ޚަބަރު

ކުށް ސާބިތުވެ އިމިގްރޭޝަންގެ ކުރީގެ ވެރިޔާ ޝަމްއާން 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

އިމިގްރޭޝަންގެ އެންމެ މަތީ ވެރިޔާގެ މަގާމުގައި ހުންނަވައިގެން ބިދޭސީއެއްގެ އަތުން ބޮޑު އަދަބެއްގެ ފައިސާ ފޭރުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު 25 އަހަރަށް ޖަލަށްލުމާއެކު ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ކޯޓުން މިގޮތަށް ނިންމީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ފޭރުމުގައި ބައިވެރިވުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން އަދި މަނީ ލޯންޑްރިންގެ ތިން ދައުވާވެސް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވުމާ ގުޅިގެންނެވެ.

މި މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހުސާން ވިދާޅުވި ގޮތުގައި، ޝަމްއާނަށް އެންމެ ބޮޑު އަދަބު ކަނޑައެޅީ އިމިގްރޭޝަންގެ އެންމެ މަތީ ފަރާތުގެ ގޮތުގައި ހުރެ، ބިދޭސީންނަށް ރައްކާތެރިކަން ދިނުމުގެ ބަދަލުގައި އަމިއްލަ ފައިދާއަށް މަސައްކަތްކޮށް، މުއައްސަސާގެ އަގު ވައްޓާލާފައިވާތީއެވެ. އަދި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވައިގެން ހިންގާ ކުށްތަކަށް ބޮޑެތި އަދަބު ދިނުމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ދައުލަތުންވެސް ވަނީ އޭނާއަށް އެންމެ ހަރުކަށި އަދަބު ދިނުމަށް އެދިފައެވެ.

ޝަމްއާންގެ މައްޗަށް އިއްވި ޖުމްލަ ހުކުމުގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މަނީ ލޯންޑްރިންގެ ދައުވާއަށް އިއްވި 15 އަހަރުގެ ޖަލު ހުކުމެވެ. މީގެ އިތުރުން ފޭރުމުގައި ބައިވެރިވުމުގެ ކުށަށް އަށް އަހަރުގެ ހުކުމެއް އިއްވިއިރު، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށަށް އިއްވާފައިވަނީ ދެ އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ހޭދަކުރި ނުވަ މަހާއި 10 ދުވަސް މި އަދަބުން އުނިކުރެވޭނެއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައިވާ ގޮތުން، ބިދޭސީއަކު ހިފެހެއްޓުމަށްފަހު އޭނާގެ އަތުން ފޭރުނު ފަސް ލައްކަ ރުފިޔާ ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެ ބިދޭސީ މީހާއަށް ރައްދުކޮށްދޭންޖެހެއެވެ. އަދި ކުށްކޮށްގެން ހޯދި ފައިސާކަން އެނގިހުރެ، ޝަމްއާންގެ ދެ ސްޓޫޑަންޓް ލޯނަކަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާކަން ހެކިތަކުން ސާބިތުވެއެވެ. މީގެއިތުރުން އޭނާގެ ގެއިން ފެނުނު ފައިސާގެ ތެރެއިން 125,000 ރުފިޔާ ދައުލަތަށް ނެގުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close