ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި މީހާގެ ކުއްލި މައްސަލަ ބޭރުކޮށްލައިފި


ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ ގެންދިޔަ ފަހުން ކުއްލިއަަކަށް މަރުވި މީހާގެ މައްސަލާގައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

އެ މަރުގައި ފުލުހުންގެ އިހުމާލުއޮތް ކަމަށް ބުނެ މިއަދުގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލީ ވޯޓުގައި ބައިވެރިވި 43 މެމްބަރުންގެ ތެރެއިން 26 މެމްބަރެއްގެ ވޯޓާއިއެކު އެވެ. ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓުދިނީ 17 މެމްބަރުން ނެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މިއަދުގެ މަޖިލިސް ފެށުމާއިއެކު ހުށަހެޅި ކުއްލި މައްސަލާގައި ބުނެފައިވަނީ، ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ އިއްޔެ މެންދުރުގެ ވަގުތެއްގައި، ގދ. ހޯޑެއްދޫއިން ކަމަށެވެ.

އޭނާ ހައްޔަރުކޮށްގެން ގެންދިޔަ ވަގުތު މެޔަށް ދަތުވާ ވާހަކަ ބުނެފައިވާ ކަމަށާއި، ޑޮކްޓަރަށް ގެންދިޔުމަށް އާދޭސްކުރަމުންދިޔަ މަންޒަރު އެވަގުތު ހޯޑެއްދޫ ބަނދަރުގައި ތިބި ރައްޔިތުންނަށްވެސް ފެނިފައިވާ ކަަމަށެވެ.

އަދި އެވަގުތު އޭނާ ލޯންޗުތެރެއަށް ވެއްޓި އޭނާ އޮތް ހާލަތު ދާއިރާގެ ޒިންމާދާރު ފަރާތްތަކަކަށް ފެނި އޭނާ ހޮސްޕިޓަލަށް ގެންދަން އެދިފައިވާއިރު އޭގެ އެތައްއިރެއްފަހުން ކައިރީގައި އޮންނަ މަޑަވެލީގެ ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ޝިޔާމުގެ ކުއްލި މައްސަލާގައި ވެއެވެ.

އެހެންކަމުން އެ ކުއްލި މައްސަލަ ހުށަހެޅި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ އޭނާ މަރުވުމުގައި ފުލުހުންގެ އިހުމާލު ވަރަށް ބޮޑަށް އޮތްކަމަށް ފެންނާތީ އެވެ.

”އަދި ޑޮކްޓަރަށް ދެއްކުމަށް އާދޭސް ކުރަމުންދަނިކޮށް މިފަދަ ގޮތަކަށް އެއްވެސް އިންސާނަކާއިމެދު އަމަލުކުރުމަކީ އިންސާނިއްޔަތުކަމުގެ މިންގަނޑުންވެސް ކޮށްގެން ވާނެ ކަމަކަށް ނުވާތީ އާއި އަދި އެކިއެކި މަސްދަރުތަކުންވެސް ފުލުހުން އޭނާ އާއިމެދު އިހާނެތިކޮށް އަމަލުކޮށްފައިވާކަން އިނގޭތީ މިމައްސަލާގައި ކަން ހިނގާފައިވާގޮތުގެ ހަގީގަތް ދެނެގަތުމަށްޓަކައި ބޮޑީކެމް ފުޓޭޖު ބަލައި ހާމަކުރުމަށާއި މިމައްސަލަ އަވަހަށް އިންސާފުވެރިކަމާއިއެކު ބެލުމަށް ގޮވާލަމެވެ.“ ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން މަރުވެފައިވަނީ، ގދ. ހޯނޑެއްދޫއަށް ނިސްބަތްވާ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، އިއްޔެ ފުލުހުން ހޯނޑެއްދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން ނެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ މެޔަށް ތަދެއް އަރާ، ސީޒާ އެއް ޖެހުން ފަދަ އަލާމާތްތަކެއް ފެނުމުން ގދ. މަޑަވެލި ހެލްތު ސެންޓަރަށް ގެންގޮސްފައި ވާކަމަށާއި، ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް އެމީހާ މަރުވެފައި ވާކަމަށް އޭނާ ބެއްލެވި ޑޮކްޓަރު މައުލޫމާތު ދީފައި ވާކަމަށެވެ.

އޭނާގެ މަރާއި ގުޅިގެން ފުލުހުންނަށް އިހުމާލުގެ ތުހުމަތު ކުރެވެމުންދާއިރު މަރުގެ ހަގީގަތް ބެލުމަށް އޭނާގެ އޮޓޯޕްސީ ހެދުމަށް ފުލުހުން ވަނީ ނިންމާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close