ވާހަކަ ޒިންމާ

ޒިންމާ

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

މުޙައްމަދު މައިޝަން

އޭ! ސްލިމް! ކައެ އޯކޭ؟ ތަދުވި ތަ؟

އަހަރެން ހޭއެރީ ބޮބް އަހަންނާ ވާހަކަ ދައްކާތީއެވެ. ކްލަބް ތެރެއަށް ހޭނެތިގެން ވެއްޓުނީއެވެ. ބޯންހުރި ރާފުޅި ކައިރީގައި ތެޅިފައިއޮތެވެ. ޖަހައިފައިހުރި ލަވައިގެ އަޑުގަދަކަމުން ދައްކަ ވާހަކަވެސް ރަނގަޅަށް އަޑުނީވެއެވެ. އެކި ދިމަދިމައިގާ ހުރި ބޮކި ތަކުން ތަނުގައި ފަނޑު އައްޔެއް ހުރި ނަމަވެސް  ވާނުވާއެއް ވަކިކުރާކަށް ނޭނގެއެވެ. ރާ ބޮވުނުލެއް ގިނަ ކަމުން ލޮލަށް ފެންނަނީ ނުސާފު ކޮށްނެވެ.

ދެމެމުން ކޫއްތެމުން ކަހަލަ ގޮތަކަށް ބޮބްއާއި އެކު ދިރިއުޅޭ ގެއާހަމައަށް ދެވުނެވެ. ނިދާލަން ވެގެން  ކޮޓަރިއާ ހަމައަށް ނުދެވިގެން އުޅެނިކޮށް ދޮންބައްޕަގެ އަޑު ކަންފަތުގައި ޖެހުނެވެ. ހަމައެއާއެކު  ކާގެ ތެރެއިން އެއްޗެއް ތެޅުނު އަޑު އިވުނެވެ. އެއާއެކު މަންމަގެ ހަޅޭކުގެ އަޑުވެސް ކަންފަތުގައި ޖެހުނެވެ. ބަލާކަށް ނުހުރެ ކާން ތައްޔާރު ކޮށްފައި ހުރި މޭޒު ގާތަށް ދިޔައީމެވެ. އޭރު ދޮންބައްޕަގެ އަތުގައި ތެޅިފައި އޮތް ފުޅިއެއް އޮތެވެ. މަންމަގެ ބޮލުން ހޯސް ލައިފާ ލޭ އާދެއެވެ. ދޮންބައްޕަގެ އަނިޔާއަށް މަންމަ ކެތް ކޮށްގެން ހުންނަތާ ލައްކަ ދުވަސް ވެއްޖެއެވެ. ނަމަވެސް އަހަރެން އެއްޗެކޭ ނުބުނަނީ ގެތެރޭގެ މަސްލަހަތަށް ޓަކައެވެ.

އަހަރެން އެތަނާ އަރާ ހަމަވި ތަނާ ދޮންބައްޕަ އަހަންނާ ދިމާލަށް އަންނަން ފެށިއެވެ. ރަތް ގެރި، ރަތް ކުލަ ފެނުމުން މޮޔަ ވާހެން އަހަރެން ފެނުމުން އެކަލޭގެވެސް މޮޔަވެއެވެ. ބަލާކަށް ނުހުރެ ގޮސް މުއްކަވާފައި މުލައްދަނޑިއަށް ލެވުނުހާ ބާރެއް ލައިފާ އޭނާގެ ނޯށް މަތީގައި ބާރު ދެތިން އެތިފަހަރު ޖެހީމެވެ. އަދި އަހަރެން ދިރިއުޅޭ ތަނުން ނިކުމެގެން ދިޔުމަށް ބުނީމެވެ. އޭނަގެ އަންނައުނުތައް ގެންގޮސް ބޭރަށް އުކާލީމެވެ. ސިންގާގެ ކުރިމަތީގައި ވަލު ކުއްތާއެއް ނިކަމެތިވެގެން ދާ ފަދައިން އޭނާ އެތަނުން ނިކުމެގެން ދިޔައެވެ.

އާނއެކެވެ. އަހަންނަކީ މިތަނުގެ ސިންގާއެވެ. މިކުޑަކުޑަ ވަލުގެ ރަސްގެފާނެވެ. އަވަށު ތެރޭގެ  އެންމެން އިޙްތިރާމު ކުރާ މީހެކެވެ. ލިޔާ މޮޅެތި ލަވަތަކުގެ އިތުރުން “ތަގުން”ގެ މެދުގައި ނަން ހިނގާ މީހަކަށް ވާތީއެވެ. އެންމެ އިނގިއްޔެއްގެ އިޝާރަތުން ކޮންމެ މީހެއްގެ ދުވަސްވެސް ދުއްވާލެވޭ ފެންވަރުގެ މީހަކަށް ވާތީއެވެ. ނަމަވެސް މިވަލަށް އަންނާން އޮތް ބޮޑު ތޫފާން އަހަންނަށް ނުފެންނަ ކަހަލައެވެ. އުފަލާއި އަރާމުގައި ދުވަސް މިވޭތު ކޮށްލަނީ ހަރާން ލާރިން ކައި ބޮއެގެނެވެ. ނުވީތާކަށް އަހަރެންގެ ލޮލުގެ ފިނިކަން ކަމުގައިވާ ލޯބިވާ ދަރިފުޅު ސާރާއަށް ވެސް މިކާންދެވެނީ ހުސް ހަރާން މުޅަތަކެއްޗެވެ. ނޭންގުމެއްގެ ތެރޭގައެވެ.

އަނެއް ދުވަހުގެ މެންދުރެވެ. އަހަންނަށް ހޭލެވުނީ ފޯނު ރިންގުވާތީއެވެ. ސްކްރީން ހުޅުވާ ބަލާލިއިރު ގުޅަނީ ބޮބްއެވެ.

އަހަރެން:  އޭ އާން!! ކީކޭ؟؟

ބޮބް: ސްޓޫޑިއޯ ހުޅުވަން އަންނާށޭ!! ޖަސްޓިންއާ އެޑްއާ މިހާރު  އެބަ ތިބި ބުންވެފަ!!

އަހަރެން: އާން ދޯ!؟ މިކައިރި ކުރީ.

ބޮބް: ކޮންމެ ދުވަހަކު ކައެ ހަދަނީ ތިހެންނޭ! ކައެ އެކަނި ލަވަ ނެރުނަސް ނެތޭ މިކަން ވާކަށް، އެމީހުންނަށް ވެސް ފުރުސަތެއް ދޭންޖެހެއޭ އެބަ. މިރޭ ޓްރީޓު ވެސް ދޭން ޖެހޭނެ ކައެ!!

އަހަރެން:އެހެންވެސް ވޭތަ އަދި؟ ބޯން ބޭނުމިއްޔާ އަމިއްލައަށް ގަނެގެން ބޮއެބަ!!

ފޯނު ކަނޑަލައިފާ މަތި ހަދައިލާގެން ސްޓޫޑިޔޯއާ ދިމާލަށް މިސްރާބު ޖެހީމެވެ. ބީކޭއިން ހެނދުނުގެ ނާސްތާ ނަގައިގެން ކައިރިގައި އިން ޖޭޑީ ފުޅިން އެތިކޮޅެއް ބޮއެލަމުން ކާރު ދުއްވާލީމެވެ. އަވަށަކީ ކުޑަ ކުޑަ ތަނަކަށް ވާތީ ސްޓޫޑިއޯއާ ހަމައަށް ދާން ވީ ކުޑަ އިރު ކޮޅެކެވެ. ސްޓޫޑިއޯ ދޮރު މައްޗަށް އަރާފައި އިރުކޮޅެއް ވީތަނާ އަނެއްކާ މީހަކު ގުޅިއެވެ. ބޮބްމެން ފެންނަން ނެތުމުން އިރުކޮޅަކު މަޑުކޮށްލާނީއޭ ހިތާ ފޯނު ނަގާ ކަންފަތުގައި ޖެހީމެވެ. ވާހަކަ ދެއްކީ ބަރު އަޑެއްގެ ވެރިއެކެވެ. ދެތިން ބުރު އެހުމުންވެސް ނަމެއް ނުބުންޏެވެ.

އެމީހާ: ކޮންތާކު ތިހިރީ؟

އަހަރެން: އެސް  އެން ބީ ކުރިމަތީ، ކިހިނެއް ވީ؟

އެމިހާ: ތިތާ މަޑު ކުރޭ، މަމެން އެބަ ދަން.

އަހަރެން: ކާކު ތީ؟

އެމީހާ: ކައެގެ ނިމުން. “އިޓްސް ޔުއަރ އެންޑް ބްރޯ! ދި އެންޑް!”

އަހަރެން: ހަހަ! އަވަސް ކުރާތި ތިހެންޔާ.

ފޯނު ކަނޑާލީ ބޮބްމެން ކުރި ސަމާސާއެއް ކަމަށް ހީކޮށްފައެވެ. ނަމަވެސް ކަންތައްވީ މުޅިން އިދިކޮޅަށެވެ. މާދުރުން އަންނަ ފެހި ކުލައިގެ ކާރެއް އަހަރެންގެ ލޮލުގައި އަޅައި ގަތެވެ. މާބާރަށް ދުއްވާފައި އަންނާތީއެވެ. ދުވާރު މަތީގައި ހުއްޓިގެން ހުރީ ކާރުގެ ނަލަކަމަށް ގެއްލިފައެވެ. އެގޮތަށް ހުއްޓާ ކާރު އައިސް އަނެއް ފަޅީ ދުވާރު ކައިރިއަށް މަޑު ކޮށްލިއެވެ. އަހަރެންގެ ކުރިމައްޗަށް ވާގޮތަށެވެ. އޭގެ ފަހަތު ދޮރުފަތުގެ ލޯގަނޑުން ބޯދިއްކޮއްލީ ދެކިފަރިތަވެފައި ހުރި މީހެކެވެ. އަހަރެންގެ ދޮންބައްޕައެވެ. ދޮރު ހުޅުވާލުމަށްފަހު އޭކޭ47 އެއް ނަގާ އަހަންނާ ދިމާލަށް ސީދާ ކޮށްލިއެވެ. ފަތި ފައްޗަށް ވަޒަންތައް ފޮނުވާލުމުގެ ކުރިން  އަހަރެން ދުވަން މަސައްކަތް ކުރީމެވެ. ނަމަވެސް ވަޒަނެއް އަހަރެންގެ މައިބަދަ އާ ސީދާވިއެވެ. ފަހަތުން ޕޮލިސް ކާރުގެ ސައިރެންގެ އަޑު އިވުނެވެ. އެއާއެކު އެކާރު ދުއްވާލިއެވެ. އެއީ އެންމެ ފަހުން ފެނުނު މަންޒަރެވެ.

ހޭއެރި އިރު އަހަރެން އޮތީ ހަސްފަތާލުގައެވެ. ކައިރީގައި ރެކޯރޑް ލޭބަލްގެ ހުރިހާ އާޓިސްޓުންނާއި ލޯބިވާ މަންމަ ބޮބް އަދި ސާރާ ހުއްޓެވެ. އަހަރެން ތެދުވެ އިނދެވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް ފަޔަށް ވާގި ލެވޭގޮތެއް ނުވިއެވެ. ސާރާގެ ލޮލުން ހޯސް ލާފައި ކަރުނަ އޮހިގަތެވެ. އެއާއެކު ބޮބް އޭނަ ގޮވައިގެން އެތަނުން ބޭރަށް ނިކުތެވެ. ޑަކުޓަރީ ރިޕޯޓުން ދައްކާ ގޮތުގައި އަހަރެންގެ މައި ބަދަ އަށް ވަނީ އަލުން ރަނގަޅު ނުކުރެވޭ ވަރަށް ގެއްލުން ލިބިފައެވެ. އޭގެ ސަބަބުން އުނަގަނޑުން ތިރި ވަނީ ވާވެސް ވެފައެވެ. ފުލުހުން އަހަންނަށް ދިން މަޢުލޫމާތު ރަނގަޅު ނަމަ އެފެހިކުލައިގެ ކާރުގައި ތިބީ ވެސްޓްސައިޑަށް ނިސްބަތްވާ މީހުންނެވެ. އަހަރެންގެ ދޮންބައްޕަ އަކީ އެހިސާބުގެ ބޮޑެކެވެ. މިކަމަކީ ކުރިންރޭ ދެވުނު ހަމަލާގެ ބަދަލެއްގެ ގޮތުން އެމީހުން ކުރި ކަމެކެވެ. އަދި އެއެންމެން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. 

އަހަރެންނަށް ވިސްނުނީ ސްޓޫޑިޔޯއާ ދޭތެރޭއެއް ނޫނެވެ. ސާރާއާ މެދުގައެވެ. ފައިގެ ބޭނުން ނުކޮށްވެސް ލަވަކީ ދާނެވެ. ނަމަވެސް ސާރާއަށް އެންމެ ބޭނުންޖެހޭ ދުވަހު އަހަރެން މިހުރީ ނުކުޅެދޭ މީހަކަށް ވެފައެވެ. އޭނާ ސްކޫލު  ދައުރު ނިމެން އަހަރަކަށް ވެފައި ވަނިކޮށް މިލިބުނީ ހާދަ ބޮޑު ދެރައެކެވެ. އޭނާއަށް ބައްޕައެއްގެ ފަރާތުން ލިބެންވާ ހާދަ ބައިވަރު ކަމެއް މަދުވާނެއެވެ. މަންމައެއްގެ ލޯބި ހޯދައި ނުދެވުނު އިރު ބައްޕައެއްގެ ލޯބިންވެސް ބައެއް އުނިވީއެވެ. ބޭނުން ޖެހޭ ވަގުތު އަހަންނަށް އޭނާއަށް ރައްކާތެރިކަން ނުދެވިއްޖެނަމަ ކަންތައް ވާނެ ގޮތް ހިތަށް ގެންނަންވެސް ދައްޗެވެ. އެރޭ މަސްތުގެ ހާލުގައި ގެއަށް ނުދެވުނު ނަމަ މިހެން ނުވީހެވެ. މަންމައާ އޭނަ އިންނަން އެއްބަސް ނުވެވުނު ނަމަ މިހެން ނުވީހެވެ. ހުރިހާ ކަމެއްގެވެސް ޒިންމާ ނަގަން ޖެހޭނީ އަހަންނެވެ.           

{ނިމުނީ}

ޓެގް

ކުރުވާހަކަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.