މަޒުމޫނު

އޯޒޯން

ގަޑިން ހެނދުނު 8:00 އެވެ. އަހަރެން އެސެމްބްލީ އެރިއާގައި ހުއްޓިލައިގެން މިހުރީ އެސެމްބްލީ ނިމޭނެ އިރެއްގެ އިންތިޒާރުގައެވެ. މާގިނަ އިރުތަކެއް ނުވެ ވާހަކަ ދައްކަން ހުރި އަޙުމަދު ސަރގެ އަޑު ކެނޑިއްޖެއެވެ. ނަމަވެސް އަނގަ ހަރަކާތް ކުރާތަން ފެނެއެވެ. އިވެމުން ދިޔައީ މީހަކު ތުބުން ފުމެލާއިރު އިވޭ ކަހަލަ އަޑެކެވެ. ފެންނަމުން ދިޔަ މަންޒަރު އެއްކޮށް ފުސްވިއެވެ. ސިކުންތު ކޮޅެއް ފަހުން އެއްކޮށް ލޮލަށް ނުފެންނާން ފަށައިފިއެވެ. ލޮލުގެ ފެނުން އަނބުރާ އައިއިރު އަހަރެން އޮތީ ބީ-ޓެކް ކުލާސް ތެރޭގައެވެ. ގެއަށް އައިސް ޑރ.ގޫގަލް އަށް ވީގޮތް ކިޔައި ދިނީމެވެ. އޭނަ ވިދާޅުވީ ހީޓް ސްޓްރޯކެއް ޖެހުނީ ކަމަށެވެ. ނަމަވެސް އެހެން ވާންވީ ކީއްވެގެން ހެއްޔެވެ؟ ހެނދުނުގެ ބޭސް އަވިދޭ ވަގުތުކޮޅު ނިމިފައި އޭރު އަދި ގަޑި އިރެއްވެސް ނުވާނެއެވެ. މިއަކީ މީގެ ކުރިން އަދި އަހަންނަށް ދުވަހަކުވެސް ވީގޮތެއް ނޫނެވެ.

އެތައް ދުވަހެއް ވާންދެން މިކަމާމެދު ވިސްނާ ފިކުރު ކުރުމަށްފަހު މިއަދު އަހަރެންގެ ސުވާލުތަކަށް ޖަވާބެއް ލިބިއްޖެއެވެ. އެދުވަހު އެދިން އަވިންވީ ހޫނަކީ އޭގެ ކުރިން ދުވަހަކުވެސް ނުވާ ފަދަ ދިލަ ހޫނެކެވެ. ދުނިޔޭގެ ފިނި ހޫނުމިން ދުވަހަކަށް ވުރެ ދުވަހެއް މިދަނީ މައްޗަށް ދަމުންނެވެ. 2017 ވަނަ އަހަރުގެ މެދުތެރެއިން ރިކޯޑު ކުރެވުނު ފިނި ހޫނުމިން ތަކަކީ އޭގެ ކުރިން ވެތުވެދިޔަ 100 ވަރަކަށް އަހަރު ދުވަހު ތެރޭގައިވެސް ރިކޯޑު ކުރެވިފައިނުވާ ހޫނުމިން ތަކެކެވެ. 2020 ވަނަ އަހަރު ކުރީ ކޮޅު އޮސްޓްރިއޭލިޔާގެ ވަލު ތެރޭގައި ހިނގާދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާގެ މައިގަނޑު ސަބަބަކީ ވެސް، އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި މަތިވަމުންދާ ފިނިހޫނު މިނެވެ.

މިހެން ކަނތައް ދިމާވާން މެދުވެރިވާ މައިގަނޑު ސަބަބަކީ ދުނިޔޭގެ އެޓްމޮސްފިއާރގައިވާ އޯޒޯން ފަށަލަ ތުނި ވުމުގެ ސަބަބުންނެވެ. އިންސާނުންގެ ދިރިއުޅުން “ފަސޭހަ” ކުރުމަށް އީޖާދު ކޮށްފައިވާ ވަސީލަތްތަކުން ބޭރުކުރާ ކާރބޮންޑައިއޮކްސައިޑް ފަދަ ”ގްރީން ހައުސް ގޭސް” ތަކުގެ ސަބަބުންނެވެ. އެފަދަ ގޭސްތަކުގެ ހިމެނޭ ކާރބޮން އާއި އޯޒޯން ފަށަލައިގާވާ އޮކްސިޖަން ރިއެކްޓް ކުރުމުގެ ސަބަބުން އޯޒޯން ފަށަލަ ތުނި ވަނީއެވެ. ނަތީޖާއެއްގެ ގޮތުން އިރުގެ ނުރައްކާތެރި ޔޫވީ ރޭތައް އެއްވެސް ހުރަހެއް ނެތި ދުނިޔޭގެ އެޓްމޮސްފިއާގެ ތެރެއަށް ވަދެއެވެ. މިދެންނެވި އޯޒޯން ތުނިވި ވަރަކަށް ދުނިޔޭގެ ފިނި ހޫނުމިން މައްޗަށްދާނެއެވެ.

މިކަމުގެ ބިރު މުޅި ދުނިޔެއަށް އޮތް ނަމަވެސް، ބިރު އެންމެ ބޮޑީ ދިވެހި ރާއްޖެއަށެވެ. ސަބަބަކީ ދިވެހިރާއްޖެއަކީ ބިމުގެ ގޮތުން ތިރީގައި އޮންނަ ޤައުމަކަށް ވާތީއެވެ. އަދި ދުނިޔެ ހޫނުވަމުން ދިޔަ ވަރަކަށް އާރކްޓިކް ސަރަހައްދު ތަކުގައިވާ ގަނޑުފެންތައް ވިރި ކަނޑުގެ ލޮނުގަނޑާއެކުވެ، ކަނޑުގެ ލޮނުގަނޑުވެސް ދުވަހަކަށްވުރެ ދުވަހެއް އުފުލެމުން ދާތީއެވެ. މިހާރު މިއޮތް ވަރަށް ވުރެ ފޫޓެއް މައްޗަށް ކަނޑުގެ ލޮނުގަނޑު އުފުލުނު ކަމުގައިވިއަސް ދިވެހި ރާއްޖެއަށް ފުނުބެއްދޭ ވަރުގެ ގެއްލުން ތަކާ ކުރިމަތި ލާން ޖެހޭނެއެވެ. ވިސްނާލާށެވެ. މުޅި އޭޝިއާ ބައްރުވަރުވާ ގަނޑު ފެންގަނޑެއް ކަނޑުގެ ތެރެއަށް ވިރުވާ އަޅާލެވޭއިރު ކަނޑުގެ ލޮނުގަނޑު ކިހާ މައްޗަކަށް އުފުލޭނެ ހެއްޔެވެ؟

ވާހަކަ ދައްކައިގެން މިކަމަށް ލިބޭނެ އެއްވެސް ހައްލެއް ނެތެވެ. ނޫސްތަކުގައި މިވާހަކަ ކިތަންމެ ވަރަކަށް ލިޔުނަސް ވާނެ އެއްވެސް ގޮތެއް ނެތެވެ. މަޖިލިސް ކިތަންމެ ވަރަކަށް މިކަމާ ބަހުސް ކުރި ކަމުގައި ވިއަސް ވަކި އެދެވޭ ބަދަލެއް ނާންނާނެއެވެ. މިކަމަށް ހައްލެއް ލިބޭނީ މިދެކެވޭ ވަހަކައިގާ ޢަމަލީ ސިފައެއް ޖެހުނު ދުވަހަކުންނެވެ. ބޭކާރު ގޮތުގައި ހޭދަ ކުރެވޭ ކަރަންޓުގެ މިންވަރު މަދު ކުރާން ވެއްޖެއެވެ. ކޮންމެހެން ބޭނުމެއް ނެތް ތަންތަނުގައި އޭސީ ހަރު ކުރުން ހުއްޓާލަން ވެއްޖެއެވެ. ހިނގާލައިފާ ދެވޭނެ ތަނަތަނަށް ކާރާއި ސައިކަލުގައި ނުދާން ވެއްޖެއެވެ. ނިސްބަތުން ކުޑަ ޤައުމެއް ކަމުގައި ވިއަސް އަހަރެމެންގެ ފަރާތުން ނަމޫނާ ލިބި މިފަދަ އާދަތައް ފަރިތަ ކުރާނީ ކިތައް ބޭރު މީހުން ކަމެއް ނޭނގެއެވެ. ދިވެހި ރާއްޖެ ކާރބަން ނިއުޓްރަލް ޤައުމަކަށް ހަދައިފިނަމަ ބޭރުގެ ކިތައް ޤައުމު ކާރބަން ނިއުޓްރަލް ޤައުމުތަކަށް ވާނެ ކަމެއް ނޭނގެއެވެ. ދުނިޔޭގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށް އޯޒޯން ފަށަލަ ސަލާމަތުން އޮންނަން ޖެހެއެވެ. އެކަމަށް މަސައްކަތް ފަށަންވީ މިއަދުއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close