ޝިފާޒް، އާޒިމް އަދި އިބޫ ދަ ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއަށް

ދަ ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އާއި އެ ޕާޓީގެ ކައުންސިލް މެންބަރު، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް އެމްޑީޕީ އަށް ސޮއިކޮށްފި އެވެ. މި ދެ ބޭފުޅުންގެ އިތުރުން، އެމްޑީޕީގައި ކުރިން އިސް ދައުރެއް އަދާކުރަމުން ދިޔަ އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) ވެސް ދަ ޑިމޮކްރެޓްސް ދޫކޮށް، އެމްޑީޕީ އަށް އިއްޔެ ސޮއިކޮށްފައިވެއެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ރަނިންމޭޓު ހުސައިން އަމްރު ވެސް ވަނީ މީގެ ކުރިން އެމްޑީޕީ އަށް ސޮއިކޮށްފައެވެ.
މި ބޭފުޅުން އެމްޑީޕީއަށް ސޮއިކުރުމަށް ފަހު، ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފުއާ ބައްދަލުކޮށް، ޕާޓީ ބަދަލުކުރި ސަބަބު ވަނީ ކިޔައިދީފައެވެ. އެ ބޭފުޅުން ބޭނުންވީ ސިޔާސީ ހަރަކާތްތަކަށް ރަނގަޅު ޕްލެޓްފޯމެއް ކަމަށާއި، އެ ބޭފުޅުންގެ އިހުސާސްތަކުގައި އޮތީ އެމްޑީޕީގެ ވިންދު ކަމަށް މައުލޫމާތު ލިބެއެވެ.
މި ހަތަރު ބޭފުޅުންގެ ތެރެއިން އާޒިމަކީ ފޯޅަވަހީގެ މައްސަލައިގައި “ފޯޅަވަހި ކޯލިޝަން” ގައި ބައިވެރިވުމާއި އޭރުގެ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ ވޯޓުގައި ސޮއިކުރުމާ ގުޅިގެން އެމްޑީޕީން ވަކިކޮށްފައިވާ ބޭފުޅެކެވެ.
އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުން ފެށުނީ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެންނެވެ. އޭގެ ފަހުން އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ޕާޓީ ދޫކޮށްލައި، ދަ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް ފެށިއެވެ.
އަލީ ނިޔާޒު ވިދާޅުވި ގޮތުގައި ސިޔާސީ އިސްލާހީ މަސައްކަތުގައި އެންމެ މުހިއްމު މަސައްކަތެއް ކުރެވޭނެ ޖާގަ އޮންނާނީ އެމްޑީޕީގައި ކަމަށާއި، ސިޔާސީ ކުރިމަގު ހޯދަން އެދޭ ކޮންމެ މީހަކަށް އެމްޑީޕީ އޮތީ ހުޅުވިފައެވެ.


