ޚަބަރު ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ނުފެންނަކަމަށް އިލްޔާސް ލަބީބު ވިދާޅުވެއްޖެ

ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ނުފެންނަކަމަށް އިލްޔާސް ލަބީބު ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ނުފެންނަކަމަށް އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްވެސް ދެ ފެކްޝަނަކަށް ބައިވެފައިވާ މިދަނޑިވަޅުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސިޔާސަތުތައް މިހާރު ބަދަލުވެފައިވާ ގޮތުން އިތުރު ދައުރެއް ދޭން ނުފެންނަކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނާއި، ވިޔަފާރިވެރިން ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގައި ޓެކްސް ބޮޑު ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާއި ގުޅޭގޮތުން މިއަދު މުޅި މަޖިލީހުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ ޓެކްސް ބޮޑު ކުރަން ނިންމީ އޭގެ ކުރީން ކުރަން ޖެހޭ އެއްވެސް ކަމެއް ނުކޮށް ކަމަށެވެ. ދައުލަތަށް ނުލިބިވާ 15 ބިލިއަން ރުފިޔާ އެބަހުރި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވިއިރު އެ ފައިސާ ދައުލަތަށް ހޯދަން ސަރުކާރަށް ނޭގުނު ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުން ގެއްލުނު ފައިސާ އާއި ވެންޓިލޭޓަރު ހިޔާނާތުން ގެއްލުނު ފައިސާ ހޯދަންވެސް ސަރުކާރަށް ނޭންގުނު ކަމަށެވެ.

އެސްއޯއީތަކުން ބޭކާރު ގޮތުގައި އިސްރާފު ކުރާ އިސްރާފު ކުރުން ހުއްޓުވާކަށް ނޭންގުނު. ފްލެޓްތަކާއި ބިންތަކުން ރެންޓް ނުލިބޭތީ އެ ލާރި ހޯދާކަށް ނޭންގުނު. އާސަންދަ އާއި އެންސްޕާއިން ކުރާ އިސްރާފު ހުއްޓުވާކަށް މި ސަރުކާރަކަށް ނޭންގުނު.

– އިލްޔާސް ލަބީބް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ ޓެކްސް ބޮޑު ކުރުމުން ރައްޔިތުންނަށް ވާނީ ފައިދާކަމަށް ބުނެ ވާހަކަ ދައްކަވާ މެމްބަރުން ވާހަކަ ދައްކަވަނީ ކޮން ހަގީގަތެއްގެ މައްޗަށް ބިނާކޮށް ކަމެއް ނޭގޭކަމަށެވެ. މަޖިލިސްގައި އެމްޑީޕީގެ ސާފު މެޖޯރިޓީއެއް އޮތުމަކީ ރައްޔިތުންނަށް ހިތުހުރި ގޮތެއް ހަދަންޖެހޭ ސަބަބެއް ނޫންކަމަށާއި، ކަންކަމުގައި މަޝްވަރާ ކުރުމާއި ރައްޔިތުންގެ ޚިޔާލާއި އެއްގޮތަށް ނޫނީ ކަންކަން ކުރުމަކީ ތާއީދު ކުރާނެ ކަމެއްނޫންކަމަށް އިލްޔާސް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ މަޖިލިސްގައި ހިމެނޭ އެމްޑީޕީ 65 މެމްބަރުންގެ ތެރެއިން ފިނޭންސް މިނިސްޓަރާއި ރައީސުލްޖުމްހޫރިއްޔާ މިކަންކަމުގެ މައުލޫމާތު ދެއްވަނީ ވަކި މެމްބަރުންތަކަކަށް ކަމަށާއި، އެމެމްބަރުންނަށް އެކަނި ދޭ މައުލޫމާތަކި މުޅި ރައްޔިތުން އޭގައި ޝާމިލުވާނެ ކަމެއްނޫންކަމަށެވެ. ބައެއް މެމްބަރުން ވިދާޅުވާގޮތުން ޓެކްސް ބޮޑު ކުރުމުން ރައްޔިތުންނަށް ބުރަ އުފުލަންޖެހޭ ވަރު އެކި ވަރަށް ވިދާޅުވަމުންދާތީ މިކަމުގެ ހަގީގަތް ސާފުވާންޖެހޭކަމަށް އިލްޔާސް ވިދާޅުވިއެވެ.

މިސަބަބުތަކަށްޓަކައި އަޅުގަނޑު މި ދަންނަވަނީ ދެވަނަ ދައުރެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކަށް ދޭކަށް އަޅުގަނޑަކަށް ނުފެނޭ.

– އިލްޔާސް ވިދާޅުވިއެވެ.

ޓެކްސް ބޮޑު ކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، މަޓީންނާއި، ގެސްޓް ހައުސް އެސޯސިއޭޝަނާއި، ރާއްޖޭގެ ރިސޯޓްތަކުގެ ވިޔަފާރިވެރިން ދަނީ ޓެކްސް ބޮޑުކުރުމަށް މަދުވެސް 12 މަސް ދުވަހުގެ މުއްދަތެއް ދިނުމަށް އެދިފައެވެ. ނަމަވެސް ސަރުކާރުން ނިންމާފައިވަނީ އަންނަ އަަހަރު ފެށޭއިރު ޖީއެސްޓީއާއި، ޓީޖީއެސްޓީ ބޮޑުކުރުމަށެވެ.

ޓެގް

އިލްޔާސް ލަބީބް ރައީސްއިބްރާހިމްމުޙައްމަދުޞޯލިޙު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.