މަޒުމޫނު

ޙަލާލު ކޮންމެ މަސައްކަތެއް ކުރުމަކީ އިންސާނީ އަސާސީ ޙައްޤެއްކަން ހަނދާބަހައްޓަން ޖެހެއެވެ!

ފަހަކަށް އައިސް ދައުލަތުގެ މުއައްސަސާތަކުން ޝަރުޢީ ކޯޓުތަކުގެ އިންސާފު ޤާއިމުކުރާ މަޖިލިސް ތަކުގަޔާ ޤާނޫނު ހަދާ މަޖިލިސްތަކުގައިވެސް ހަރުއަޑުން ވަކާލާތުކޮށް ނެރުއްވާ ޒުވާބުތަކުން އެނގި ހާމަވެގެންދަނީ، ވަޒީފާ އަދާކުރުމުގެ ޙައްޤަކީ އަސާސީ ޙައްޤެއްކަން ހަނދާންނެތޭ ހިސާބަށް ނުވަތަ ހަނދާން ނެތުމާ ކައިރިޔަށް ވިސްނުން ބައްޓަން ވަމުން އަންކަމެވެ. ނަމަވެސް ވަޒީފާ އަދާކުރުމަކީ އަސާސީ ޙައްޤެއްކަމާއި އެ ޙައްޤު ހިމާޔަތްކުރަން ޖެހޭކަން ޝަރުޢީ އަދި ޤާނޫނީ އަދި ބައިނަލްއަޤުވާމީ ނައްޞުތަކުން ވަރަށް ރަނގަޅަށް ސާފުވެއެވެ. މިގޮތުން މި މަޒުމޫނުގައި ބަލާލާފައި މިވަނީ ވަޒީފާ އަދާކުރުމުގެ ޙައްޤަކީ އަސާސީ ޙައްޤެއްކަން ކަށަވަރު ކޮށްދޭ ބައެއް ނައްޞުތަކަށެވެ.

ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީންކަމާއި އަދި އިސްލާމްދީނަކީ ދިވެހި ރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރުކަން ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި ބަޔާން ކޮށްފައިވާ އޮންނަ އޮތުމުގެ އިތުރުން މަސައްކަތްކުރުމުގެ ޙައްޤަކީ މާތްވެގެންވާ އިސްލާމްދީނުގައި ވެސް ކަނޑައަޅާފައިވާ ގޮތުގައި، އިންސާނާގެ އަސާސީ ޙައްޤެއްކަން، މިކަމާ ގުޅޭގޮތުން އިސްލާމީ ޝަރީޢަތުގައި އައިސްފައިވާ ޝަރުޢީ ނައްޞުތަކުން ސާފުކޮށް އެނގެއެވެ. މިފަދަ ނައްޞުތަކުގެ މިސާލުތަކުތެރޭގައި، ކީރިތި ޤުރުއާނުގެ އައްތައުބާ ސޫރަތުގެ 105 ވަނައާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ (وَقُلِ اعْمَلُوا) މާނައީ: “އަދި ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން މަސައްކަތް ކުރާހުށިކަމެވެ.” މި ބަސްފުޅު ހިމެނިފައިވާ ނައްޞާއި  އަދި އަލް އަޙުޤާފު ސޫރަތުގެ  19ވަނައާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ (وَلِكُلٍّ دَرَجَاتٌ مِّمَّا عَمِلُوا وَلِيُوَفِّيَهُمْ أَعْمَالَهُمْ وَهُمْ لَا يُظْلَمُونَ)  މާނައީ:” އަދި ކޮންމެބަޔަކަށްމެ، އެބަޔަކު ކުޅަ عمل އަކާ އެއްގޮތަށް ދަރަޖަތަކެއް ހުށްޓެވެ. (އެއީ) އެއުރެންނަށް، އެއުރެންގެ عمل ތަކުގެ ޖަޒާ ފުރިހަމަޔަށް ދެއްވުމަށްޓަކައެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.”  މި  ބަސްފުޅު ހިމެނިފައިވާ ނައްޞު ފަދަ އެތަކެއް ނައްޞުތަކެއް ހިމެނެއެވެ.

ދިވެހި ކޮންމެ ރައްޔިތަކަށްމެ އެމީހަކު އިޚުތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ޙައްޤަކީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގައި ކަނޑައަޅައި ކަށަވަރު ކޮށްދިފައިވާ އަސާސީ ޙައްޤެއްކަން ޤާނޫނުއަސާސީގެ 37 ވަނަމާއްދާގެ (ހ) އިން ސާފުކޮށް އެނގެން އޮވެއެވެ. ޤާނޫނު އަސާސީއާ އެއްގޮތަށް ޢަމަލުކުރުމާއި، އަދި ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ އަސާސީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަން ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގައި ކަނޑައަޅާފައިފާ ދުސްތޫރީ މަބުދަޢުއަށް (ކޮންސްޓިޓިއުޝަނަލް ޕުރިންސިޕަލް އަށް) ބެލުމުން ސާފުވެއެވެ.

މީގެ އިތުރުން ވެރިކަން ހިންގާފަރާތުންނާއި ރައްޔިތުންގެ މަޖިލީހުންނާއި ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ބާރުންނާއި މުސްތަޤިލްލު ކޮމިޝަންތަކުންނާއި މުސްތަޤިއްލު މަޤާމުތަކުގައި ތިބޭ މީހުންނާއި ދައުލަތުގެ މުއައްސަސާތަކުންނާއި ދައުލަތުގެ މަޤާމުތަކާ ޙަވާލުވެ ތިބި މީހުންނާއި އެންމެހައި ރައްޔިތުން ޤާނޫނުއަސާސީގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމައަށް ކިޔަމަންވެ ޢަމަލު ކުރާން ވާނެކަމަށާއި އަދި ޤާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމަށް ބުރުލެއް އަރާފަދަ އަމަލެއް ކުރުމަކީ އެއްވެސް ފަރާތަކަށް ހުއްދަވާނޭ ކަމެއް ނޫންކަމަށް ޤާނޫނުއަސާސީގެ 299 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ ދުސްތޫރީ މަބުދަޢުގައި ނުހަނު ސާފުކޮށް ބަޔާން ވެފައި އޮވެއެވެ.

ޤާނޫނުއަސާސީސީގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭފަދަ ޢަމަލެއް ކުރުމުގެ ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ދައުލަތަށް ލިބޭނެފަދަ ގޮތަކަށް ޤާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެން ނުވާނުކަމަށް ޤާނޫނު އަސާސީގެ 69 ވަނަ މާއްދާގައި ޞަރީޙަ ބަހުން ބަޔާން ކޮށްފައިވާއިރު، ޤާނޫނުއަސާސީގައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމިޤުރާޠީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް އެ އުޞޫލުތައް ކޯޓްތަކުންނާއި ޓްރައިބިއުނަލްތަކުން ނަގަހައްޓަން ވާނެކަމަށާއި އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަޤުވާމީ މުޢާހަދާތަކަށް ރިޢާޔަތް ކުރަންވާނެކަމަށް ޤާނޫނު އަސާސީގެ 68 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައި އޮވެއެވެ.

ޔުނައިޓެޑް ނޭޝަންސް ގެ ޗަރޓަރ ގެ 55 ވަނަ މާއްދާގެ (ސީ) ގައި އިންސާނާގެ އަސާސީ ޙައްްޤުތަކާއި މިނިވަންކަމަކީ އެއަށް ދައުލަތްތަކުން އިޙުތިރާމްކޮށް ނަގަހައްޓަންޖެހޭ ޢާލަމީ (ޔުނިވާރސަލް) މަބުދައެއްކަން އެގެން އޮންނައިރު މި މާއްދާގައި ކަނޑައެޅިފައިވާ މަޤުޞަދުތައް ޙާޞިލުކުރުމަށްޓަކައި ދައުލަތްތަކުން އިންފިރާދީގޮތުންނާއި އަދި ޖަމާޢީގޮތުން މަސައްކަތްކުރުމަކީ ޔޫ. އެން ގެ މެމްބަރު ޤައުމުތަކުގެ މައްޗަށް ޔޫ. އެން ގެ ޗަރޓަރ ލާޒިމުކޮށްފައިވާ ޢާލަމީ (ޔުނިވާރސަލް) އުޞޫލެއްކަން އެ ޗަރޓަރ ގެ 56 ވަނަ މާއްދާގައި ސާފުބަހުން ބަޔާންކޮށްފައި އޮވެއެވެ.

“ސިޔާސީ އަދި މަދަނީ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާ”  (އައި . ސީ . ސީ . ޕީ. އާރ) ގެ 25 ވަނަ މާއްދާގެ (ސީ) އިން، އެމީހެއްގެ ޤައުމުގެ ޢާއްމު ވަޒީފާތައް އަދާކުރުމުގެ ޙައްޤަކީ އެންމެންނަށްމެ ހަމަހަމަގޮތެއްގައި ލިބެންޖެހޭ ފުރުޞަތެއްކަން އެނގެން އޮންނައިރު މިމުޢާހަދާގައި ކަނޑައެޅިފައިވާ ޙައްޤުތަކާއި މިނިވަންކަން ނިގުޅިގެންދާގޮތަށް ޢަމަލުކުރުމަކީ އެއްވެސް ދައުލަތަކަށް އަދި ޖަމާޢަތަކަށް ނުވަތަ މީހަކަށް ހުއްދަވެގެންވާ ކަމެއްނޫންކަން މިމުޢާހަދާގެ 5 ވަނަ މާއްދާގެ (1) ވަނަ ނަންބަރުން ރަނގަޅަށް އެނގެއެވެ.

އެމީހަކު އިޚުތިޔާރުކުރާ  ޝަރަފުވެރި މަސައްކަތެއްކުރުމަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެއްކަމާއި އަދި ވަޒީފާ ގެއްލިގެންނުދާނޭ ގޮތުން ވަޒީފާގެ ޙިމާޔަތާއި ރައްކާތެރިކަން ލިބުމަކީ ކޮންމެ އިންސާނެއްގެވެސް ޙައްްޤެއްކަން “އިންސާނީ ޙައްްޤުތަކާބެހޭ ބައިނަލް އަޤުވާމީ އިޢުލާން ” (ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް) ގެ 23 ވަނަ މާއްދާގެ (1) ވަނަ ނަންބަރުން އެނގެން އޮންނައިރު މި އިޢުލާނުގައި ކަނޑައެޅިފައިވާ ޙައްޤުތަކާއި މިނިވަން ކަން ނިގުޅުގެންދާ ގޮތަށް މި އިޢުލާނުގެ އެއްވެސް ނައްޞެއް ތަފުސީރުކުރުން ހުއްދަވެގެން ނުވާކަން މި އިޢުލާނުގެ 30 ވަނަ މާއްދާގައި ބަޔާން ވެފައި އޮވެއެވެ.

އިސްވެ ބަޔާންކޮށް ދެންނެވުނު ޝަރުޢީ، ދުސްތޫރީ އަދި ބައިނަލް އަޤުވާމީ އުޞޫލުތަކަށް ރިޢާޔަތްކުރުމުން އެނގިގެންދަނީ ވަޒީފާ އަދާކުރުމުގެ ޙައްޤަކީ އިންސާނީ އަސާސީ ޙައްޤެއްކަން ދައުލަތްތަކުންނާ ވަޒީފާ ދޭ ފަރާތުންނާ މަސައްކަތް ކުރުވާ ފަރާތްތަކުން، ކިތަންމެ ކުޑަ ހިނދުކޮޅަކަށްވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމާއި އެ ޙައްޤު ދަމަހައްޓަން ޖެހޭ ކަމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close