން އެރޭންޖްމެންޓް” އަކީ ކްލާސްރޫމް މެނޭޖްކުރުމުގައި ވަރަށް މުހިއްމު ކަމެއްދޭންޖެހޭކަމެކެވެ. އެއީ ކްލާސްރޫމްގައި ކުދިންބައިތިއްބަންޖެހޭ އެރޭންޖްމެންޓް ފެށިފައިވަނީ ސިލަބަހާ ހިސާބުންނެވެ. މާނައަކީ ސިލަބަހުގައި ބުނެފައިވާ އިންޑިކޭޓާރސްތައް ޙާޞިލްކުރުމަށް ކްލާސްރޫމްގައި ކުދިންއަތުރާގޮތްވެސް އެއީ ވަރަށް މުހިންމު ރޯލެއްއަދާކުރާކަމެކެވެ.
އަޅުގަނޑު އޮބްޒާވްކުރި ކްލާހުގައި ފަހަތުގައި ތިބިކުދިންގެ ފަރާތުން އުނދަގޫތަކާއި، މުދައްރިސަށް ކުރިމަތިލާންޖެހުމުގެ އެންމެ ބޮޑު ސަބަބަކީ ކުރިން މިދެންނެވިހެން ކްލާސްރޫމްގެ ޙަރަކާތެރި މާހައުލުން ބޭރުގައި އެކުދިން ތިބެންޖެހުމެވެ. އެހެން ކަމުން އެކުދިންގެ ސަޕޯޓް ހޯދާ އެކުދިން ފިލާވަޅުގެ ތެރެއަށް ގެނެސް އެކުދިންނަކީވެސް އެހެންކުދިންނެކޭ އެއްފަދަ ޙަރަކާތެރި ބަޔަކަށް ކްލާސްރޫމްގެ މާހައުލުގައި ހެދުމަށް އެކުދިންވެސް ކޮންމެވެސް މިންވަރަކަށް ހަރަކާތްތެރިސަރަޙައްދަށް ގެންނަން އެބަޖެހެއެވެ. އެކުދިން ކްލާސްރޫމްގެ ހަރަކާތެރި ސަރަޙައްދަށް ގެނައިނަމަ އެގަޑީގައި އެކުދިންގެ ފަރާތުން މުދައްރިސަށް ލިބެމުންދިޔަ އުނދަގޫތައް ފިލައިގެން ދިޔައިސްކަން ކަށަވަރެވެ.
ދެން އޮތް އަނެއްޙައްލަކީ ކްލާސްރޫމްގައި ކުދިންއަތުރާފައިވާ ގޮތް މުޅިން ބަދަލުކޮށްލުމެވެ. އެހެނީ ބަރިބަރިއަށް ކުދިން އަތުރާފައި ބައިތިއްބުމަކީ ކުރިންވެސް ބަޔާންކުރެވުނުފަދައިން ގިނަކުދިންތަކަށް ފަހިމާހައުލެއް ޤާއިމް ކޮށްދެވޭގޮތެއްކަމުގައި ވިޔަސް އެއްކަލަ ހަލަބޮލި ކަމާއި މިސްބިހޭވިއަރަލް ކުދިންނަށް ވަރަށް އަންފެއަރ ގޮތެކެވެ. އެކަން ރަގަޅުކުރެވޭނީ ކްލާސްރޫމްގެ ފިޒިކަލް މާހައުލުބަދަލުކޮށްލެވިގެންނެއެވެ. އެއީ ކުދިން އެތުރިފައި ތިބޭ ތިބުން ބަދަލުކޮށްލެވިގެންނެވެ. އެބަދަލު ކޮށްލުމަކީ ކްލާހުގެ ކުދިންގެ އަދަދަށް ބަލާ ކޮންމެ ގުރޫޕެއްގައި 4 ނުވަތަ 5 ކުދިން ތިބޭ ގޮތަށް ކުދިން ގްރޫޕްތަކަކަށް ބަހާލުމެވެ. ކުދިން ގުރޫޕްކޮށްގެން ކިޔަވައިދިނުމަކީ ހުރިހާ ގޮތަކުންވެސް ކުދިންނަށާއި، މުދައްރިސަށް ފައިދާބޮޑުވާނެ ގޮތެއްކަމަށް ދިރާސާއިން ދައްކައެވެ.
ވެއިންސްޓެން (1979) ވިދާޅުވާ ގޮތުގައި މިގޮތަށް ގުރޫޕް ތަކަށްވާގޮތަށް ކްލާސްރޫމުގެ ޑެސްކް ތަރުތީބު ބަދަލުކުރުމުން ދަރިވަރުން އުނގެނުމުގެ މަސައްކަތުގައި ހޭދަކުރާ ވަގުތު އިތުރުވެއެވެ. އަދި އުނގެނުމާއި ނުގުޅޭމަސައްކަތުން ދުރުވެ އަދި ބާރަށް ވާހަކަ ދެއްކުމުން ދުރުހެލިވެއެވެ. އަދި އެހެންކުދިންނަށް ކުރާ އުނދަގުލުންވެސް ސަލާމަތްވެއެވެ.
ރޮސެންފީލްޑް، ލަމްބަރޓް އަދި ބްލެކް (1985) ވިދާޅުވާގޮތުގައި ކުދީން ވައްބުރަކަށްވާގޮތަށް ކްލާސްރޫމުގައި ބައިތިއްބުމުން އެކުދީން އުނގެނުމުގެ މަސައްކަތުގައި ހޭދަކުރާމިންވަރު ނުވަތަ ވަގުތު އިތުރުވެއެވެ. އަދި ކްލާހުގައި ހިންގާ މަޝްވަރާތަކުގައި ބައިވެރިވާ މިންވަރު ވަރަށްބޮޑުތަން އިތުރުވެއެވެ.
މިބޭފުޅުން ވިދާޅުވާގޮތުގައި އެކުދިންނަށް ގުރޫޕްގައި ތިބެގެން އަމިއްލަ ކަންކަމާ މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ. އެ ފުރުޞަތުގެ ތެރެއިން މިނިވަންކަމާއެކު އެހެންކުދިންނާ ވާހަކަ ދެއްކޭނެއެވެ. އެހެންކުދިންގެ ފަރާތުން އެކުދިންނަށް ވަރަށް ގިނަ ކަންކަމުގެ ޙައްލު ލިބޭނެއެވެ. އެއީ ކުދިންނަށް އެކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރަށް ބޮޑަށް ބޮޑުވެގެންދާނެކަމެކެވެ.
އޮބްޒާވް ކުރެވުނު ކްލާސްރޫމްގެ ފިޒިކަލް ސްޕޭސް މެނޭޖް މަންޓަށް ބަލާއިރު ކްލާސްރޫމްގައި ބޭނުންކުރާ މަލްޓިމީޑިއާ ސިސްޓަމް ( ޓީވީ އަދި ކޮމްޕިއުޓަރ ) ބެހެއްޓިފައިހުރީ ކުދިންނަށާއި، މުދައްރިސަށް އެންމެ ފަސޭހައިން އޭގެ ބޭނުން ކުރެވޭފަދަ ތަނެއްގައެއް ނޫނެވެ. އެހެނީ ޓީވީ ހުރީ ކުދިން އެތުރިފައި ތިބިގޮތަށް ބަލާއިރު ކުދިންގެ ފުރަގަހަށް ވާގޮތަށެވެ. އެގޮތަށް އެ ދިމާވީ ކުދިން އެނބުރިގެން ތިބެނީއަބަދުވެސް ވައިޓްބޯޑާ ދިމާއަށްވުމެވެ. ވައިޓްބޯޑު ބެހެއްޓިފައިހުރީ ޓީވީ ހުރި ފަރާތްނޫން އަނެއްފަރާތުގައެވެ. އެއީ ފަހަރެއްގައި ޓީވީއާއި، ބޯޑު އެއްފަރާތެއްގައި ހަރުކުރެވޭވަރުގެ ޖާގަނެތީމައި ކަމަށްވެސް ވެދާނެއެވެ.
އެކަން ހައްލުކުރެވިދާނެއް އެއްގޮތަކީ ބޯޑުގެ ސައިޒް ތަންކޮޅެއް ކުޑަކޮށްލުމަށްފަހު ޓީވީވެސް ކުޑަތަންކޮޅެއް އެއްފަރާތަށް ޖައްސާލުމަށްފަހު އެފާރަށް ބޯޑު ފިކްސްކުރުމެވެ. މިގޮތަށް ހަދާލެވިއްޖެނަމަ ކުދިންނަށްވެސް އަދި މުދައްރިސަށްވެސް ވަރަށްބޮޑު ތަންފަސޭހަވެގެންދާނެއެވެ. އެހެންނޫނީ ކޮންމެފަހަރަކުވެސް ޖެހޭނީ ކުދިން ފަރާތްފަރާތަށް އެނބުރޭށެވެ. އެއްދިމާއަކަށް ތިބެންޖެހުމުގެ ބަދަލުގައި އަބަދު އަބަދު ކުދިން ފަރާތްފަރާތަށް އެނބުރެންޖެހުމަކީ ވަރަށް އުނދަގޫވާނެކަމެކެވެ.
އަދި ކްލާސްރޫމްގެ ޑިސްޕްލޭތަކަށްބަލާއިރުވެސް އެ ޑިސްޕެލޭތައް ކުރެވިފައިވަނީ އެންމެ އެކަށީގެންވާ ރަގަޅު ގޮތަކަށް ނޫނެވެ. އެކިއެކި މާއްދާތަކުން ޑިސްޕްލޭތައް ކުރެވިފައި ހުރިއިރު އެ ޑިސްޕޭތައް ވަނީ އެކިއެކި ދިމަދިމާއަށް އުކާލެވިފައެވެ. އޭގެ ބަދަލުގައި ކޮންމެ މާއްދާއަކަށް ވަކި ސަރަޙައްދެއް ފާތުތަކުން ވަކިކޮށްލުމަށްފަހު އެ ތަންކޮޅުގައި ޑިސްޕްލޭކުރެވިދާނެއެވެ. އެގޮތަށް ޑިސްޕްލޭ ކުރުމުން ކުދިންނަށްވެސް އަދި މުދައްރިސަށްވެސް އެ ޑިސްޕްލޭ ބަލާބަލަން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.
ރީޑިން ކޯނަރތަކާއި، ސްޕޯޓްސް ކޯނަރ މިކްލާސްރޫމުގައި ޤާއިމްވެފައެއް ނެތެވެ. އެފަދަކޯނަރތަކަކީ މިފަދަ ކްލާސްރޫމެއްގައި ހުރުން ކޮންމެހެންވެސް ބޭނުންތެރިކޯނަރތަކެކެވެ. އެއީ އެކިކަހަލަ މިޒާޖްގެ ކުދިން އެއްކްލާހެއްގައި ކިޔަވަމުންދާއިރު އެކުދިން ފޫހިނުވެ ކްލާސްރޫމްގައި ހިފަހައްޓާލަންޖެހޭއިރު އެކުދިންނަށް ދެވޭނެ ފައިދާހުރި އިތުރު މަސައްކަތްތަކެއް މިފަދަކޯނަރ ތަކުގެ ޒަރީއާއިން ފޯރުކޮށްދެވޭނެތީއެވެ. މިސާލަކަށް އަވަހަށް މަސައްކަތް ނިންމާކުއްޖާއަށް ރީޑިންގ ކޯނަރއަށްގޮސް ރީތި ވާހަކަފޮތެއްކިޔާލުމުގެ ފުރުޞަތު ދެވިދާނެއެވެ. އޭރުން އެކުއްޖާއަށް އެ ހުޅުވާލަދެވުނީ ވަރަށްވެސް އަގުހުރި ރަނުގެފުރުޞަތެކެވެ.
ކިޔަވައި ދިނުމާއި އުނގެނުން:
އަޅުގަނޑުމެން ވިސްނާލަންޖެހޭ އަނެއްކަމަކީ އުގަންނައިދިނުމުގެ ފަންނަކީ އަބަދުވެސް އާ ހޯދުންތައް ހޯދާ ތަފާތު އާގޮތްތަކަށް ބައްޓަންކުރެވެމުން އަންނަ ހުނަރުވެރި ފަންނެއްކަމެވެ. މީގެ ކުރީގެ ޒަމާންތަކުގައި މިފަންނުގައި މުދައްރިސުންގެ ދައުރުބޮޑުވެ ހުރިހާކަމެއް މުދައްރިސުން ކުރާގޮތަށް އޮތްނަމަވެސް މިހާރުއެކަންމިވަނީ ޒަމާނާ އެއްގޮތަށް ބަދަލުވެފައެވެ. އެއީ ޒަމާނީ އާހޯދުންތަކާއި، އެކިއެކި ދިރާސާތަކަށް ބަރޯސާވެގެންނެވެ. މިއަދުގެ ޙަޤީޤަތަކީ އުގަންނައި ދިނުން ބަރޯސާވާންވީ ހަމައެކަނި ދަރިވަރުންނަށްކަމެވެ.
އަޅުގަނޑު އޮބްޒާވްކުރި ކްލާހުގައި ކުރިއަށްގެންދެވުނު ފިލާވަޅުގައި މުދައްރިސް ބޭނުންކުރެއްވި ޓީޗިން މެތަޑޯލޮޖީއަށްބަލާއިރު ދަންނަވަންޖެހެނީ އެފިލާވަޅުގެ އެކްސްޕެލެނޭޝަން ބައި ގެންދެވިއިރު ކުދިންނާއި މުދައްރިސާ ދެމެދު މާބޮޑު ގުޅުމެއްނެތްކަމަށެވެ. ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަނެއް ދެއްކެވިއިރު މުދައްރިސްގެ ސްޕީޑް މާ ހަލުވިވުމާއި، ދޭތެރެދޭތެރެއިން ދަރިވަރުންނާ ސުވާލު ނުކުރުމާއި، ރަގަޅަށް އޮޅުންފިލާވަރަށް ކަންކަން ކިޔައިނުދީ ހަމައެކަނި ޕްރެޒެންޓޭޝަންގައި ލިޔެވިފައިހުރި ޖުމުލަތައް ކިޔާލުމަކީ މިހާރުގެ ކިޔަވައިދިނުން ކުރިއަށް ގެންދެވޭނެ ރަގަޅު ގޮތެއްނޫނެވެ.
އެގޮތަށް ފިލާވަޅު ކުރިއަށް ގެންދިއުމުގެ ސަބަބުން ބައެއް ކުދިންގެ ފަރާތުން މުދައްރިސަށް އެކިކަހަލަ އުނދަގޫތައް ފޯރަމުންދިޔައެވެ. އޭގެ ތެރޭގައި ފިލާވަޅާނުގުޅޭ ފާޑުފާޑުގެ ސުވާލުތައް ދޭތެރެދޭތެރެއިން ކުރުމާއި، ދޭދޭކުދިންގެ މެދުގައި ސަކަރާތްޖަހާ އެކިއެކި ވިޔާނުދާ ހަރަކާތްތަކެއް ކްލާސްތެރެއިން ފެނިގެންދިޔައެވެ.
އެމްސީކޮމްބްސް އަދި ވިސްޓްލަރ ( 1997 ) ވިދާޅުވަނީ އުނގަންނައިދިނުން މާނަހުރި ގޮތަކަށް ވަނީ އުގަންނައިދޭ ސުރުޚީ އަކީ ދަރިވަރުންގެ ދިރިއުޅުމާއި ގުޅުން ހުރި އެއްޗަކަށް ވުމާއި އަދި ހަރަކާތްތެރިކަމާއެކު ދަރިވަރުން ބައިވެރިވެ، ލިބިފައި ހުރި މަޢުލޫމާތާއި ގުޅުވައިގެން ފިލާވަޅު ރަގަޅަށް ކުރިއަށް ގެންދެވިގެންނެވެ.
އަދި ހަމަ މިކަމާ ގުޅޭގޮތުން ޕެޕިލިއާ (1996) ވިދާޅުވެފައި ވަނީ ރަނގަޅު ކިޔަވައިދިނުމަކީ ކްލާސްރޫމުގެ ހުރިހާކަމެއްވެސް ދަރިވަރުންނާ ހިއްސާ ކުރާ އަދި ދަރިވަރުންނަށް އަމިއްލައަށް ކަންކަން ބަލައި ތަޖްރިބާކޮށް އާ ހޯދުންތައް ހޯދާ ދަރިވަރުން ހަމައެކަނި އެއްޗެއްތިތަކެއް ހިތުން ދަސްކުރުމުގެ ބަދަލުގައި އެމީހުން ކްލާސްތެރޭގައި ހެލިފެލިވެ ކްލާހުގެ އެހެން ބައިވެރިންނާ ބައްދަލުކޮށް މަޢުލޫމާތު ބޭނުންކުރުމުގެ އިޚްތިޔާރާއި ފުރުޞަތު ލިބިދެވޭގޮތަށް އުގަންނައިދޭ އުގަންނައިދިނުން ކަމުގައެވެ.
މިފިލާވަޅުގައި މުދައްރިސަށް އުނގަންނައިދިނުމުގެ ޙަރަކާތްތައ ގެންދެވިފައިވަނީ މިދެންނެވި ގޮތަކަށް ނޫނެވެ. އަބަދުވެސް ކްލާހުގައި މުހިއްމު ދައުރެއް އަދާކޮށްފައިވަނީ މުދައްރިސެވެ. އޭގެ ބަދަލުގައި ކުދިންނަށް ގިނަފުރުޞަތުތަކެއްދީގެން މަޝްވަރާކުރެވިގެން ފިލާވަޅު ކުރިއަށް ގެންދެވުނުނަމަ އެއްކަލަ އަޚްލާޤު ގޯސްކަމަށް ބުނާ ކުދިންކޮޅުގެ ފަރާތުން އުނދަގޫތަކެއް މުދައްރިސަށް މެދުވެރިވެގެން ނުދިޔައިސްކަން ޔަޤީނެވެ.
ކްލާހުގެ ފަހަތުގައި ތިބި ކުދިންގެ ފަރާތުން މުދައްރިސަށް ލިބެމުންދިޔަ އުނދަގޫތައް ލިބުނަ ނުދިނުމަށް ކުރެވިދާނެ ބައިވަރު ކަންކަން އެބަހުއްޓެވެ. އެގޮތުން އެކުދިން ތިބި ތަންބަދަލުކުރުމާއި، އެކުދިންނަށް އެކަށީގެންވާ އެހެންކަހަލަ މަސައްކަތެއް ޙަވާލުކުރުން ހިމެނެއެވެ.
ނީލް ފްލެމިންގ ގެ ވެކް މޮޑެލް (1987) ގައި ބުނާގޮތުން ކޮންމެކުއްޖަކީވެސް އުނގެނޭ ގޮތާއި ދަސްކުރާގޮތްވެސް ތަފާތު ވެގެންދާނެކުއްޖެކެވެ. އެ ތިއަރީ ބުނާގޮތުން ދަރިވަރުންގެ ތެރޭގައި ތިބެނީ ތިން ގޮތަކަށް ދަސްކުރާ ކުދިންނެވެ. އެއީ ކަންކަން ކޮށްގެން ދަސްކުރާ ކުދިންނާއި، އެއްޗެއް ފެނުމުން ދަސްވާކުދިންނާއި އަދި އަޑުއިވިގެން ދަސްކުރާ ކުދިންނެވެ. އެހެންކަމުން ކޮންމެ މުދައްރިސަކުވެސް އެމުދައްރިސެއް ކިޔަވައިދޭއިރު މި މައިގަނޑު ތިން ގޮތަށް ރިޢާޔަތްކޮށް ފިލާވަޅު ތައްޔާރުކުރުމަކީ ނުހަނު މުހިއްމު ކަމެކެވެ. މިފިލާވަޅުގައި މުދައްރިސް ގެންގުޅުއްވި މެތަޑަކީ ހަމައެކަނި ވިޒުއަލް ލަރނާސްއަށް އަމާޒުކުރެވިގެން ގެންގުޅުއްވި މެތަޑެކެވެ.
މިފިލާވަޅުގައި މުދައްރިސަށް ދިމާވި ނާކާމިޔާބީއާއި ކުރިމަތިލާންޖެހުނީ އެގޮތަށް ފިލާވަޅަށް ތައްޔާރުވާންވީ މިންވަރަށް ތައްޔާރުވެގެން ކްލާހަށް ނުދެވުނީމައެވެ. އެހެންކަމުން ދަރިވަރުންގެ މިތަފާތުތަކާއި، ރަގަޅުގޮތުގައި ކުރިމަތި ލުމަށް ޤާބިލް ފަރާތަކަށް ކޮންމެ މުދައްރިސަކުވެސް ވުން ވަރަށް މުހިއްމެވެ. އެފަދަމީހަކަށް ވެވޭނީ މުދައްރިސް ކްލާހުގައި ކިޔަވައިދޭ ގޮތާއި ހިންގާ ހަރަކާތްތައްވެސް މި ބަޔާންކުރެވުނު ކަންކަމަށް ވިސްނައިގެން އެހުރިހައި ބައިތަކެއްވެސް އެކުލެވޭގޮތަށް ކުރިއަށް ގެންގޮސްގެންނެވެ. އަދި މިގޮތަށް ތައްޔާރުވެގެން ދިއުމަކީ ނުހަނު މުހިއްމު އަދި އެހާމެ ބޭނުންތެރިކަމެކެވެ.
ކްލާހުގައި ދަރިވަރުންގެ އުޅުން މެނޭޖް ކުރާނެގޮތް:
މިފިލާވަޅުގައި ދިމާވި އަނެއްމައްސަލައަކީ ކުދިންގެ ބަސްނޭހުމުގެ މައްސަލައެވެ. އެއީ ފަހަތުގައި ތިބި ތިންކުދިންގެ އިތުރުންވެސް މުދައްރިސްގެ ބައެއްކަހަލަ އިރުޝާދުތަކަށް ބައެއް ކުދިން ބޯނުލެނބުމުގެ މައްސަލައެވެ. އެހެންދިމާވީ މުދައްރިސަށް ކޮމާންޑް ( އަމުރު ) ކުރުމުގައި ގެންގުޅެވުނު ސްޓައިލްގެ ގޮތުންކަމަށްވެސް ވެދާނެއެވެ. ކޫނިން ހާމަކުރާގޮތުގައި މުދައްރިސްގެ އަމުރުގައިވެސް ހުންނަންޖެހޭ ވަކި ސްޓައިލް ތަކެއްވެއެވެ. ހަރުކަށިކަމާއި، އަޑާއި ރާގަށް ގެންނަންޖެހޭ ބަދަލުތައް ހިމެނެއެވެ. ނަމަވެސް މިކްލާހުގައި ކުދިންގެ ޑިސިޕްލީން ގެ މައްސަލަ ދިމާވުމުންވެސް މުދައްރިސަށް އެކަން ކޮންޓްރޯލް ކުރުމަށް ނުކުޅެދިގެންވީ އެ މުދައްރިސް ގެންގުޅުނު ސްޓައިލެއްގެ ސަބަބުންކަމަށް ބެލެވެއެވެ. އަމުރުކުރިއިރު އެކުދިން ހުއްޓާލަންވީ ކަނޑައެޅިގެން ކޮންކަމެއްކަމެއް ސާފެއްނުވެއެވެ. މާނައަކީ ސީދާ ވާހަކަ ނުދައްކާށޭ، ނުވަތަ އެވެނިކަމެއް ނުކުރާށޭ ނުބުނެއެވެ. މުދައްރިސް އެކުދިންގާތު ބުނުއްވަނީ ސަކަރާތް ނުޖެހުމަށެވެ. އެހެންބުނުމަކުން ކުދިންނަކަށް އެހާބޮޑަކަށް އެކަން ސާފެއްނުވެއެވެ.
އަދި މީގެ އިތުރުން ކޫނިނގެ ހޯދުންތަކުން އެނގޭގޮތުގައި ގައިވެސް ކިޔަވައިދިނުމުގެ ތެރެއިން ދަރިވަރުންގެ ސްލޫކް ވަކިގޮތަކަށް ބެހެއްޓުމަށް ޓީޗަރަށް ވަރަށް ބޮޑު ބާރު ލިބިދޭ ކަމަށެވެ. ނަމަވެސް އެއީ ވަކިގޮތަކަށް ޓީޗަރުގެ ޢަމަލުތައް ވިސްނުންތެރިކަމާއެކު ބައްޓަންކުރެވިގެންނެވެ. މިގޮތުން ލިޔުންތެރިކަމާއި ދަސްކުރުމުގެ ތެރެއިން ފިލާވަޅެއް ނަގައިދޭއިރު ކުރިން އެނގިފައިވާ ތަކެތި އަލަށް ދަސްކުރާ ތަކެއްޗާ ގުޅުވުމަށް ދަރިވަރުންނަށް ދަސްވެއެވެ.
ޖީން ޕިއާޖޭގެ ތިޔަރީގައިވެސް ބުނަނީ ކުދިންނަށް ތަރުޙީބުދީ ހިތްވަރުދީ ދެވަނަ ފަހަރަށް ކަމެއް ކުރުވަން ބާރުއަޅައިގެން ކުރިއަށް ދެވިދާނެކަމަށެވެ. ދަރިވަރުންނަށް ސުވާލުކޮށްފައި ވަގުތުން ޖަވާބު ހޯދަން އުޅެގެން ކަމަކު ނުދާނެއެވެ. އޭގެ ބަދަލުގައި ކުދިންނަށް ވިސްނާލަން ވަގުތު ކޮޅެއްދޭންވާނެއެވެ. އޭރުން އެކުދިންނަށް ލިބޭ އިތުބާރު ބޮޑުވާނެއެވެ.
ނަމަވެސް އޮބްޒާވް ކުރެވުނު މިފިލާވަޅުގައި ކަންތައް ކުރެވިގެން ދިޔައީ މިދެންނެވި ގޮތްތަކާ މުޅިން ޚިލާފަށެވެ. ޓީޗަރުގެ ކިބައިން ފެނިގެންދިޔައީ ހާސްކަމާއި ނުތަނަވަސްކަމެވެ. އަދި ވަގުތުން ކުދިންގެފަރާތުން މާވައަސްއަރުވާލައިފައި ޖަވާބު ތައް ހޯދަން އުޅުމުން ދޭހަވެގެން ދިޔައީ ޓީޗަރު ފިލާވަޅަށް މާބޮޑަށް ތައްޔާރުވެފައި ނެއްތަކަމެވެ.
އަދި ހަމަ އެފަދައިން ދަރިވަރުންގެ މިފަދަ ސުލޫކީ މައްސަލަތައް ޙައްލުކުރުމަށް ދަރިވަރުންނާއި މުދައްރިސުން ވަރަށް ގާތް ގުޅުމެއް ކްލާސްރޫމުގައި ޤާއިމްކުރަން ޖެހެއެވެ. އެކަން އަޅުގަނޑުމެންނަށް އެނގިގެންދަނީ ދަރިވަރުންވެސް ބޭނުންވަނީ ހިތްހެޔޮ އަޅާލާ އެކުވެރި މުދައްރިސުންކަން ދިރާސާތަކުން ދައްކާތީއެވެ. ކްލެއިން ފީލްޑް (1972) ކުރިދިރާސާއެއްގައި ފާހަގަކުރެވުނީ ހަރުދަނާ މުދައްރިސުން ކުދިންނަށް އުނގަންނައިދިނުމަށް އެމުދައްރިސުންގެ ޝައުޤުވެރިކަން ދަރިވަރުންނަށް ދައްކާ ތައުލީމީ ގޮތުން ކާމިޔާބު ހޯދުމަށް ބާރުއަޅާކަމެވެ.
އަދި ހަމަ މިފަދަ ދިރާސާއެއް ސްޓެންފޯޑް ޔުނިވަރސިޓީގައިވެސް ކުރިއަށް ގެންދެވުނެވެ. ސެކަންޑަރީ ދަރިވަރުންނަށް އުނގަންނައިދިނުމަށް ސްކޫލްގެ މާހައުލުން އެންމެ ބޮޑަށް މަގުފަހިވަނީ ކޮންކޮންކަންތައްތަކެއްތޯ ބެލުމަށް ހެދި މިދިރާސާގައި ދަރިވަރުންނާސުވާލުކުރުމުން އެންމެބޮޑަށް އެނގިގެންދިޔައީ ކުދިންނަށް އަޅާލުމާއި، ލޯތްބާއި ހަމްދަރުދީ ވާ މުދައްރިސުން ކިޔަވައިދޭ ދަރިވަރުން ތައުލީމީގޮތުން މޮޅުވަމުންދާކަމާއި، އެކުދިންވެސް ބޮޑަށް ބޭނުންވަނީ އެފަދަ ހިތްހެޔޮ އަޅާލާ މުދައްރިސުން ކަމެވެ.
ކްލާސްތެރޭގައި ދަރިވަރުންނަށް ގެންދެވޭ އެކްޓިވިޓީތަކުގެ ސަބަބުންވެސް ކުދިންގެ ހަލަބޮލިކަން އިތުރުވެގެންދެއެވެ. އަޅުގަނޑު އޮބްޒާރވްކުރި ކްލާހުގައި މުދައްރިސަށް އުނދަގޫކުރި ކުދިންގެ ތެރެއިން 3 ކުދިންނަކީ އަބަދުވެސް އެއްތަނެއްގައި ތިބުމުގެ ބަދަލުގައި ހަލަބޮލި މާހައުލަކަށް ބޭނުންވެފައިވާ 3 ކުދިންނެވެ. މުދައްރިސް ކްލާހުގައި ގެންދެވި އެކްޓިވިޓީއެއްގައި އެއްބަޔަކަށް ސުވާލުތަކެއް ދިނުމަށްފަހު އަނެއްބަޔަކަށް ޖަވާބުތަކެއްދިނެވެ. އެ އެކްޓިވިޓީގައި ކުދިން ތެދުވެގެން އެއްކުއްޖަކު އަނެއްކުއްޖަކު ޖަވާބުހޯދުމަށް މަސައްކަތްކުރަންޖެހުނެވެ. އަދި އެމަސައްކަތް ކުދިން ވަރަށް ޝައުޤުވެރިކަމާއެކު ކުރިއެވެ. ނަމަވެސް ދެވަނަ އަށް މުދައްރިސް ގެންދެވި ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަން ދެއްކުމުގެ ބައިގައި ކުދިން ތިބީ ވަރަށް ފޫހިވެފައެވެ. އަދި ވަކިން ޚާއްޞަކޮށް މިދެންނެވި 3 ކުދިންތިބީ ފޫހިވެފައެވެ. އެކުދިންގެ ފަރާތުން ލިބެމުންދިޔައީ މުދައްރިސަށް ޖެއްސުންކުރުމާއި އުނދަގުލެވެ.
މިފަދަ ކަންކަން ހައްލުކުރުމަށް ކޫނިންގެ ހޯދުންތައް ބޭނުންކުރެވިދާނެއެވެ. ކޫނިން ފާހަގަކުރައްވާ ގޮތުގައި ކްލާހެއްގައި ތަފާތު އެތައް ސިފަތަކެއް އެކުލެވޭ ކުދިންތިބޭއިރު އެކިކުދިންނަށް އެކަށީގެންވާ އަދި އެކިކުދިންނާ ގުޅޭގޮތަށް މަސައްކަތްތައް ރާވާލާ އެއްފަހަރާ އެއް ކްލާހެއްގައި އެއްކަމަކަށްވުރެ ގިނަކަންކަން ގެންދެވިދާނެއެވެ. މިސާލަކަށް އެއްގުރޫޕެއްގައި ސައިންސް ޕްރޮޖެކްޓް މަސައްކަތެއް ކުރަމުންގެންދާއިރު އަނެއްގުރޫޕެއްގައި ޑްރާމާއެއް ފަރިތަކުރެވިދާނެއެވެ. ނުވަތަ އެހެންވެސް އިތުރު މަސައްކަތެއް ކުރެވިދާނެއެވެ. މިފަދަކޮންމެ ކަމެއްވެސް ފިލާވަޅާ ގުޅުވާލައިގެން ގެންދެވިދާނެއެވެ. އެގޮތުގެމަތިން ގަޑިކުރިއަށް ގެންދެވިއްޖެނަމަ ކުދިން ފޫހިވެގެން އުޅޭކަށް ނުޖެހޭނެއެވެ. އެކުއްޖަކު ބޭނުންވާ ދިމާއަކަށް އެކުއްޖެއްގެ ފޯކަސް ބަދަލުކޮށްލެވިދާނެއެވެ.
އަޅުގަނޑު އޮބްޒާވްކުރި ފިލާވަޅުގައި އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ޓީޗަރުގެ ފަރާތުން ފެންނަ މެނޭޖްކުރުމުގައި ހެދޭ އެތައް ގޯސްތަކެވެ. އޭގެ ތެރޭގައި ކުއްލި ކުއްލިއަށް ކުރާ ކަންތައްތައް ކަމުގައި ކުދިންނަށް އެކިއެކި މަސައްކަތްތައް ހަވާލުކުރާކަން ފާހަގަ ކުރެވިގެން ދިޔައެވެ. މިގޮތުން ފާހަގަ ކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި ވިސްނާނުލައި ވަގުތާއި ހާލަތަށް ނުގުޅޭ ގޮތަށް ބުނެވޭ އެއްޗެތި، ފިލާވަޅާ ނުގުޅޭ އެކިއެކި އެނގުންތައް، އެއްހަރަކާތަށްފަހު އަނެއްހަރަކާތަށް ބަދަލުވާ ބަދަލުވުން ހިމެނެއެވެ.
އަދި ކޫނިންގެ މޮޑެލްގައި ފާހަގަކުރައްވާފައިވާ ފަދައިން މިފިލާވަޅުގައިވެސް ފިލާވަޅު ފެށުމަށްފަހު އެތައްއިރެއް ވަންދެން ފިލާވަޅާ ގުޅޭ ކަމެއް ނުކޮށް އެތައް ވަގުތެއް ދިޔައީ ޕްރެޒެންޓޭޝަން ޕްލޭނުކުރެވިގެންނެވެ. އެފަދަކަންކަން ޙައްލުކުރެވޭނީ ދުރާލާ މުދައްރިސް ތައްޔާރުވެގެން ފިލާވަޅު ނަގައިދިނުމަށް ކްލާސްރޫމަށް ވަނުމުގެ ކުރިން މަލްޓިމީޑިއާ މަސައްކަތްތައް ފަދަ މަސައްކަތްތައް ޓެސްޓްކޮށްލާ ފިލާވަޅަށް ވަރަށްބޮޑަށް ތައްޔާރުވެގެންނެވެ.
ނިންމުން:
މި ރިޕޯޓްގައި އަލި ބަލައިލެވިފައިމިވަނީ ކްލާސްރޫމް މެނޭމްކުރުމުގައި ދިމާވެދާނެ މައްސަލަތަކަކާއި، އެމައްސަލަތައް ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމުގެ ޚުލާޞާއެކެވެ. ކްލާހަކަށް ވަދެ ކިޔަވައިދޭން ފެށުމުގެ ކުރިން ނާއި ކިޔަވައިދެމުންދާއިރު ރަގަޅަށް ކްލާސްރޫމް މެނޭޖް ކުރެވިއްޖެނަމަ ކިޔަވައިދިނުމުގެ މަޤްޞަދު ޙާޞިލް ކުރުގައި ބޮޑުކާމިޔާބީއެއް ލިބުނީއެވެ. އެހެންކަމުން ރަގަޅު މުދައްރިސުން އަބަދުވެސް ކްލާސްރޫމް މެނޭޖް ކުރުމުގައި ވަރަށް ބޮޑަށް ސަމާލުކަންދެއެވެ.
މި ރިޕޯޓް އެކުލަވާލުމުގައި އަޅުގަނޑަށް ތައުފީޤުދެއްވި ކަމަށްޓަކައި މާތްﷲ އަށް ޝުކުރުދަންނަވާ ޙާލު އަޅުގަނޑަށް އެހީތެރިވެދެއްވި އެންމެހައި ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ހެޔޮ ޝުޢޫރު ދަންނަވަމެވެ.
ޝުކުރިއްޔާ!
ރިފަރެންސްލިސްޓް:
- ޑިސްޕްލޭސް 2 ގޯ (2015) އެފެކްޓިވް ކްލާސްރޫމް ސީޓިން އެރޭންޖްމެންޓްސް، ނެގީ http://www.displays2go.com/Article/Effective-Classroom-Seating-Arrangements-32
- ވިކިޕީޑިއާ ( 2017 ) ޖޯހަން ހެއިން ރިޗް ލަމްޕާޑް ، ނެގީ https://en.wikipedia.org/wiki/Johann_Heinrich_Lambert
- ވިކިޕީޑިއާ ( 2017 ) ލަރނިންގ ސްޓައިލް ، ނެގީ https://en.wikipedia.org/wiki/Learning_styles#Neil_Fleming.27s_VAK.2FVARK_model
- އެޑިޔު ޓޯޕިއާ ( 2014 ) ދަފިޒިކަލް އެންވައިރެމެންޓް ފޮރ ކްލާސްރޫމް ، ނެތީ https://www.edutopia.org/blog/the-physical-environment-of-classrooms-mark-phillips
- މޫސާ މާހިރު ބްލޮގް ( 2017 ) ކްލާސްރޫމް މެނޭޖް މެންޓް ޕްލޭން ، ނެގީ http://moosamahir.blogspot.com/2013/11/blog-post.html
- ރޮބަރޓް ޖޭ. މަރުޒާނޯ (ކްލާސްރޫމް މެނޭޖްމެންޓް) https://books.google.mv/books?id=BVM2ml2Q QgC&printsec=frontcover&dq=classroom+management&hl=en&sa=X&redir_esc=y#v=onepage&q&f=true


