ތަޢާރަފް:
އަޅުގަނޑުގެ މި ދިރާސި މަޒުމޫނަކީ ވަކިކަމަކަށް ޚާއްޞަކޮށްގެން ވަކި ބައިތަކެއް ހިމަނައިގެން ލިޔެފައިވާ މަޒުމޫނަކަށް ވީހިނދު މި މަސައްކަތް ކުރުމަށްޓަކައި އޯޑިއޯ ކޮޅެއް ހޯދަން ކުރިމަސައްކަތުން ނަޞީބު ދިމާކުރިގޮތުން އަޅުގަނޑަށް ލިބުނީ މިކަމަށް އެންމެ އެކަށީގެންވާ އޯޑިއޯ އެއްކަމުގައި އަޅުގަނޑު ދެކެމެވެ. އެހެނީ 10 މިނިޓަށްވުރެ ދިގުނޫން އަދި 3 މިނިޓަށް ވުރެ ކުރުނޫން މި އޯޑިއޯ ކޮޅަކީ ރާއްޖޭގެ މަޝްހޫރު އާޓިސްޓް، ލަވަކިޔުންތެރިޔާ މީރާ މުޙައްމަދު މާޖިދު ސަންގު ޓީވިއަށް ދީފައިވާ ޚާއްޞަ އިންޓަވިއުއެކެވެ.
މި މަޒުމޫނު ލިޔުމަށްޓަކައި އަޅުގަނޑަށް މިލިބުނު އޯޑިއޯ ކޮޅަކީ އޭގައި ވަރަށް ގިނަޢަދަދަކަށް ބަސް މަސްހުނިކޮށްގެން ވާހަކަ ދައްކާފައިވާ އޯޑިއޯ ކޮޅަކަށް ވާއިރު މި މަސައްކަތްކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދިޔަކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. މިހާރުގެ ގިނަ ޒުވާނުންނެކޭ އެއްފަދައިން މީރާއަކީވެސް އޭނާގެ ޢާއްމު ދިރިއުޅުމުގައިވެސް ބަސް މަސްހުނިކޮށްގެން ނުވަތަ އިނގިރޭސި ބަހާއި، ދިވެހިބަސް ކޯޑް ސުއިޗްކޮށްގެން ވާހަކަދައްކާ ފަންނާނެއްކަމަށް ވަނީ ފާހަގަކުރެވިފައެވެ. އަދި އޭނާގެ ވާހަކަ ދެއްކުމުގައި ކޯޑް ސްވިޗިންގ އާއި ކޯޑް މިކްސިންގ ގެ އެންމެ ޢާއްމު ތިންގޮތްވެސް ބޭނުންކުރާކަން އަޅުގަނޑަށް ފާހަގަކުރެވުނެވެ. އެގޮތުން މިއޯޑިއޯ ކޮޅުގައި “އިންޓްރާ ސެންޓެންޝަލް ސްވިޗިންގ” އާއި “އިންޓަރ ސެންޓެންޝަލް ސްވިޗިންގ” އަދި “ޓެގް ސްވިޗިންގ” ބޭނުން ކޮށްފައިވެއެވެ.
ލަވަކިޔުންތެރިޔާ މީރާ މުޙައްމަދު މާޖިދު އަކީ ޒަމާނީ ފެޝަނަށް ލޯބިކުރާ ޒުވާނަކަށް ވުމުން އޭނާގެ ވާހަކަ ދެއްކުމުގެ ވައްޓަފާޅިވެސް ބިނާވެގެން ދިޔައީ އެފަދަ ޒަމާނީ ވަންނި ތަކާއި، ބަނޑި ބަނޑިތައް ލެއްވިފައިވާ ހިތްގައިމު ރީތި ފޮނި ގޮތްތަކެއްގެ މައްޗަށެވެ. މިފަދަ މަޝްހޫރު ފަންނާނުންގެ އެފަދަ ސިފަތަކަކީ ބައެއް މީހުންގެ ނަޒަރުގައި ވަކިބަޔަކަށް ޚާއްޞަ ގޮތެއްގައި މީރާ މެންފަދަ މަޝްހޫރު ފަންނާނުންނަށް ޚާއްޞަ ވެފައިވާ ސިފަތަކަކާއި، ބައްޓަން ތަކެކެވެ. އެކަންތައް ތިޔަ ކިޔުންތެރިންނަށް ދޫކޮށްލުމަށްފަހު އަޅުގަނޑުގެ މަސައްކަތާއި ގެން ކުރިއަށް ދެވޭތޯ ބަލާނަމެވެ.
ލިޓްރޭޗަރ ރިވިއު
އިންސާނުން މުޢާމަލާތު ކުރުމަށް ބޭނުންކުރާ އެންމެ މުހިންމު ވަސީލަތަކީ އަދި ހަތިޔާރަކީވެސް ބަސްކަން ޔަޤީނެވެ. ބަހަކީ އަބަދުމެ އެއްގޮތަކަށް އޮންނާނެ އެއްޗެއް ނޫނެވެ. ބަހަވީ ގިނަ ޢިލްމްވެރިން ވިދާޅުވާގޮތުގައި ޒަމާނާ އެއްގޮތަށް ބަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދާނެއެވެ. އެހެނީ އެއީ ބަހަވީ ޠަބީޢަތެވެ.
ޝާލޮޓް (1991) ވިދާޅުވެފައިވާ ގޮތުގައި އިންސާނުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ގުޅުންތަކަށް ބަދަލުތައް އަންނަމުންދިއުމާއެކު ބަސްވެސް ބަދަލުވަމުން ދާނެއެވެ. އެހެނިހެން ބަސްބަހުގެ ނުފޫޒު ބަހަށް ކުރަމުންދާނެއެވެ. އޭގެ ހެއްކެއްގެ ގޮތުން މިއަދުގެ ދުނިޔޭގެ ޙަޤީޤަތަށް ބަލާއިރު މަލްޓިލިންގުއަލިޒަމް ނުވަތަ ގިނަބަސް ބަހުން ވާހަކަދައްކާ މީހުންވަނީ ޢާއްމު ވެފައެވެ. އަދި ހަމަ އެބީދައިން އެމީހަކު ވާހަކަ ދައްކަމުންދާއިރު ދަންނަ އެހެންބަހަކާ މަސްހުނި ކޮށްގެން ވާހަކަ ދެއްކުންވެސް މިވަނީ ޢާއްމު ވެފައެވެ. އަދި އެކަންމިވަނީ ޒަމާނީ ރީތި ސްޓައިލަކަށްވެސް ވެފައެވެ.
ބަސް މަސްހުނި ކުރުމަކީ ކޮބާ؟
ކޯޑް މިކްސިންގ ނުވަތަ ބަސް މަސްހުނި ކުރުމުގެ މާނައަކީ އެކި ލިންގުއިސްޓުންގެ ނަޒަރުގައި ވަރަށް ތަފާތު މާނަތަކެކެވެ. އެގޮތުން އަޔޯމަނީ (2006) ކޯޑް މާނަކުރައްވަނީ ބަހުގެ އެންމެ ކުޑަ ލަފުޒު ނުވަތަ މޯފީމުން ފެށިގެންގޮސް އެބަހެއްގެ މުޅި ސިސްޓަމްގެ ގޮތުގައެވެ. ބްރާޖް ބީކަޗުރޫ (1979) ހާމަކުރައްވާ ގޮތުގައި އޭގެ މާނައަކީ އެއްބަހުން ނުވަތަ އެއްލޭންގުއޭޖުން އަނެއް ލޭންގުއޭޖަށް ލިންގުއިސްޓިކް ޔުނިޓްތައް ބަދަލުކުރުމެވެ. ލިންގުއިސްޓިކް ޔުނިޓްތަކުގެ ގޮތުގައި ބްރާޖް ފާހަގަކުރައްވަނީ މޯފީމްސް، ލަފުޒު، ފްރޭޒް އަދި ޖުމުލަ އެވެ. އަދި ހަމަ އެގޮތަށް އީ އަންނަމާލައި (1989) ހާމަކުރައްވާފައިވާ ގޮތުގައި ބަސްމަސްހުނި ކުރުމަކީ ދެބަހެއް ނުވަތަ އެއަށްވުރެ ގިނަބަސްތަކަކުން މަސްހުނިކުރެވިފައިވާ ބަހަވީ ބަހާތަކެއް އެއްބުނުމެއްގެ ތެރޭގައި ބުނުމެވެ. ނުވަތަ އެގޮތަށް ބޭނުންކޮށްގެން ވާހަކަ ދެއްކުމެވެ.
އަދި ހަމަ އެހެންމެ އެފަދަ ދެވަނައެއް ނުވާ މަޝްހޫރު ލިންގުއިސްޓިކް ކެރޯލް މަޔާސް ސްކޮޓުން (2006) ވިދާޅުވެފައިވާ ގޮތުގައި ކޯޑްމިކްސިންގ އަކީ ނުވަތަ ކޯޑް ސްވިޗިންގ އަކީ އެއް ބުނުމެއްގައި ނުވަތަ އެއް އިންޓަރެކްޝަނެއްގައި ދެބަހެއްގެ ނުވަތަ ދެބަހަށްވުރެ ގިނަ ލޭންގްއޭޖެއްގެ ލިންގުއިސްޓިކް ތަފާތުތައް ބޭނުންކުރުމެވެ. އަދި އޭނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އެގޮތަށް ދެބަހަށްވުރެ ގިނަބަސްތަކުގެ ބަހާތައް އެއްކޮށްލައިގެން އެއްބަސްކޯޅިއެއްގައި ބޭނުންކުރާނަމަ އެވަނީ ލެކްސިކަލް ކޯޑް ސްވިޗިންގ އަކަށެވެ.
އެހެންކަމުން ބަޔާންވެދިޔަ މާނަކުރުންތަކަށް ބަލާއިރު ބަސްމަސްހުނި ކުރުމަކީ ނުވަތަ ކޯޑްމިކްސިނގ އަކީ އެއްބަހަކުން ވާހަކަދައްކަމުން ދާއިރު އެނޫންބަހެއްގެ ލަފުޒެއް ނުވަތަ ބަސްކޯޅިއެއް ނުވަތަ ޖުމުލައެއް އެމީހަކު އެވާހަކަ ދައްކަމުންދާ ބަހުގެ ތެރެއަށް ވައްދައިގެން ބޭނުންކުރަމުން ގެންދިއުން ކަމުގައި ނިންމިދާނެއެވެ.
ކޯޑްސްވިޗިންގ އާއި ކޯޑް މިކްސިންގ ގެ ޢާއްމު ވައްތަރުތަކަކީ ކޮބާ؟
ލިންގުއިސްޓުން ހާމަކުރައްވާގޮތުގައި ކޯޑްސްވިޗިންގ އާއި ކޯޑްމިކްސިންގ ގެ ތަފާތު ވައްތަރުތަކެއްވެއެވެ. އަދި އޭގެ ތެރެއިންވެސް އެންމެ ޢާއްމު ތިންވައްތަރެއްކަމަށް ބަހަވީ ޢިލްމްވެރިން ފާހަގަކުރައްވާ ތިން ވައްތަރެއްވެއެވެ. އެއި އިންޓްރާ ސެންޓެންޝަލް ސްވިޗިންގ އާއި، އިންޓަރ ސެންޓެންޝަލް ސްވިޗިންގ އަދި ޓެގް ސްވިޗިންގ އެވެ.
އިންޓްރާ ސެންޓެންޝަލް ސްވިޗިންގ
ޝާލޮޓް ހޮފްމަން (1991) ހާމަކުރައްވާ ގޮތުގައި ޖުމުލައެއްގެ ތެރޭގައި ކޯޑް ސްވިޗްކުރާނަމަ އެއީ އިންޓްރާ ސެންޓެންޝަލް ކޯޑް ސްވިޗިންގ އެވެ. އަދި ހަމަ މިމޭރުމުން ޓޮމް އެމްސް އާތުރޫ (1998) ހާމަކުރައްވާފައިވާ ގޮތުގައި ސެންޓެންޝަލް ސްވިޗިންގ އަކީ ފްރޭޒަކުން ނުވަތަ ޖުމުލައެއްގެ ތެރޭގައި ގެނެވޭ ކޮންމެވެސް ބަދަލެކެވެ. އެހެންކަމުން މި ދެ ބުނުމަށް ބަލާއިރު ދޭހަވަނީ ގާތްގަޑަކަށް އެއް މާނައެކެވެ. އެއީ ޖުމުލައެއްގެ ތެރޭގައި އެހެން ބަހަކުން އެއްޗެއް ބުނާނަމަ އެއީ ކޯޑްސްވިޗިންގ ކަމުގައެވެ.
އިންޓަރ ސެންޓޭންޝަލް ސްވިޗިންގ
ޓޮމް އެމްސް އާތުރޫ (1995) ވިދާޅުވެފައިވާ ގޮތުގައި އިންޓަރ ސެންޓޭންޝަލް ސްވިޗިންގ އަކީ ޖުމުލައެއްގެ ތެރޭގައި ފްރޭޒެއް ނުވަތަ ބަސްކޯޅިއެއް ނުވަތަ ޖުމުލައެއް އެހެންބަހަކުން ބޭނުންކުރުމެވެ. ޝާލޮޓް ހޮފްމަން (1991) ހާމަކުރައްވާ ގޮތުގައި ވާހަކަ ދައްކަމުންދާއިރު ޖުމުލައިގެ މައިނގަޑު ބައިތައް (ފްރޭޒް) ނުވަތަ ފުރިހަމަ ޖުމުލަތައް (ސެންޓެންސް) ދެބަހުންވެސް ބުނާނަމަ އެއީ އިންޓަރ ސެންޓެންޝަލް ކޯޑް ސްވިޗިންގ އެވެ. އަދި އޭނާ އިތުރަށް ހާމަކުރައްވައިފައިވާ ގޮތުގައި މިގޮތަށް ސްވިޗްކުރަމުންދާއިރު ބަސްމަސްހުނި ކުރަމުން ގެންދިޔުމަކީ އެއީ ކޯޑް ސްވިޗިންގ އެވެ.
ޓެގް ސްވިޗިންގ
ޓެގް ސްވިޗިންގ އާއި މެދު ޓޮމް އެމްސީ އަތޫރު (1995) ހާމަކުރައްވާފައިވާ ގޮތުގައި އެއީ ވާހަކަ ދައްކަމުންދާ ވަގުތު ޓެގެއް ނުވަތަ ފްރޭޒެއް ބޭނުންކުރުމެވެ. މިސާލަކަށް : ދިވެހި / އިނގިރޭސި ބައިލިންގްއަލް މީހަކު އިނގިރޭސި ބަހުން ވާހަކަ ދައްކަމުން ދާއިރު It’s a nice day dho. މިޖުމުލައިގައި އަންޑަލައިން ކޮށްފައިވާ ލަފުޒަކީ އިނގިރޭސި ލަފުޒެއް ނޫނެވެ. އެއީ ދިވެހި ލަފުޒެކެވެ. އެހެންވީމާ މިއީ މިޖުމުލައިގައި ބޭނުންކުރެވިފައިއެވަނީ ދިވެހި ބަހުގެ ޓެގެކެވެ.
ލެސްލޭ މިލްރޯއި އާއި ޕީޓަރ މައިސްކޭން (1995) ހާމަކުރައްވާ ގޮތުގައި ކޯޑް ސްވިޗިންގ ގެ ތެރޭގައި ހިމެނޭ ދެ ޖުމުލައެއްގެ ދޭތެރޭގައި އިތުރު ކުރެވޭ ބައި ނުވަތަ ބޭނުންކުރާ ޓެގްއެއީ އެކްސްޓްރާ ސެންޓެންޝަލް ސްވިޗިންގ އެވެ. މިވައްތަރުގެ ސްވިޗިންގ އަށް އެމްބްލެމެޓިކް ސްވިޗިންގ ނުވަތަ ޓެގް ސުވިޗިންގ ކިޔާކަމަށްވެސް އެބޭފުޅުން ހާމަކުރައްވައެވެ.
ކޯޑްމިކްސްކޮށް ކޯޑް ސުވިޗް ކުރަނީ ކިއްވެ؟
ބަހަވީ ޢިލްމްވެރިން ވިދާޅުވާގޮތުގައި ބަސްމަސްހުނިކޮށްގެން ވާހަކަ ދެއްކުމުގެ ވަރަށް ގިނަ ސަބަތު ތަކެއް އެބަހުއްޓެވެ. އަދި ވާހަކަ ދެއްކުމުގެ ޢާއްމު ޕްރޮސަސްގައި އެސަބަބުތައް ހިނގަމުންވެސް ދެއެވެ. އެހެންކަމުން ބަސްމަސްހުނިކުރުން ބައެއް ޙާލަތްތަކުގައި މަޖުބޫރީ ޙާލަތަކަށްވެސް ދާގޮތްވެފައިވެއެވެ.
ޝާލޮޓް ހޮފްމަން (1991) އާއި ޙަވާލާދެއްވާ ސެމެރަންގ (2011) ވިދާޅުވެފައިވަނީ ދެބައްސައިންނާއި، ގިނަބައްސައިން އެކަކު އަނެއްކަކާ ވާހަކަ ދެއްކުމުގައި އެމީހުން ދަންނަ ބަސްތައް މަސްހުނިކޮށްގެން ވާހަކަދައްކާ ކަމުގައެވެ. އޭނާ ފާހަގަކުރައްވާ ބައެއް ސަބަބުތައް ތިރީގައި އެވަނީއެވެ.
1. ވަކި މަޢުޟޫޢު އަކާއި ގުޅޭގޮތުން ވާހަކަ ދައްކާނަމަ:
ގިނަމީހުން ވާހަކަ ދައްކާއިރު ވަކި މަޢުޟޫއަކާގުޅޭގޮތުން ވާހަކަ ދައްކާނަމަ އެމީހުން ވާހަކަދައްކާނެ ލޭންގުއޭޖެއް އިޚްތިޔާރުކުރާކަމަށް ޝާލޮޓް ހޮފްމަން (1991) އާއި ޙަވާލާދެއްވާ ސެމެރަންގ (2011) ވިދާޅުވެއެވެ. އެގޮތުން ބައެއް ފަހަރު އެ ވާހަކަދައްކާ މީހަކު އޭނާގެ އިޙްސާސްތަކާއި، ޝުޢޫރުތައް ފާޅުކުރުމަށް އޭނާގެ އަމިއްލަ ބަސްނޫން އެހެން ބަހެއް އިޚްތިޔާރު ކޮށްފާނެއެވެ.
މިކަހަލަ ޙާލަތްތަކެއް ބަޔާންކޮށްދެއްވަމުން ސެމެރަން (2011) ސިންގަޕޫރާއި، ޗައިނާގެ ބައެއް މިސާލުތައް ވިދާޅުވެދެއްވާފައިވެއެވެ. އޭނާ ވިދާޅުވެފައިވާގޮތުން ސިންގަޕޫރުގައި ވިޔާފާރީގެ މުޢަމަލާތްތައް ކުރުމުގައި ގިނަމީހުން ޚިޔާރުކުރާނީ އިނގިރޭސިބަހެއެވެ. އަދި ހަމަ އެހެންމެ ޗައިނާގެ “މެޑްރިން” ބަސް ބައިނަލް އަޤުވާމީ ބަހަކަށްވާއިރުވެސް ޗައިނާގެ ވަކި ނަސްލެއްގެ ބަޔަކު މެލޭބަހުން ވާހަކަ ދައްކަމުން ދާކަމުގައި ޝާލޮޓް (1991) ހާމަކުރައްވާފައިވެއެވެ. އެހެންކަމުން ވަކިމަޢުޟޫއަކަށް ވަކިބަޔަކު ވާހަކަ ދައްކާއިރު ބަސްމަސްހުނި ކުރުމުގެ ފުރުޞަތު ބޮޑުވެގެން ދާނެކަމަށް އޭނާ ޤަބޫލުކުރައްވައެވެ
2. ކޯޓްކުރުމާއި، ޙާވަލާދިނުމަށް:
ޝާލޮޓް ހޮފްމަން (1991) އާއި ޙަވާލާދެއްވާ ސެމެރަންގ (2011) ވިދާޅުވެފައިވާގޮތުން ވަކިމީހަކަށް ނުވަތަ ކަމަކަށް ނުވަތަ މަޝްހޫރު ބުނުމަކަށް ޙަވާލާދީ ވާހަކަ ދައްކަންޖެހޭހިނދު ތިމާ ވާހަކަ ދައްކަމުންދާ ބަސްނޫން އެހެން ބަހަކަށް ސްވިޗްކޮށްލަން ޖެހިދެއެވެ. އޭނާ ބަޔާންކުރައްވާ ގޮތުގައި މިގޮތުން ވާހަކަ ދައްކާއިރު ކޯޑް މިކްސްކުރާނީ އެބައެއްގެ ތެރޭގައި އެންމެ ބޮޑަށް ވައިގައި ހިފައިފައިވާ ބަހަކަށެވެ. މިސާލެއްގެ ގޮތުން އޭނާ ވިދާޅުވެފައިވަނީ އިންޑޮނޭޝިޔާގައި އެންމެ ގިނަބަޔަކު ގިނަބައްސައިންގެ ގޮތުގައި ވާހަކަ ދައްކަނީ އިނގިރޭސިބަހުންކަމުގައެވެ.
3. އެއްބައިވަންތަކަން ފާޅުކުރުމަށް:
އެއްބަޔަކު އަނެއްބައެއްގެ މެދުގައި އޮންނަ ގުޅުމާއި، އެއްބައެއްވަންތަކަން ފާޅުކުރުމަށް ކޯޑްމިކްސް ކުރުމަކީވެސް ބަހަވީ ޢިލްމްވެރިން ވިދާޅުވާގޮތުގައި ކޯޑް މިކްސިންގ ނުވަތަ ކޯޑްސްވިޗް ކުރަން ޖެހޭ ނުވަތަ ކުރާ ސަބަބެކެވެ. އަދި މިގޮތުން ވާހަކަދައްކާއިރު އޭނާގެ އިޚްތިޔާރުން ބޭރުންވެސް އޭނަގެ ފުރަތަމަ ބަސް ނުވަތަ މާދަރީބަސް ދޫކޮށްލުމަށްފަހު ދެވަނަބަހެއް ޚިޔާރުކުރެއެވެ. ނުވަތަ ދެވަނަ ބަހުގެ މައްޗަށް ފުރަތަމަ ބަސް ގަދަކޮށްގެންވެސް ބައެއް ޙާލަތްތަކުގައި ވާހަކަ ދައްކަން ޖެހިދެއެވެ. އެހެންކަމުން އެ ޙާލަތެއްގެ މައްޗަށް ރިޢާޔަތްކޮށް އެއްބައިވަންތަކަން ދެމެހެއްޓުމަށް އެމީހަކަށް ނުވަތަ އެބަޔަކަށް އެންމެ ފަރިތަބަހެއް އިޚްތިޔާރު ކުރެވޭނެއެވެ.
ބޮލޮމް އަދި ގަމްޕާޒް އާއި ޙަވާލާދީ ޗާޑް އާއި، ނޭއިލެޕް (2006) ހާމަކުރައްވާފައިވާ ގޮތުގައި ކޯޑްމިކްސް ކުރުމަކީ ހަމައެކަނި ސޯޝަލް މާނައެއްގައި އެކަނި ކުރާކަމެއް ނޫނެވެ. އެހެނެއްކަމަކު ވަކި ޙާލަތްތަކެއްގައި ވަކިކަމަކަށް ވަކިބަޔަކާ ވާހަކަ ދައްކާއިރު ކޯޑްސްވިޗް ކޮށްގެން އަދި ކޯޑް މިކްސް ކޮށްގެންގެންވެސް ވާހަކަ ދައްކަފާނެއެވެ. އެކަންކަން ބިނާވެފައި އޮންނަނީ އެވާހަކައެއް ދައްކާ ބަޔަކާމެދު އޮންނަ ގުޅުމަކާއި، ޙާލަތެއްގެ މައްޗަށެވެ.
4. އިތުރަށް އޮޅުންފިލުވުމަށް ތަކުރާރުކޮށް އެހުމަށް
ޝާލޮޓް ހޮފްމަން (1991) އާއި ސެމެރަންގ (2011) ހާމަކުރައްވާ ގޮތުގައި ދެބައްސައިންވެސް ނުވަތަ ގިނަބައްސައިންވެސް ވާހަކަ ދެއްކުމުގައި އެވާހަކައެއް އަޑުއަހާ މީހާއަށް ނުވަތަ މީހުންނަށް އިތުރަށް ސާފުކޮށްދިނުމުގައި ބައެއް ފަހަރު ކޯޑް ސްވިޗް ކޮށްފާނެއެވެ. މިގޮތަށް ކޯޑް ސްވިޗް ކުރާއިރު ޢާއްމުގޮތެއްގައި އެއްބަހުން ނުވަތަ އެއްކޯޑުން ބުނާމެސެޖް އެހެންބަހަކުން ބުނުމުން މާބޮޑަށް ސާފުވެދާނެއެވެ. އެއީ އެގޮތަށް ތަކުރާރު ކޮށްލުމުން ހަމައެކަނި އޮޅުން ފިލުމުގެ އިތުރުން މެސެޖް ފޯރުކޮށްދިނުމުގެ ބާރަކަށްވެސް އެކަންވާނެކަމަށް ޝާލޮޓް ހޮފްމަން (1991) ވިދާޅުވެއެވެ.

ދިރާސާ ކުރެވޭ މައްސަލަ
ކުރިންވެސް ބަޔާންވެ ދިޔަފަދައިން އަޅުގަނޑުގެ މިމަޒުމޫނަކީ ބަސް މަސްހުނި ކޮށްގެން ވާހަކަ ދައްކާފައިވާ އޯޑިއޯ އެއް ދިރާސާކުރުމަށްޓަކައި ލިޔެފައިވާ މަޒުމޫނެކެވެ. އެ އޯޑިއޯ އަޅުގަނޑު ވާނީ ޓްރާންސް ކްރައިބް ކުރުމަށްފަހު މި މަޒުމޫނުގެ އެޕެންޑިކްސްގައި ހިމަނާފައެވެ. އޯޑިއޯގައި ދައްކާފައިވާ ވާހަކަތަކަށް އަޅުގަނޑު ހުންނާނީ ނަމްބަރު ދީފައެވެ. އެއީ މައްސަލަ ދިރާސާކޮށް ވާހަކަ ދެއްކުމަށާއި، ޙަވާލާދިނުމަށް ފަސޭހަކައަކަށެވެ.
އަޅުގަނޑުގެ މި ދިރާސީ މަޒުމޫނަށް ބޭނުންކުރި އޯޑިއޯއިން އަޅުގަނޑު ފާހަގަކޮށް ދިރާސާ ކޮށްފައިވާނީ ޖުމުލަގޮތެއްގައި ތިންބަޔަކަށެވެ. އެއީ އެ އޯޑިއޯގައި ކޯޑް މިކްސްކޮށް ކޯޑް ސްވިޗް ކޮށްފައިވާ ގޮތްތަކުގެ ތެރެއިން “އިންޓަރސެންޓެންޝަލް އާއި، އިންޓްރާ ސެންޓެންޝަލް އަދި ޓެގް ސްވިޗް ކޮށްފައިވާ ގޮތުގެ މައްޗަށެވެ.
މިރާ މުޙައްމަދު މާޖިދު އާއި ސަންގު ޓީވީގެ ފަރާތުން ކޮށްފައިވާ އެ އިންޓަވިއުގެ އޯޑިއޯގައިވަނީ ހަމައެކަނި މީރާ ދައްކާފައިވާ ވާހަކަތަކެކެވެ. އެ ޓީވީ ސްޓޭޝަންގެ ފަރާތުން ނުވަތަ ނޫސް ރިޕޯޓަރު މީރާއާއި ކޮށްފައިވާ ސުވާލުތަކެއް ނެތެވެ. އެހެންކަމުން މި އިންޓަވިއުގައި މުޅިންވެސް ހިމެނިފައިވާނީ މީރާގެ ވާހަކަތަކެވެ.
މީރާގެ އިންޓަވިއުގެ ފުރަތަމަ ޕެރެގްރާފްގައިވާ ޖުމުލަތަށް މިތާ ނަކަލް ކޮށްލާނަމެވެ.
“އެންމެ ފުރަތަމަ މީރާ ލަވަކިޔަން ފެށީ މީރާގެ އޭޖުން ފޯ އިޔާސް ގަ. އެއީ ލަވަ މުބާރާތަށް ނައިންޓީން ނައިޓީ އެއިޓް ގަ.”
މި ޕެރެގްރާފަށް ބަލާއިރު މިތާންގައި ފެންނަނީ ދެޖުމުލައަކަށް ވާގޮތަށް ވާހަކަ ދައްކާފައިވާ ތަނެވެ. އަދި އެ ދެޖުމުލައިގައިވެސް ކޯޑް ސްވިޗް ކޮށްފައިވަނީ ނުވަތަ ބަސް މަސްހުނި ކޮށްފައިވަނީ ދެ ގޮތަކަށެވެ. ފުރަތަމަ ގޮތަކީ އިންޓްރާ ސެންޓެންޝަލް ކޮންނެވެ. ދެވަނަ ގޮތަކީ ޓެގް ސްވިޗް ކުރުމެވެ.
އިންޓްރާ ސެންޓެންޝަލް ކޮށް ކޯޑް ސްވިޗް ކުރުމަކީ ޝާލޯޓް ހޮފްމަން (1991) ހާމަކުރައްވާ ގޮތުގައި ޖުމުލައެއްގައި ނުވަތަ ބުނުމެއްގައި ކޯޑް މިކްސް ކުރުމެވެ. އެހެންކަމުން މީރާގެ އިންޓަވިއުގެ ފުރަތަމަ ޕެރެގްރާފްގައި އެވަނީ ދެ ޖުމުލައިގައިވެސް ކޯޑް މިސްކްކޮށްފައެވެ. އަދި ކޮންމެ ޖުމުލައެއް ނިންމާލަމުން ދިވެހި ބަހަށް ނުވަތަ މީރާގެ މާދަރީ ބަހަށް ޓެގް ސްވިޗް ކޮށްފައިވާކަންވެސް ފާހަގަވެއެވެ.
ޓެގް ސްވިޗް ކުރުމަކީ ޓޮމް އެމްސީ އަތޫރ (1998) ވިދާޅުވެފައިވާ ގޮތުގައި ވާހަކަ ދައްކަމުންދާއިރު އެހެންބަހެއްގެ ޓެގެއް ނުވަތަ ވަކި ފްރޭޒެއް، ވާހަކަ ދައްކަމުންދާ ބަހުގެ ތެރެއަށް ވައްދާލުމެވެ. ނުވަތަ ގުޅުވާލުމެވެ. އެހެންކަމުން މިތާންގައި އެވާ ދެ ޖުމުލަވެސް މީރާ ނިންމާލައިފައި އެވަނީ ކޯޑް ސްވިޗް ކުރުމާއެކު ދިވެހި ބަހުގެ ޓެގެއް އަޅުވާފައެވެ. އެއީ “ގަ” މި އެވެ.
ފުރަތަމަ ޖުމުލައިގައި ބުނެފައިވަނީ “އެންމެ ފުރަތަމަ މީރާ ލަވަކިޔަން ފެށީ މީރާގެ އޭޖުން ފޯ އިޔާސް ގަ” މިހެންނެވެ. ޖުމުލަ ނިންމާލައިފައިވަނީ ދިވެހި ޓެގަކަށް ސްވިޗް ކޮށްފައެވެ. ދެވަނަ ޖުމުލައިގައި ބުނެފައިވަނީ “އެއީ ލަވަ މުބާރާތަށް، ނައިންޓީން ނައިޓީ އެއިޓް ގަ.” މިހެންނެވެ. މިތާންގައިވެސް ޖުމުލަ ނިންމާލައިފައި އެވަނީ ދިވެހިބަހުގެ “ގަ” ޓެގުންނެވެ.
މީރާގެ އިންޓަވިއު (އޯޑިއޯ) ގެ ދެވަނަ ޕެރެގްރާފްގައިވެސް އެވަނީ ކޯޑް ސްވިޗް ކޮށްފައެވެ. އަދި ހަމަ އެހެންމެ ދެވަނަ ޕެރެގްރާފްގައިވެސް ކޯޑް ސްވިޗް ކޮށްފައިއެވަނީ އިންޓްރާ ސެންޓެޝަލް ކޮށެވެ. ދެވަނަ ޕެރެގްރާފްގައި މީރާވާހަކަ ދައްކާފައިވަނީ މިހެންނެވެ.
“ދެންހަމަ އެގޮތަށް ކޮންޓިނިއު ކުރަން. މީރާ ލަވަކިޔަން މުބާރާތުގަ. ކޮންޓިނިއުކޮށް ކުރިން ހަމަ ގްރޭޑް ސެވަން އާ ހަމައަށް ދަންދެން. ދެން އޭގެފަހުން ފުރައިގެން ދިޔައީތާ ކިޔަވަން.”
މިޕެރެގްރާފްގެ ކޮންމެ ޖުމުލައެއްގައިވެސް ކޯޑްސްވިޗްކޮށްފައިއެވަނީ ޖުމުލަތެރޭގައެވެ. މިތާންގައި ފާހަގަވެގެންދާ އަނެއްކަމަކީ ޓެގް ސްވިޗް ކޮށްފައި ނެތްކަމެވެ. ދިވެހި ބަހުން ވާހަކަ ދައްކަމުން ގޮސް ޖުމުލައިގެ ވަކި ހިސާބަކުން އިނގިރޭސި ބަހަށް ސްވިޗް ކޮށްފައި ވުމުން މިއީ އިންޓްރާ ސެންޓެންޝަލް ކޯޑް ސްވިޗްކުރުމެކެވެ.
މީރާގެ އިންޓަވިއު (އޯޑިއޯގެ ޓްރާންސްކްރައިބް) އަށް ބަލާއިރު 15 ވަނަ ޕެރެގްރާފްގައި ނުވަތަ 15 ވަނަބުނުމުގައި ބަސް މަސްހުނި ކޮށްފައިވަނީ “އިންޓަރ ސެންޓޭންޝަލް” ކޮންނޭ ބުނެވިދާނެއެވެ. ސަބަބަކީ އެ ބުނުމުގައި ޖުމުލަ ނިންމާލައިފައި އެވަނީ ސީދާ އިނގިރޭސި ބަހުންނެވެ. މީރާގެ އިންޓަރވިއުގައި ވާގޮތަށް އެޖުމަލަ ނުވަތަ ބުނުން ތިރީގައި އެވަނީ ނަކަލު ކޮށްފައެވެ.
“ހަމަގައިމުވެސް އޭރުންސުރެ ފައްޓައިގެން މިއަދާ ހަމައަށްވެސް އޭރުވެސް ސްކޫލްގައި އުޅުން ރައްޓެހިންވެސް އެބަތިއްބޭ ހަމަ އާނ ނޮޓް އައުޓް އޮފް ޓަޗް، ސްޓިލް އިން ޓަޗް”
ޓޮމް އެމްސީ އާތުރޫ (1998) ވިދާޅުވާ ގޮތުގައި އިންޓަރ ސެންޓެންޝަލް ސްވިޗިންގ އަކީ ޖުމުލައެއްގެ ތެރޭގައި ބޭނުންކުރެވޭ ފްރޭޒެއް ނުވަތަ ބަސްކޯޅިއެއް މުޅިން އެހެން ބަހަކުން ބޭނުންކުރުމެވެ. އަދި ހަމަ އެހެންމެ ޖުމުލައިގެ މައިނގަޑު ބައިތައް ދެބަހަކުން ގެނެވޭނަމަ އެއީ އިންޓަރސެންޓެންޝަލް ކޯޑް ސްވިޗިންގ ކަމުގައި ޓޮމް އެމްސީ އާތުރު ވިދާޅުވެފައިވެއެވެ. އެހެންކަމުން މިތާންގައި މިވާ ބުނުމުގައި މީރާ އެވަނީ އިންޓަރ ސެންޓެންޝަލް ކޯޑް ސްވިޗް ކޮށްފައެވެ.
ދިރާސާ ކުރެވެމުން މިދާ އޯޑިއޯގައި އިންޓަރ ސެންޓެންޝަލް ކޯޑް ސްވިޗިންގ ކޮށްފައިވަނީ ވަރަށް މަދުންކަމުގައި ވިޔަސް އިންޓްރާ ސެންޓެންޝަލް ކޯޑް ސްވިޗް އާއި، ޓެގް ސްވިޗިންގ ފުދޭވަރަކަށް ގިނައިން ކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ ކޯޑް މިކްސް ކޮށްފައިވާ ކޮންމެ ބުނުމެއްގައިވެސް ޓެގް ސްވިޗް ކޮށްފައިވާ ކަމެވެ. އެގޮތުން މީރާގެ އިންޓަވިއުގެ ( އޯޑިއޯ ) ގެ 18 ބުނުމެއްގައި އިންޓްރާ ސެންޓޭންޝަލް ކޯޑް ސްވިޗް ކޮށްފައި ވުމާއެކު އޭގެ ތެރެއިން 14 ތަނެއްގައި ޓެގް ސްވިޗް ކޮށްފައިވެއެވެ.
އޯޑިއޯގެ 4 އަދި 5 ވަނަ ބުނުމަށް ބަލާއިރު ޓެގް ސްވިޗް ކޮށްފައިވާ ކަން ފާހަގަކުރެވެއެވެ. 4 ވަނަބުނުމުގައި އެވަނީ މިހެންނެވެ.
“ވަރަށްކުޑައިރު އެންމެ ފުރަތަމަ، އެންމެ ފުރަތަމަ މިއުޒިކް ވީޑިއޯ އެއްވެސް ނެރުނީ ގާތްގަޑަކަށް ފައިވް ސިކްސް އިޔާސް ގަ ކަންނޭންގެ ޓީވީއެމްގަ. އާނ މިހުސަރ މެން ހެދި . އާނ ވީޑިއޯ ލަވަތަކެއް ވަރަށް މަޖާ.”
މި ބުނުމުގައި އެވަނީ އިންޓްރާ ސެންޓެންޝަލް ކޯޑް ސްވިޗް ކުރުމާއެކު ޓެގް ސްވިޗް ކޮށްފައެވެ. “ފައިވް ސިކްސް އިޔާސް ގަ” މިހެން ބުނުމުން އެނގެނީ އިނގިރޭސި ބަހުން ބަސްކޯޅިއެއް ފުރިހަމަ ކުރުމަށްފަހު އެ ބަސްކޯޅި ނިންމާލަމުން “ގަ” އަށް އެއޮތީ ޓެގް ސްވިޗް ކޮށްފައެވެ.
މުޅި އޯޑިއޯއަށް ޖުމުލަގޮތެއްގައި ބަލައިލުމުން އެނގިގެންދަނީ 8 ބުނުމެއްގައި ނޫނީ ކޮންމެ ބުނުމެއްގައިވެސް ބަސް މަސްހުނި ކޮށްފައިވާކަމެވެ. އެހެން ކަމުން އެގޮތަށް ބަސްމަސްހުނި ކޮށްފައި އެވަނީ ކޮންމެވެސް ސަބަބަކާ ނުވަތަ ސަބަބު ތަކަކާހެދި ކަމަށް ޤަބޫލުކުރަން ޖެހެއެވެ.
ޝާލޮޓް ހޮފްމަން (1991) ހާމަކުރައްވާފައިވާ ގޮތުގައި ބަސްމަސްހުނި ކުރާ މީހުން ކޯޑް ސްވިޗް ކުރަނީ ސަބަބުތަކެއް މެދުވެރި ވެގެންނެވެ. އޭގެ ތެރޭގައި ތިރީގައިވާ ސަބަބުތައް ހިމެނޭކަމަށް އޭނާ ވިދާޅުވެއެވެ.
- ވަކި މަޢުޟޫ އަކާ ގުޅޭގޮތުން ވާހަކަ ދެއްކުން.
- ކޮންމެވެސް މީހަކަށް ޙަވާލާ ދިނުމަށް ނުވަތަ ކޯޓްކުރުމަށް
- އެއްބައި ވަންތަކަމާއި އެކުވެރިކަން ފާޅުކުރުމަށް ނުވަތަ ވަކިކަމަކަށް ބާރު އެޅުމަށް.
- ވާހަކަ ފުރިހަމަކުރުމަށް (އިންޓަރޖެކްޝަން) ޖުމުލަ ފުރިހަމަ ކުރާ ބަސްތަކާއި، ގުޅުވައިދޭ ބަސްތައް ލައިގެން ފުރިހަމަ އަށް ޖުމުލަ ބުނެދިނުމަށް.
- އިތުރަށް އޮޅުންފިލުވައި ދިނުމަށް ، ތަކުރާރު ކުރުމަށް.
- ވާހަކަ ދައްކާ މީހާގެ އެސެންސް ( ކޮންޓެންޓް ) ދެނެގަތުމަށް
- ގުރޫޕްގެ އަމިއްލަ ވަންތަކަން ފާޅުކުރުމަށް.
- ފާޅުކުރާ އެދުމެއްވިޔަސް ކޮމާންޑެއްވިޔަސް ދެރަކޮށް މޮޅު ކުރުމަށް.
- ލަފުޒުގެ ގޮތުން ޙަޤީޤީ ބޭނުމެއް ކުރަންޖެހުން.
- އަޑުއަހަން ތިބޭ މީހުންގެ ތެރެއިން ވަކިބަޔަކަށް އަންގަން ބޭނުންނުވާ ނުވަތަ ބޭނުންވާ ބުނުމެއް ބުނުމަށް.
ޝާލޮޓް ހޮފްމަން (1991) ފާހަގަކޮށްފައިވާ މި ސަބަބުތަކަށް ބަލާއިރު މީރާގެ އިންޓަވިއުގެ އޯޑިއޯގައި ބަސްމަސްހުނި ކުރަންޖެހޭ ބައިވަރު ސަބަބުތައް ހުރެދާނެކަމަށް ޤަބޫލުކުރެވެއެވެ. ނަމަވެސް އެއީ ސީދާ ޙަޤީޤީ ސަބަބުތައް ކަމުގައި ނުވެދާނެއެވެ. އެހެނީ އެފަދަ ސަބަބެއް މެދުވެރިވެގެން ބަސްމަސްހުނި ކުރަންޖެހުނު ކަން ޙަޤީޤަތުގައި އެނގޭނީ އެވާހަކައެއް ދެއްކި ނުވަތަ ބުނި ފަރާތަކަށެވެ.
ނަމަވެސް މިސަބަބު ތަކާމެދު ވާހަކަ ދައްކާލަން ބަލާއިރު ފުރަތަމަ ސަބަބުކަމުގައިވާ “ވަކި މަޢުޟޫ އަކާ ގުޅޭގޮތުން ވާހަކަ ދެއްކުން” މިސަބަބަށް ވިސްނާލާއިރު އިންޓަވިއުގެ މައިގަނޑު މަޢުޟޫއަކީ ބެލެވޭގޮތުގައި މީރާގެ މަދްރަސީ ޙަޔާތެވެ. ނުވަތަ ކުޑައިރުގެ ވާހަކަތަކެވެ. އެހެންކަމަށްވާނަމަ މީރާ ބަސް މަސްހުނިކުރީ ނުވަތަ ކޯޑް މިސްކް ކޮށްފައި އެވަނީ ވަކި މަޢުޟޫ އަކަށް ވާހަކަ ދައްކާތީ ކަމަށްވެސް ވެދާނެއެވެ. ދެން ހަމައެއާއެކު ހަތަރުވަނަ ސަބަބުކަމުގައި ފާހަގަކޮށްފައިވާ “ވާހަކަ ފުރިހަމަކުރުމަށް (އިންޓަރޖެކްޝަން) ޖުމުލަ ފުރިހަމަ ކުރާ ބަސްތަކާއި، ގުޅުވައިދޭ ބަސްތައް ލައިގެން ފުރިހަމަ އަށް ޖުމުލަ ބުނެދިނުމަށް” ސަބަބުއެއީ މީރާގެ ކޯޑް ސްވިޗް ކުރުމުގެ ސަބަބެއް ކަމުގައި ވެދާނެއެވެ. އެހެނީ އެ އޯޑިއޯގެ ވަރަށް ގިނަ ބުނުންތަކުގައި ޖުމުލަ ފުރިހަމަ ކުރުމުގެ ގޮތުން ބަސްމަސްހުނި ކޮށްފައިވާ ވާކަން ފާހަގަކުރެވެއެވެ.
މިސާލަކަށް: އޯޑިއޯގެ 18 ވަނަ ބުނުމުގައި އެވާ “ހަމަގައިމުވެސް އެތަނުން މީރާ އެންމެ ހަނދާންވާ އެއްދުވަސް އެއީ އޯލެވެލް މެތްސް ޕޭޕަރު ހަދަން އިންދުވަސް. މީރާ އެންމެ ބިރުވެސް ގަންނަ ސަބްޖެކްޓް އެއީ” މި ބުނުމުގައި ރަތްކުލައިން ފާހަގަކޮށްފައިވާ ފްރޭޒްތަކަށް ބަލައިލުމުން އެކަން ވަރަށް ރަގަޅަށް ދޭހަވެއެވެ. އެއިން ކޮންމެ ތަނެއްގައިވެސް އެވަނީ އެޖުމުލަ ފުރިހަމަ ކުރުމުގެ ގޮތުން ގެނެސްފައިވާ ބަސް މަސްހުނި ކުރުމެކެވެ.
ދިރާސާ ކުރެވުނު އޯޑިއޯގެ ޚުލާޞާ :
ދެބައްސައިންގެ ބަސް މަސްހުނި ކުރުމަކީ ދުނިޔޭގެ ހުރިހާ ބަހެއްގައިވެސް ފެންނަމުންދާ ކަމަކަށްވާއިރު އެކަން އެކި ބަސްބަހުން ފެންނަނީ އެކިމިންވަރަށްކަން އެއީ ޤަބޫލުކުރެވޭ ޙަޤީޤަތެކެވެ. އަދި ބަސް މަސްހުނި ކުރާ ގޮތާއި، ސަބަބުތައްވެސް އެކަކު އަނެކަކާ އެއްބަޔަކު އަނެއްބަޔަކާ ވަރަށް ބޮޑަށް ތަފާތުވާނެއެވެ. އެހެންކަމުން މިކުރެވުނު ދިރާސީ މަސައްކަތުންވެސް އެނގިގެންދިޔަ އެއްކަމަކީ ބަސް މަސްހުނި ކުރުމުގައި ދިވެހި ބަހުގެ ތެރެއަށް އިނގިރޭސި ބަސް ވައްދައި މަސްހުނި ކުރުމުގައި ދިވެހިންގެ ތެރޭގައިވެސް ހުރި ތަފާތު ކަމާއި އެއްގޮތް ކަމެވެ.
މިދިރާސީ މަސައްކަތުގެ ތެރެއިން އެނގިގެންދިޔަ އަނެއްކަމަކީ އިންޓަރ ސެންޓެންޝަލް ސްވިޗިންގ ( މުޅިޖުމުލަ އެއްކޮށް އިނގިރޭސި ބަހުން ބުނުން ) އާއި، އިންޓްރާ ސެންޓެންޝަލް ސްވިޗިންގ ( ޖުމުލަ ތެރޭގައި ފްރޭޒް ނުވަތަ ބަސްކޯޅި އިނިގިރޭސި ބަހަށް ބަދަލުކުރުން) އާއި، އަދި ޓެގް ސްވިޗް ކޮށްފައިވާކަމެވެ.
މީގެ އިތުރުން މި އޯޑިއޯ ދިރާސާއިން ފާހަގަކުރެވުނު އަނެއްކަމަކީ ބަސް މަސްހުނި ކޮށްގެން ވާހަކަ ދައްކަމުންދާއިރު އިނގިރޭސި ލަފުޒުތައް ދިވެހި ބަހުގެ ތެރެއަށް ގެންނައިރު ދިވެހިބަހުގައިވެސް ގުޅުވާއަކުރު ބޭނުންކުރާ ބީދައިން އިނގިރޭސި ބަސްތައް ލައިގެން ގުޅުވަމުން ވާހަކަ ދައްކަމުން ގެންގޮސްފައިވާކަމެވެ. އަދި މިއޯޑިއޯއިން ފާހަގަކުރުވުނީ އިނގިރޭސި ބަހުން ދިވެހި ބަހަށް ބަރޯ ކުރެވިފައިވާ ނުވަތަ ޓްރާންފަރ ކުރެވިފައިވާ ބަސްތައް ވަނީ ދިވެހި ވަންތަ ގޮތް ދޫކޮށް ހަމަ އިނގިރޭސި ބަހުން ބޭނުންކުރާ ގޮތަށް ބޭނުންކޮށްފައިކަމެވެ.
މީގެ އިތުރުންވެސް މި މަސައްކަތުން އެނގުނީ އިނގިރޭސި ބަހުން ދިވެހިބަހަށް ބަރޯ ކުރެވިފައިވާ އެކިއެކި ލެކްސިކަލް ބައިތައްވެސް ދިވެހި ބަހުގެ ހަމަތަކަށް ފައްތާފައިވަނީ އެއްވެސް ބަދަލެއް ނުގެނެސްކަމެވެ. އަދި ހަމައެހެންމެ އެންމެގިނައިން ބަސްމަސްހުނި ކުރުމުގައި ބޭނުންކޮށްފައިވަނީ ނަމާއި، ކަމާއި، ނަންއިތުރު ކަމެވެ. އަދި ކަންއިތުރުވެސް ނަންއިތުރުވެސް ބޭނުންކޮށްފައިވާކަން އެނގެއެވެ. އަދި ގުޅުވައިދޭ ބަސްތަކާއި، ޖުމުލަ ފުރިހަމަ ކުރުމަށް ބޭނުންކުރާ ނިންމާ ބަސްތައް ފަދަ ބަސްބަސް ބޭނުންކޮށްފައިވަނީ ވަރަށް މަދުންކަން ފާހަގަކުރެވުނެވެ.
ނިންމުން:
އަޅުގަނޑުގެ މިދިރާސީ މަސައްކަތަކީ ދިވެހި ބަހާއި، އިނގިރޭސި ބަހުން ވާހަކަ ދައްކާ މީހުންގެ މެދުގައި ބަސް މަސްހުނި ކުރުމުގެ ގޮތްތަކާއި މިންވަރު ދިރާސާކޮށް އިތުރު ހޯދުންތަކާއި، އިތުރު ތިއަރީތަކުގެ އެހީގައި މި މަޢުޟޫއަށް އިތުރު މަޢުލޫމާތު ހޯދުގެ މަޤްޞަދުގައި ކުރެވުނު މަސައްކަތެކެވެ. މި މަސައްކަތުން އަޅުގަނޑަށް މީގެ ކުރިން ދަސްވެފައިނެތް އެތައްބައިވަރު ތިއަރީތަކަކާއި، ކުރިން އެނގިފައިނުވާ ވަރަށް ގިނަ މައުލޫމާތު ލިބިގެން ދިޔައެވެ. މިފަދަ ދިރާސާތައް ހަދާފައިވާ އެކިއެކި މަޝްހޫރު ބޭފުޅުންގެ ލިޔުންތަކުންނާއި، އެކިއެކި ފޮތްތަކުން އަޅުގަނޑު މި މަޢުޟޫޢުގައި މަޢުލޫމާތު އެއްކޮށްފައިވާނެއެވެ. އަދި އެމަޢުލޫމާތު ތައް މި މަޒުމޫނުގައި ހިމަނާފައިވެސް ވާނެއެވެ.
ނިނުމީ
ރިފަރެންސް ލިސްޓް:
ޙަމީޒާ ޢަފީފް (2014). ވާހަކަ ދެއްކުމުގައި ބަސް މަސްހުނި ކުރުން. ސަރުނަ: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
އާމިނަތު ސަޢާދާ (2013). ޢުމުރުން 7 އަހަރުގެ ދިވެހި ކުޑަކުދިން ، ދިވެހި ބަހާއި އިނގިރޭސި ބަސް މަސްހުނިކޮށްގެން ވާހަކަ ދައްކާއިރު އެފިކްސޭޝަން ބޭނުންކުރަނީ ކިހިނެތް؟ ސަރުނަ: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
ނާދިރާ އިބްރާހިމް (2015). އުމުރުން 5 އަހަރުން ދަށުގެ ތުއްތު ކުދިންނާ ދެބަހުން ވާހަކަ ދެއްކުމަކީ އެކުދިންގެ ބަހުގެ ހުނަރަށް އަސަރުކުރުވާ ކަމެއްހެއްޔެވެ؟ ސަރުނަ: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
ސުވެއިދާ ޙަސަން (2017). ދެބަސް މަސްހުނިކޮށްގެން ވާހަކަ ދެއްކުން. ސަރުނަ: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
އެޕެންޑިކްސް:
މީރާ މުޙައްމަދު މާޖިދު ގެ އިންޓަވިއު ( ސަންގުޓީވީ )
- އެންމެ ފުރަތަމަ މީރާ ލަވަކިޔަން ފެށީ މީރާގެ އޭޖުން ފޯ އިޔާސްގަ. އެއީ ލަވަ މުބާރާތަށް. ނައިންޓީން ނައިޓީ އެއިޓްގަ.
- ދެންހަމަ އެގޮތަށް ކޮންޓިނިއު ކުރަން. މީރާ ލަވަކިޔަން މުބާރާތުގަ. ކޮންޓިނިއުކޮށް ކުރިން ހަމަ ގްރޭޑް ސެވަން އާ ހަމައަށް ދަންދެން. ދެން އޭގެފަހުން ފުރައިގެން ދިޔައީތާ ކިޔަވަން.
- އާނމް އޭގެތެރެއިން އައި ބައިވަރު ކަންތައްތައް.
- ވަރަށްކުޑައިރު އެންމެ ފުރަތަމަ، އެންމެ ފުރަތަމަ މިއުޒިކް ވީޑިއޯ އެއްވެސް ނެރުނީ ގާތްގަޑަކަށް ފައިވް ސިކްސް އިޔާސް ގަ ކަންނޭންގެ ޓީވީއެމްގަ. އާނ މިހުސަރ މެން ހެދި . އާނ ވީޑިއޯ ލަވަތަކެއް ވަރަށް މަޖާ.
- އޭ ދެން އޭގެފަހުން މީރާ ހަނދާންވާގޮތުން އެންމެބޮޑު އެއްޗަކަށްވީ މިސްވޯލްޑް ޓޫތައުޒަން މާލެއައިފަހަރު. ޕަރފޯމްކުރިން ޕެރެޑައިސް ގަ އެންމެނަން އެމީހުންގެ ބީޗް ކޮންމެސް އެއްޗެއްގެ އާނ މީ ޑިނަރ ނައިޓް ގަ. ޕަރފޯމް ކުރިން. ތިންފަހަރަށް ކަންނޭނގެ އެރޭ ލަވަވެސް ކިޔުއްވި. މީރާ ލައްވާ.
- ދެން އޭގެފަހުން އަސްލު ޙަޤީޤަތަށް މީރާގެ ކެރިއަރ، ކެރިއަރ ގެ ގޮތުގައި ފެށިފަ އިންނާނީ އެހަނދާނަށް އެންމެ ފުރަތަމަ އެރިއަހަރު އަންމަޑޭއާ އެކީގަ އަދުމިހާލަތު ކީ އިރު.
- ހަނދާންވާގޮތުން އެންމެ ކުޑައިރުއް ސުރެ މަންމަވެސް ބައްޕަވެސް ވަރަށް މީރާލައްވާ ލަވަކިޔުއްވަން އުޅޭނެ. މީރާލައްވާވެސް މީރާ ކޮއްކޮ ލައްވާވެސް. އެކަމު ޕްރެޝަރއެއް ނުކުރާނެ. އެ ދެންއަނެއްހެން އޮޓޮމެޓިކަލީ މީރާ ކިޔާހިތްވެސް ވާތީވެ. އެންމެ ކުރާހިތްވާ ކަމަކީވެސް ލަވަކިޔުން. އެހެންވީމަ ޕްރެޝަރއެއް ނުކުރާނެތަ. މީރާ އަމިއްލައަށް އެކަމާއުޅޭނެތާ. ހަމަ ވާވަރަށް. އެހެންވީމާ ޕްރެޝަރއެއް ނުކުރޭ އަސްލު.
- ދެން ބައްޕަ ހުރި ލެވަލްއަށް މީރާދާން. އޭ ނޭންގެ އަންނާނީ ކޮންޒަމާނަކުން ކަމެއްވެސް އަދިއެއް ނާދޭ ހަމަގައިމުވެސް އެހިސާބަކަށް. މީރާގެ އެންމެ ބޮޑު ޑްރީމަކަށް ވާނީވެސް ބައްޕަގެ، ބައްޕައައި ލެވަލްއަށް ބައްޕަގެ އޮރިޖިނަލް ލަވަތައް ހެދިފަހުރިފެންވަރަށް އިރާދަ ކުރެއްވިއްޔާމު ކޮންމެސް އެއްދުވަހަކުން އެވަރުގެ ލަވަތަކެއް މީރާއަށްވެސް ހެދޭނެ ދުވަހެއް އެއީ މީރާގެ އެންމެބޮޑު އެއް ޑްރީމް.
- ސްކޫލް ލައިފް ކޮންމެ މީހެއްގެވެސް ވަރަށް މަޖާވާނެތާ ދޯ ދެން. އާނ މާލޭގަ އެންމެ ފުރަތަމަ އުޅުން އިރު ޖަމާލުއްދީންގަ އުޅުން އިރުވެސް ވަރަށް ހަނދާނީ ދުވަސްތައް އެހެންދޭ. އެހެން ހަދާނަށް މިހާރު ގިނައެއްޗިސް ނުވެސްއާދޭ.
- ހަމަގައިމުވެސް ބޭންޑްގަ އުޅުންއިރު ވަރަށް މަޖާ މީރާއާ އަންޏައާ ދެން ތުއްޕިމެން ދައްތި މެން ވަރަށް މަޖާ. ކްރައުޑެއް އުޅުނިން ހަމަގައިމުވެސް އާނ އެންމެ މަޖަލީ މީރާ ގްރޭޑް ސިކްސް ގަ އުޅުން އަހަރު އެއީ އެއަހަރު އުޅުނު ޒަކިއްޓޭ. އަނެއް މީރާމެންނާއެކީ ބޭންޑްގަ. ދެން ވަރަށް ގިނަމީހުންނަށް އެނގޭނެކަންނޭންގެ ޒަކިއްޓޭއޭ ބުނީމަ. އާ އެއަހަރު އުޅުނު ޒަކިއްޓޭވެސް ބޭންޑްގަ.
- ދެން މުޅިންވެސް ކޮންމެވެސް ކަމެއްވެގެން. މީރާއާ ޒަކިއްޓޭއާ އަންޏިއާ ތިންމީހުން ތިބޭނީ އަބަދުވެސް ތިބޭނީ ކަރަންޓީނަށް ލާފަ. ދުރުކޮށްފަ ތިބޭނީ ބައިތިއްބާފަ. ގިނަފަހަރު
- މާލޭގައި އުޅުނުއިރު ހަމަގައިމުވެސް ވަރަށްމަޖާ . ގްރޭޑް ސެވަންގަ އެއީ އެންމެ ހަނދާނުން ނުފޮހެވޭނެއަހަރު. ހަމަގައިމުވެސް މާލޭގަ އުޅުން ސްކޫލް ޔިއާރސް ތަކުގެ ތެރޭން.
- މެލޭއަށް ގޮއްސަ ދެން ވަރަށް ތަފާތު އިންޓަރނޭޝަނަލް ސްޓޫޑެންޓްސް އާއި އެކީގަ އުޅެންވީމަ.
- އެކްސްޕީރިއެންސްވެސް ތަފާތުވާނެތާ އެކަމަކު އޭރުވެސް މީރާވަރަށް އުފަލުގަ ބުނެވޭނެ
- ހަމަގައިމުވެސް އޭރުންސުރެ ފައްޓައިގެން މިއަދާ ހަމައަށްވެސް އޭރުވެސް ސްކޫލްގައި އުޅުން ރައްޓެހިންވެސް އެބަތިއްބޭ ހަމަ އާނ ނޮޓް އައުޓް އޮފް ޓަޗް، ސްޓިލް އިން ޓަޗް
- ހަމަ ރައްޓެހިން އެބަތިއްބޭ.
- އާނ މެލޭގަ އުޅުންއިރު މަޖާކަންތައްތަކަށް ދެން ބުނެދޭން ނޭންގޭ، ހަތަރު އަހަރުކަންނޭންގެ އުޅެވުނު ސްކޫލްގަ އާނމް ވަރަށް މަޖާ ކަންތައްތައް ވެފަ ހުންނާނީ.
- ހަމަގައިމުވެސް އެތަނުން މީރާ އެންމެ ހަނދާންވާ އެއްދުވަސް އެއީ އޯލެވެލް މެތްސް ޕޭޕަރު ހަދަން އިންދުވަސް. މީރާ އެންމެ ބިރުވެސް ގަންނަ ސަބްޖެކްޓް އެއީ.
- އަނެއް ޕޭޕަރު ހަދަން އިނދެފަ. މީރާމެން އެންމެން ދެން މިބުނީ އެކަކު އަނެކަކު މިހެން ކޮޅުކޮޅު ބަލާތަން ފެނޭދޯ ދެން މީރާވެސް ބަލާލަން ހިތަށްއެރި ނުކެރޭނޭ ދޯ.
- އަނެއް އެނބުރޭކަށް ނުކުރޭނެތާދޯ އޯލެވެލް ޕޭޕަރު ހަދަން އިނދެފަކާ.
- ދެން މީރާ އަޅާނުލާ އިނީ އަނެއްހެން. އިނދެފާ އިރުކޮޅަކުން މިހެން ފައިކައިރީގައި މިހެން އެއްޗެއް ފައިފައި މަތިންނާ އެކީ މިހެން އެއްޗެއް އެނބުރޭހެން ހީވާތީވެ މިހެން އެއްކަލަ ކޮއްޓާލާހެން ހީވާތީވެ މިހެން ކުޑަކުޑަކޮށް ބަލައިލައިފަވެސް ނުކުރެވުނު ހީކޮށްފާނެ ކޮޕީކުރަނިއްޔޭ .
- އޯލެވެލް ޕޭޕަރު ހަދަން އިނީމަ. ދެން މިހެންފައިތަޅުވާލައިފަ އަނެއްކާވެސް އިނީ. އިނދެފަ ފުންމައިގެން އުނގަށް އެރީ ބޮކެއް.
- އެހިސާބުން ދެން މީރާއަކަށް ނޭންގުނު ހަދާނެގޮތެއް. އޯލެވެލް ޕޭޕަރުކަން ހަނދާނެއްވެސްނެތް.
- މޭޒުގަ ފައިންޖަހާ މޭޒު ވައްޓާލިގޮތަށް ދުވެފަ ދިޔައި.
- ވަރަށްމަޖާވި ގަޑިއެއް އެއީ. އެންމެތައް ބަލާ ހީނ. ދެން ވަރަށް މަޖާވިގަޑިއެއް އެއީ.
- އެއީ ވަރަށް ހަނދާންވާ ދުވަހެއް ހަމަގައިމުވެސް.
ކޮމެންޓް (0)
ލޯޑް ކުރަމުން...