މަޒުމޫނު

ހުރަވީދުވަސް – ދޮންބަންޑާރައިންގެ ޒިކްރާ

ހުރަވީދުވަސް ނިސްބަތްވެގެން ވަނީ ހޮޅީން ނުވަތަ މަލާބާރިންގެކިބައިން ދިވެހި ގައުމު ސަލާމަތް ކޮށްދެއްވުމަށް ވަރުގަދަ ޖިހާދެއްކުރެއްވި ދޮންބަންޑާރައިން ނުވަތަ އައްސުލްތާނުލް ޣާޒީ ހަސަން އިއްޒުއްދީނަށެވެ. މިއަދު އަޅުގަނޑުމެން މި އާކުރަނީ ދިވެހި ގައުމު އެފަދަ ނުރައްކާތެރި ބިރުވެރި އަނދަވަޅަކުން ސަލާމަތް ކޮށްދެއްވި އެ އަގުހުރި ބަޠަލުގެ މާތް ޒިކުރާއެވެ.

ހިޖުރީގޮތުން 1166 ގެ ސަފަރު މަހުގެ 13 ވަނަދުވަހު ހޮޅިން ރާއްޖެ އަރައި ތަޚްތުގައި އިންނެވި ރަދުން ހައްޔަރުކޮށް އެމީހުންގެ ބާރުގެދަށަށް ގެންދިޔަ ގެންދިޔުން ވެގެންދިޔައީ، ދިވެހިންގެ އެތައް ޢާއިލާތަކަކަށް ހިތްދަތި ކަމާއި، ނިކަމެތިކަން އިންތިހާއަށް ލިބުމަށް މެދުވެރިވިކަމެއްގެ ގޮތުގައެވެ.

ދިވެހިން މިދުވަސް އާދެ ހުރަވީދުވަސް ހުރަވީދުވަހުގެ ނަމުގައި ފާހަގަ ކުރެވެނީ މިދެންނެވި ޚާއިނުން، މަލާބާރީންގެ އަޅުވެތިކަމުން ދިވެހި ގައުމު ސަލާމަތް ކުރެއްވުމުގައި އިސްވެ އެ ވަރުގަދަ ޖިހާދު ކުރެއްވެވި ގައުމީ ބަތަލަކީ ހުރަވީޚާންދާނުގެ ބޭފުޅަކަށް ވީތީ އެވެ.

ދިވެހތާޜީޚުން އެނގެން އޮތް ގޮތުގައި ހޮޅިން މާލެއަރައި މާލޭގެ ބައެއް މިސްކިތްތަކުގައާއި ބައެއް ގެތަކުގައި ހުޅުޖަހައި ރޯކޮށްހެދިއެވެ. އަދި އޭގެއިތުރުން އާންމުންގެ މުދާތައްފޭރިގަތެވެ. އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ދިވެހިންނާމެދު ހިންގިއެވެ. އެތައް ބަޔެއްގެ ލޭއޮހޮރުވާލިއެވެ.

ދިވެހިންނަށް ދިމާވާ މިފަދަ ކޮންމެ ބަނަކަމެއްގެ ފަހަތުގައި ދިވެހިކޮންމެވެސް ބަޔެއްގެ އަތެއްވާފަދައިން މި އަނިޔާވެރިކަމަކަށް ރާއްޖެ ވެއްޓުނީވެސް ދިވެހިންގެ ތެރެއިން ބަޔަކު ވެރިކަމުގެ ދަހިވެތިކަމުގައި ބޭރުގެ ބަޔަކާގުޅުމުގެ ސަބަބުންނެވެ. އެ ބަޣާވާތާއި އެ އަނިޔާވެރިކަން ދިވެހިންނަށް ކުރިމަތިވުމަށް މެދުވެރި ދިވެހީންގެ މަދުމީސްކޮޅަށް އެފަހަރުވެސް ލިބުނީ ކޮޅުކެއްސެވެ. ހޮޅިން ބޭނުންވީ އެމީހުންގެ އަމިއްލަ ވެރިކަމެވެ. އެމީހުންގެ އަމިއްލަ ބާރެވެ. އެހެންކަމުން ހޮޅީންނަށް އެހީތެރިވެދިން ޚާއިނު ދިވެހިންނަށްވެސް ކުރިމަތިލާންޖެހުނީ ހޮޅިންގެ އަނިޔާވެރިކަމާއެވެ.

ވެރިކަމުގެ ދަހިވެތިކަމުގަ މުހައްމަދު ޝަމްސުއްދީނާއި މުހްޔިއްދީނާ ދެމީހުން ހޮޅިން ގެނައިނަމަވެސް ކަންތައް ވެގެންދިޔައީ އެދެމީހުން ހީކުރިގޮތަކަށް ނޫނެވެ. އެދެމީހުންނަށް ވެރިކަން ނުލިބުނުތާގައި ހޮޅިން އެ ދެމީހުން ވެސް މަރައިލީއެވެ.

ހޮޅިންގެ އަނިޔާވެރިކަމުގައި ގާތްގަޑަކަށް ހަތަރުވަރަކަށް މަސް ވަންދެން އޮތުމަށްފަހު ދޮންބަންޑާރައިން ގައުމުގެ ދިފާއުގައި ނުކުންނެވިއެވެ. ދިވެހިގައުމާ ދިވެހިރައްޔިތުންނަށްޓަކާ ހަނގުރާމަކޮށް ހޮޅިން ބަލިކޮށް ރާއްޖެއަށް މިނިވަންކަން ހޯދައި ދެއްވިއެވެ. މިއަދަކީ އެ މަތިވެރި ޒިކުރާގެ ހަނދާން އަޅުގަނޑުމެން އާކުރަމުންދާ ދުވަހެވެ.  

މިފަދަ ދުވަސްތައް ފާހަގަ ކުރުމުގެ ބޭނުމަކީ ދޮންބަންޑާރައިން ކުރެއްވެވި އަގުހުރި މަސައްކަތް ފާހަގޮށް އެގޮތްތައް އާލާކުރުމެވެ. މިއަދު މިގައުމުގެ ދުލުން ގޮވަނީ އެފަދަ ފަރާތަކަށް ނޫންތޯ؟ އެފަދަ ކެރޭ ދިވެހި މުޥާޠިނުން އުފެއްދުމުގައި ޤައުމުގެ ހުރިހާ ފަރުދުން އަތުކުރި އޮޅާލަމާތޯއެވެ. އެއީ ފަރުދީ ޒިންމާއެއް ކަމުގައި ހަދަމާތޯއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close