ރިޕޯޓް

ލަންދޫގައި އެތައްބައިވަރު މަޝްރޫޢުތަކެއް އެއްފަހަރާ ކުރިއަށް!

ނިމިގެން މިދާ 2020 ވަނައަހަރަކީ ކޮވިޑް-19ގެ ސަބަބުން މުޅިދުނިޔެއަށްވެސް ހިތްދަތިކަމާ ތަދުމަނޑުކަން ގެނުވި އަހަރެކެވެ. އެކަމުގެ އަސަރު ދިވެހިރާއްޖެއަށްވެސް ވަނީ ވަރަށްބޮޑަށް ކޮށްފައެވެ.  ރާއްޖޭގެ އިޤްތިޞާދީ މައިތަނބު ފަތުރުވެރިކަން މުޅިން ހުއްޓުނެވެ. ބޭރުފައިސާ ލިބޭނޭ ގޮތްތައް ގާތްގަނޑަކަށް މުޅިންހެން ބަންދުވިއެވެ. ޢާއްމު ދިރިއުޅުމުގެ އެންމެ އަސާސީ ބޭނުންތައްވެސް ފުއްދުމުގައި ރައްޔިތުމީހާ މިއަދުވަނީ އަމިއްލަ ބާރުކެނޑިފައެވެ.

މިފަދަ ދަތި ޙާލަތުގައިވެސް އަދުގެ ސަރުކާރުން ކުރިއަށް ގެންދަވާ ތަރައްޤީގެ މަޝްރޫޢުތަކަށް މަޑުޖެހުމެއް ނާދެއޭ ދެންވުމަކީ ދޮގަކަށް ނުވާނެއެވެ. ރާއްޖޭގެއެކި ކަންކޮޅުތަކުގައި އެކިއެކި ތަފާތު މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްދާކަމީ މިއަދު ލޯކުރިމަތިން ފެންނަމުން ދާ ޙަޤީޤަތެކެވެ.

ލަންދޫގެ މަގުތަކަށް ވެލިއެޅުމުގެ ތެރެއިން / ފޮޓޯ: ފައްޖޭ – އެފްބީ

އެގޮތުން ނ.ލަންދޫގެ ތަރައްޤީގައިވެސް މީގެ ކުރިން ދުވަހަކުވެސް ނުދެކޭފަދަ ދުވަސްވަރެއް މިއަދު މިއޮތީ އައިސްފައެވެ. ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ދިއުމުގައި މިއީ އާދަޔާ ޚިލާފު އަހަރެކޭ ދަންނަވަން މިވަނީ ޖެހިފައެވެ. ތަފާތު އެތައް ބައިވަރު މަޝްރޫޢުތަކެއް އެއްފަހަރާ މިހާ ގިނައިން ލަންދޫގެ ތާޜީޚުވެސް ދެކެފައި ނުވެއޭ ދެންނެވުމަކީ ކުރީގެ ސަރުކާރުތަކަށް ދެންނެވޭ ކުޑައިމީސް ބަހެއްކަމުގައި ނުދެކެމެވެ.

ލަންދޫގައި މިހާރުބޭނުންކުރަމުން އަންނަ 300 ފޫޓްގެ ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް ފެށިގެން ބާރުސްޕީޑްގައި ކުރިއަށް ދާއިރު ރަށުގައި އަލަށް ގޯތިތައް ދޫކުރި ސަރަޙައްދުގައި އަލަށް މަގުތައް ހަދާ އެ މަގުތަކަކަށް ވެލިއެޅުމުގެ މަސައްކަތްވެސް އެދަނީ ކުރިއަށެވެ. އަދި ( ވެލިގަނޑުމަތި ) ޕިކްނިކް އޭރިޔާއެއް ތަރައްޤީކޮށް އެތަނަށް ފަސޭހައިން ދެވޭގޮތަށް ހަދަމުންދާ މަގު ތަރައްޤީ ކުރުމުގެ މަސައްކަތްވެސް އެދަނީ ކުރިއަށެވެ.

އޭގެ އިތުރުން ރަށުތެރޭގައި ފެންހެދޭ މަގުތަކަށް ވެލިއެޅުމުގެ މަސައްކަތް ކުރިއަށް ދާއިރު ކުޑަކުދިންގެ ޒަމާނީ ޕާކެއް ތަރައްޤީކުރުމަށް ބޭނުންވާސާމާނު ރަށަށް އެތެރެކޮށް އެކަމަށްބޭނުންވާ ބިންސާފުކުރުމުގެ އަމަލީ މަސައްކަތްވެސް އެ ދަނީ ކުރިއަށެވެ.

ރަށުގެ ކަރަންޓް ކޭބަލްތައް އެންމެ ޒަމާނީ ޑިސްޓްރިބިއުޝަން ފޮށިތަކަށް ގުޅާލުމުގެ މަސައްކަތްވެސް އެދަނީ ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން މަޑުޖެހުމެއް ނެތިކުރިއަށެވެ.

ކަރަންޓް ކޭބަލްތައް ފޮށިތަކާ ގުޅާލުން / ފޮޓޯ: ފައްޖޭ – އެފްބީ

ޒުވާނުން އިސްނަގައިގެން އަދި މިހާތަނަށް ލަންދޫގައި ކުރިއަށް ގެންދެވޭ އެންމެ ބިޔަ މަޝްރޫޢު ނޭޗަރޕާކް ( ކުޅިދޮށު ޕާކް ) ގެ ނަމުގައި ލޯކަލް ޓޫރިޒަމަށް އަމާޒުކޮށްގެން ތަރައްޤީކުރާ ޕާކްގެ މަސައްކަތްވެސް ފަތުއަޑު ކިޔާފައި އެދަނީ ކުރިއަށެވެ.

މިހުންނަނީ އެންމެންގެ ލޯމައްޗަށް ފެންނަންހުރި އަދި އެމަޝްރޫޢުތަކެއްގެ މަސައްކަތް އެއްވެސް މަޑުޖެހުމެއްނެތި ނ.ލަންދޫގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކެވެ. މި ފަދަ ބޮޑެތި މަސައްކަތްތަކެއް މިހާދަތި ދުވަސްވަރެއްގައި ނަމަވެސް ކުރިއަށް ގެންދާތީ އަދުގެ ސަރުކާރަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާކުރަމުންދާ އެތައްބައިވަރު ރައްޔިތުން މިއަދު ލަންދޫގައި އެބަތިބޫއެވެ.

ލަންދޫގައި ތަރައްޤީ ކުރާ ޕާކް / ފޮޓޯ: ޔެރިމޯލްޑިވްސް

މިހުރިހާ މަސައްކަތެއްމެ މާތްﷲގެ ވާގިފުޅާއެކު ކުރިއަށް ދާއިރު ހުރިހާ ޝުކުރެއްގެ ޙައްޤުވެރިންނަކީ ލަންދޫ ރައްޔިތުން ދެކޭގޮތުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އާއި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަޙްމަދު ހާރުނެވެ. އެބޭފުޅުންގެ ހިތްޕުޅުގައި ލަންދުއަށް އޮތް ޚާއްޞަ ޤަދަރެއްގެ ސަބަބުން ނޫނީ މިހާގިނަ މަޝްރޫޢުތައް އެއްފަހަރާ ހުއްޓުމެއްނެތި ނުދާނޭކަމަށް ލަންދޫގެ ގިނަބަޔަކު މިހާރު ޤަބޫލުކުރެއެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close