ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ބާރުވެރިކުރުވުމުގެ ގޮތުން، ޓެކްސް ފްރީ ޒޯންތަކެއް ގާއިމުކުރުން ހިމެނޭހެން މުހިންމު ފަސް ލުޔެއް ދެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
މިކަން އިއުލާނު ކުރެއްވީ ބާސެލޯ ނަސަންދުރައިގައި ބޭއްވި "މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ތަންފީޒުކުރަން ފަށާ މި ނިންމުންތަކުގެ މައިގަނޑު މަގުސޫދަކީ އާންމު ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވެ، ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ ފަހި މާހައުލެއް ބިނާކޮށްދިނުން ކަމަށެވެ.
ސަރުކާރުން ތައާރަފުކުރާ މައިގަނޑު ލުއިތަކުގެ ތެރޭގައި:
ބީއެމްއެލް ޕޭމަންޓް ގޭޓްވޭ: ނޮވެމްބަރު 1 އިން ފެށިގެން ދުނިޔޭގެ ކޮންމެ ތަނަކުން ވިޔަފާރިކުރި ނަމަވެސް، ޑޮލަރުން ފައިސާ ލިބޭނެ ގޮތް ހަމަޖެހި، ރާއްޖެއިން ބޭރުން ހިދުމަތާއި މުދާ ހޯދަން ރެމިޓެންސް މެދުވެރިކޮށް އެ ފައިސާ ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
ޓެކްސް ފްރީ ޒޯންތައް: އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ތިން އަހަރުގެ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި އައްޑޫ ސިޓީގައި ޓެކްސް ފްރީ ޒޯނެއް ގާއިމުކުރުން. މި ޒޯނުގައި ސަރުކާރުން ދޫކުރާ ބިމުން ކުލި ނުނެގުމާއި، ބީޕީޓީ އަދި އިންކަމް ޓެކްސް މައާފްކޮށްދިނުމުގެ އިތުރުން ކޯޓާ ފީގެ ލުއިތައް ލިބިގެންދާނެއެވެ.
ޓެކްސް އޮފްސެޓް އަދި ޖީއެސްޓީ ތްރެޝްހޯލްޑް: ސަރުކާރުން ކުދި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާއިން އެ ފަރާތްތަކުން ދައްކަންޖެހޭ ޓެކްސް ކަނޑައި އޮފްސެޓް ކޮށްދިނުމާއި، ޖީއެސްޓީ ދައްކަންޖެހޭ އެންމެ ދަށް މިންވަރު 1 މިލިއަނުން 1.5 މިލިއަން ރުފިޔާއަށް މަތިކުރުން.
ރޯ މެޓީރިއަލްގެ ޑިއުޓީ ކަނޑާލުން: އުފެއްދުންތެރިކަމަށް އެތެރެކުރާ ރޯ މެޓީރިއަލްތަކުން ޖެނުއަރީ 1 އިން ފެށިގެން އިމްޕޯޓް ޑިއުޓީ މުޅިން ކަނޑާލުމަށް ބޭނުންވާ ގާނޫނީ އިސްލާހުތައް ގެނައުން.
ޒުވާނުންގެ ލޯން ސްކީމް: ޒުވާން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ދޫކުރާ ލޯން ސްކީމުގެ ދެވަނަ ފިޔަވަހި ނޮވެމްބަރު މަހުގެ ތެރޭގައި ހުޅުވާލުން.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ފިޔަވަޅުތަކަކީ ޤައުމުގެ އިޤުތިޞާދު ވަށައިޖެހޭ ގޮތެއްގައި ބިނާކޮށް، ދިވެހި އުފެއްދުންތެރިންނާއި ވިޔަފާރިވެރިންގެ ކުރިއެރުމަށް މަގުކޮށައިދިނުމަށް އެޅޭ ނުހަނު ބޭނުންތެރި ފިޔަވަޅުތަކެއް ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...