ޚަބަރު ރާއްޖޭގައި ޓޫރިޒަމަށް އަލަށް ދޫކުރާ ރަށްތައް މާދަމާ އިޢުލާންކުރާނީ ދުބާއީ އެކްސްޕޯ 2020 ގައި

ރާއްޖޭގައި ޓޫރިޒަމަށް އަލަށް ދޫކުރާ ރަށްތައް މާދަމާ އިޢުލާންކުރާނީ ދުބާއީ އެކްސްޕޯ 2020 ގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި ޓޫރިޒަމަށް ދޫކުރާ ރައްތައް މާދަމާ އިޢުލާން ކުރާ ގޮތަށް ހަމަޖެހިއްޖެ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން ހާމަ ކުރައްވައިފިއެވެ.

ޓޫރިޒަމް ތަރައްޤީކުރާ ރަށްތައް އިއުލާންކުރުން އޮންނާނީ މިހާރު ދުބާއީގައި ކުރިއަށްދާ ދުބާއީ އެކްސްޕޯ 2020ގައި ބާއްވާ ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމްގައެވެ.

ދައުލަތުގެ މީޑިއާއާއި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވީ، ރިސޯޓް ތަރައްޤީކުރުމަށް އައު ރަށްތަކެއް މާދަމާ އިއުލާންކުރެވޭނެކަމަށެވެ. އަދި އެރަށްތަކަށް ބިޑު ހުށައެޅުމުގެ މުއްދަތު ކުރީފަހަރުތަކާއި ޚިލާފަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށާއި، އިންވެސްޓަރުންނާއި ބޭންކުތަކަށް އެރަށްތައް ބަލާލުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ބިޑަށް ހުޅުވާލަނީ ކިތައް ރަށްކަމެއް މިނިސްޓަރ ވިދާޅެއް ނުވެއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް މިދުވަސްވަރު އިންވެސްޓްމަންޓްތައް ވަރަށް މުހިންމުކަމަށެވެ. އެހެންކަމުން ދުބާއީ އެކްސްޕޯއިން ހާސިލްކުރަން ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ ރާއްޖެއަށް އިންވެސްޓްމަންޓްތައް ހޯދުމާއި ފަތުރުވެރިންގެ ޢަދަދު އިތުރުކުރުންކަމަށެވެ.

ރައީސްގެ ސިޔާސަތަކީ މުޅި ރާއްޖެއަށް ޓޫރިޒަމް ފުޅާކުރުންކަން ފާހަގަކުރައްވާ ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ، ހޯމް ސްޓޭ ތައާރަފްކުރެވިގެންދާއިރު ގިނަ އެއަރޕޯޓްތަކެއް އަދިވެސް ބޭނުންވާކަމަށެވެ. އެހެންކަމުން މިފަހަރު މިރަށްތައް ބިޑަށް ހުޅުވާލައިގެން ކާމިޔާބު ބިޑަކަށް ވާނެކަމަށް އުއްމީދުކުރެވޭކަމަށެވެ. ސަރުކާރުން ނިންމާފައިވަނީ ޓޫރިޒަމަށް އާ ރަށްތައް ނެރޭއިރު ޓޫރިޒަމް ނެތް ސަރަހައްދުތަކަށް އިސްކަން ދިނުމަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދުބާއީގައި މިހާރުކުރިއަށްދާ އެކްސްޕޯގައި އިންވެސްޓްމަންޓް ފޯރަމްގެ އިތުރުން ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތަކާއި ބެހޭގޮތުން ޚާއްޞަ ޕެނަލް ޑިސްކަޝަނެއްވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ޕެނަލްގައި ރާއްޖޭގެ ހަތަރު ވަޒީރުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ޓެގް

ޓޫރިޒަމް ރައީސްއިބްރާހިމްމުޙައްމަދުޞޯލިޙު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.