ޚަބަރު ފުނަދޫ އަލިފާނުގެ ހާދިސާގައި އެހީތެރިވި ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރައްވައިފި

ފުނަދޫ އަލިފާނުގެ ހާދިސާގައި އެހީތެރިވި ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރައްވައިފި

ފުނަދޫ އަލިފާނުގެ ހާދިސާގައި އެހީތެރިވި ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރައްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ށ. ފުނަދޫގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ޚަބަރު އަޑުއެއްސެވީ ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާއެކު ކަމަށާއި، މިފަދަ ހާލަތްތަކުން ގައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވުން އެދި ދުޢާ ދަންނަވާ ކަމަށެވެ.

މިއަދު ހެނދުނު 8:00 ހާއިރު ފުނަދޫ ބަނދަރު ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި ރޯވި އަލިފާންގަނޑު މުޅިން ކޮންޓްރޯލް ކުރެވުނީ ހެނދުނު 11:58 ހާއިރުގައެވެ. މި ހާދިސާގައި ފަސް ގެއަށް އަދި ހަތަރު ވޯކްޝޮޕް/ގުދަނަށް އަސަރުކޮށްފައިވާއިރު، އެއްގެއަކަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވެއެވެ. އަދި 15 ގެޔަކަށް ދުމުގެ އަސަރުކޮށްފައިވެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 33 ރައްޔިތުން ވަނީ އެހެން ތަންތަނަށް ބަދަލުކޮށްފައެވެ. އަދި 18 މީހަކަށް ދުމުގެ އަސަރުކޮށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވީ ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ހާދިސާއާ ގުޅިގެން ފުނަދޫ ސްކޫލުވެސް މިއަދަށް ވަނީ ބަންދުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ކުއްލި ހާލަތުގައި ވަގުތުން އިޖާބަދެއްވައި، ފުރާނައާއި މުދާ ސަލާމަތްކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި، ދިވެހި ފުލުހުންގެ ޚިދުމަތަށާއި، ފުނަދޫ އެއާޕޯޓު، މާފަރު އެއާޕޯޓު އަދި ޖޭ.ޑަބްލިޔު މެރިއޮޓުގެ ފަޔަރ އެންޑް ރެސްކިޔު ޓީމުތަކަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. މީގެ އިތުރުން، ށ. އަތޮޅު ހޮސްޕިޓަލާއި، ޤައުމީ ކެޑޭޓްކޯއާއި، ފުނަދޫ ކައުންސިލާއި، ސަރުކާރުގެ އިދާރާތަކާއި، ހާއްސަކޮށް ފުނަދޫގެ ހިތްވަރުގަދަ ރައްޔިތުންނަށް ދެއްވި އެއްބާރުލުމަށްވެސް އެމަނިކުފާނު ވަނީ އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.

ރައީސް ވިދާޅުވީ، ހާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންނެވުމުގެ އިތުރުން، މުދަލަށް ގެއްލުން ލިބުނު ފަރާތްތަކަށް އަވަހަށް އާންމު ހާލަތަކަށް ރުޖޫއަވުމުގެ އުންމީދު ފާޅުކުރައްވައި، އެ ފަރާތްތަކުގެ އާއިލާތަކަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދި ދުޢާކުރައްވާ ކަމަށެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަލިފާނުގެ ހާދިސާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.