މަސް ނުކިރި މަސް ގަންނަ މިންވަރު ކޮންޓްރޯލްކޮށް އަދި މަހުގެ ހަމަ އަގު ނުލިބޭތީ ކުއްލި މައްސަލައެއް ހުށަހަޅައިފި
މަސްވެރިން ބާނާ މަސް ނުކުރި މަސް ގަންނަ މިންވަރު ކޮންޓްރޯލްކޮށް އަދި މަސްވެރިންނަށް ހަމަ އަގު ނުލިބޭތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހަޅައިފިއެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި މައްސަލަ މަޖިލީހުން ބަލައިގަތީ 25 މެމްބަރުންގެ ވޯޓާއެކުއެވެ. ނުފެންނަކަމަށް ހަތަރު މެމްބަރުން އަދި ވަކި ކޮޅަކަށް އެއް މެެމްބަރަކު ވޯޓެއް ނުދެއްވިއެވެ.
މައްސަަލަ ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެފައިވާ މި ދުވަސްވަރު، މަސްގަންނަ މިންވަރު ލިމިޓް ކޮށްފައި ވާތީ މަސްވެރިން ގަދަ އަވީގައި ކަނޑުމަތީ ދުއްވައިގެން މަސްވެރިން ބާނާ މަސްކޮޅު ކިރުވަން އެތައް ދުވަހަކު ކިޔޫގައި މަޑުކުރަންޖެހޭ ކަމަށެވެ. އަދި ދޯނިތަކުން ބާނާ މަހުގެ 90 އިން ސައްތަ އަގު ނުލިބި ބަހާލަން ޖެހުމާއި، މަސްވެރިންނަށް ރަނގަޅު އަގެއްގައި އައިސް
ނުލިބޭތީ އައިސް ކިޔުއާއި ތެޔޮ ކިޔުއާއި މަސްކިޔުގައި ރެ އާ ދުވާލު ތިބެތިބެ މަސްވެރިން ގޮތް ހުސްވެފައިވާ ކަމަށް ކުއްލި މައްސަލައިގައިވެއެވެ.
ކޮންމެ ދޯންޏަކުން މަސް ގަންނަ އަގު ލިމިޓް ކޮށް މަސްވެރިން ކިޔުގައި މަޑުކުރަން ޖެހޭ ދުވަސްތައް ގިނަވުމުން މަސްވެރިންނަށް މަހެއްގެ ލިބޭ އާމްދަނީގެ މިންވަރު މަދުވެ، ދޯނީގެ ހަރަދުތައް ހަމަޖައްސަން ދަތިވުމާއި، އެހާ ގިނަ ދުވަހު ކިޔުގައި މަޑުކުރަންޖެހުމުން މަސްކޮޅު ހަލާކުވެ ކިރޭގޮތް ނުވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
“ކޮންމެ މަސްވެރި މޫސުމެއްގައި މަސްވެރިން މިހާލުގައި އުޅެންޖެހޭ. މިކަން މިހެން ދިމާވާކަން ސަރުކާރަށް އެނގޭއިރުވެސް މިކަމަށް ތައްޔާރު ނުވޭ. މަސް ރައްކާކުރެވޭނެ ކެޕޭސިޓީ އިތުރު ނުވޭ. ރިޔާސީ އިންތިހާބުގައި މަސްވެރިންނަށް ހަމަ އަގު ހޯދައި ދޭނެކަމަށް މަސްވެރިންނަށް މިސަރުކާރުން ބޮޑެތި ވައުދުތަކެއް ވެ، ވެރިކަމަށް އައުމަށް އެކުލަވާލި ރިޔާސީ މެނިފެސްޓޯގައި އެންމެ ބޮޑު އެއް ވައުދެއް ގޮތުގައި ހިމެނޭ މަސްވެރިންނަށް ހަމައަގު ދިނުމުގެ ވައުދު ފުއްދުމަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާ ކަމުގެ ޝަކުވާ މަސްވެރިން ކުރަމުންދޭ” ޝިޔާމް ވިދާޅުވިއެވެ.
ހަމަ އެހެންމެ މަސް ޕްރޮސެސް ކުރާ ތަންތަނާއި ގޭދޮށު މަސްފެކްޓްރ ތަކާއި އައިސްޕްލާންޓްތައް އެޅުމަށާއި އެކަމުގައި އަމަލު ކުރަންވ ގޮތް މަސްވެރިކަމުގެ ގާނޫނުގައި ތަފްސީލުކޮށް ބަޔާންކޮށްފައި އޮތް ނަމަވެސް އެކަންކަން ތަންފީޒު ނުކުރާ ކަަމަށް އޭނާ ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އެކަންކަން ކުރުމުގެ އިހުލާސްތެރި ނިޔަތެއް މިސަރުކާރުގައި
ނެތުމުން މަސްވެރިން އިތުރަށް މާޔޫސްވެފައި ވެފައިވާ ކަމަށާއި އަދި މި ސަރުކާރަށް ހަތަރު އަހަރު ފުރޭއިރުވެސް މަސްކިރުމާއި މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތަކަށް ހައްލެއް ނުލިބި މަސްވެރިން ބާނާމަސް ނުކިރުވި، މަސްވެރިން އިތުރަށް ބިކަ ވަމުންދާ ކަމަށެވެ.
“މަސްވެރިންނަށް ދޫކުރާ ތެލުގެ މިންވަރުވެސް ލިމިޓް ކޮށްފައިވާތީ އެކަމުގެ ސަބަބުން މަސްވެރިކަމަށް ނުކުންނަށް ދަތިތަކެއް ކުރިމަތިވެ ރެއާއި ދުވާލު ދާއޮހޮރުވައިގެން ބާނާ މަސްކޮޅުން މަންފާއެއް ނުލިބުމަކީ ހުރިހާ މަސްވެރިން މިއަދު އެންމެ ބޮޑަށް ކަންބޮޑުވާ މައްސަލަ. މިފްކޯގެ ދަރަނި ބޮޑުވެ މަސްވެރިންނަށް ދޭންޖެހޭ ހިދުމަތްތައް ނުދެވޭ” ޝިޔާމް ވިދާޅުވިއެވެ.
ރާއްޖޭގެ ސަރަހައްދަށް ވަންނަ ބޯޓުފަހަރު ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި މިފަދަ ބޯޓުފަހަރު ރާއްޖޭގެ ސަރަހައްދުން ދާޖަހައިގެން މަސްވެރިކަން ކުރަމުންދާއިރު ފިޔަވަޅު
ނޭޅޭތީ އާއި އަދި ވަކި ގައުމެއް ގެ ބޯޓުތަކަށް ސަރުކާރުން ފިޔަވަޅު އަޅަން ފަސްޖެހޭތީ އާއި، މިކަންކަން ތަކުރާރުވަމުން ދިއުމުގެ ސަބަބުން މަސްވެރިން ގޮތްހުސްވެފައިވާ ކަން ވެސް ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން މަަސްވެރިންނަށް ކުރިމަތިވާ ދަތިތައް ވަގުތުން ހައްލުކޮށްދިނުމަށް ޝިޔާމް ގޮވާލެއްވިއެވެ.
