ވަޓްސްއެޕް މެދުވެރިކޮށް މަކަރާއި ހީލަތުން 32،000 ރުފިޔާ އަތުލި މައްސަލައެއްގައި ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގަށްފަހު ތިން މީހަކު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމައިފިއެވެ. މި މަހުގެ 13 ވަނަ ދުވަހު ރިޕޯޓުކުރި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރާއި 46 އަހަރާ ދެމެދުގެ ތިން ފިރިހެނުންނެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ހ. ވެލަސްފަރުގެ، ހުސައިން ސާމިރު (40އ) އާއި، ދަފްތަރު ނަންބަރު ރސ 6007، މުހައްމަދު ރީހާން (33އ) އަދި ހ. ޖޯޖެޑްވިލާ، އަހްމަދު ސުޖާއު (46އ) އެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހުސައިން ސާމިރު އާއި އަހްމަދު ސުޖާއު 15 ދުވަހަށް އަދި މުހައްމަދު ރީހާން 7 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އޮންލައިން ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން، ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން، އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ވިއްސައި ހިންގާއިރު މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ބޭންކިން ތަފުސީލާއި ޒާތީ މައުލޫމާތު އެހެން މީހުންނަށް ހާމަނުކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ.
މަކަރާއި ހީލަތުގެ އެއްވެސް އަމަލެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...