ޚަބަރު

ކޮވިޑް-19 އިތުރަށް ރާއްޖޭގައި ފެތުރިދާނެތި އަޅަންޖެހޭ ފިޔަވަޅުތަކާމެދު ވަޒީރުންގެ މަޖްލިހުގައި މަޝްވަރާކޮށްފި

ރާއްޖޭގައި ކޮވިޑް-19 އިތުރަށް ފެތުރެމުން ހިނގައިދާނެތީ، މިހާރުން މިހާރަށް ކަންކަން ގެންދާނެ ގޮތްތަކާބެހޭގޮތުން ވަޒީރުންގެ މަޖްލިހުގައި މެންބަރުން މަޝްވަރާ ކުރައްވަފިއެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 2 މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން، މިހާރުން މިހާރަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުންނާއި، މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ކުރަންޖެހޭ މުހިއްމު ކަންކަމާބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ރޭވަނި ވަޒީރުންގެ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ.

މިވަގުތަށް އަޅަންޖެހޭ މުހިއްމު ފިޔަވަޅުތަކުގެ ތެރޭގައި ގިނަ މީހުން ބައިވެރިވާ ގޮތަށް ބާއްވާ އެއްވުންތައް މަދުކޮށް، ވީހާވެސް ޚަރަދުތައް ކުޑަކުރުމަށް ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭކަން މެންބަރުން އެބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ. އަދި އިޤްތިޞާދީގޮތުން ދިމާވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކުރެއްވިދާނެ ކަންކަމުގެ ލަފާ ހޯއްދަވައި، އެޅުއްވުދާނެ ފިޔަވަޅުތަކާމެދުވެސް މަޝްވަރާކުރެއްވިއެވެ.

ހަމައެއާއެކު ރައްޔިތުންނަށް ދަތިނުވެ، ކާޑުގެ ބާވަތްތަކާއި، ކާބޯތަކެއްޗާއި ބޭސް ލިބޭނެ އިންތިޒާމުތައްވެސް ސަރުކާރުން ހަމަޖައްސަވަމުން ގެންދަވާތީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފަސޭހަކަމާއެކު ކާޑުގެ ބާވަތްތަކާއި ކާބޯތަކެއްޗާއި ބޭސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަން ކަށަވަރުކުރުމުގެ މުހިއްމު ކަމުގެ މައްޗަށްވެސް މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ.

ކޮވިޑް-19އަށް ރާއްޖެއިން 2 މީހަކު ޕޮޒިޓިވްވިކަން ސަރުކާރުން ރޭ އިޢުލާންކުރެއްވިތާ މާގިނައިރުތަކެއްނުވެ މުލީއާގޭގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ކުއްލި ޖަލްސާ ފަށްޓަވަމުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން އެންމެ ފުރަތަމަވެސް އަހަންމިއްޔަތުކަން ދެއްވީ ރައްޔިތުންނާ ހަމައަށް މި ޚަބަރު ގެނެސްދެއްވައި، ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް ކަމުގައި ވިދާޅުވިއެވެ.

އަދި މި ވަގުތަކީ ރައްޔިތުން ކަންބޮޑުނުވެ، ސަރުކާރުން ދެމުން ގެންދާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމުގެ ވަގުތު ކަމަށާއި، އެންމެ ބޮޑު ސަމާލުކަމެއް މިދެއްވަނީ މި ބަލިން ރައްޔިތުން ސަލާމަތްކުރެއްވުމަށް އަޅުއްވަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ވަގުތުން ވަގުތަށް އެޅުއްވުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close