މިއަހަރުގެ ސްކައުޓް ޖަމްބޮރީ ފަސްކޮށްފި
މިދުވަސްވަރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްއާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ތަފާތު ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ނިންމުމާއި ގުޅިގެންމިފެށޭ މާޗްމަހު ހުޅުމާލޭގައި ބާއްވަން ތައްޔާރުވަމުންދިޔަ 9 ވަނަ ގައުމީ ސްކައުޓް ޖަމްބޮރީ ފަސްކޮށްފިއެވެ.
ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗީފް ކޮމިޝަނަރ އާއިޝަތު އަހުލާން ސޮއިކުރައްވައި، ރާއްޖޭގެ ސްކޫލްތަކަށް އަންގާރަ ދުވަހުގެރޭ ފޮނުވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ސްކައުޓް ޖަމްބޮރީ ފަސްކުރީ، ގިނަމީހުން އެތަންވެއުޅޭ އެކި ކަހަލަ ހަރަކާތްތައް މިދުވަސްވަރު ކުރިއަށް ނުގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންގާފައިވާތީއާއި، ގައުމީ ސްކައުޓް ޖަމްބޮރީއަކީ ގިނަ އަދަދެއްގެ ސްކައުޓުންނާއި އާންމުން އެއްތަންވާނެ ހަރަކާތެއްކަމުން، 9 ވަނަ ގައުމީ ސްކައުޓް ޖަމްބޮރީ އޮގަނައިޒިންގ ކޮމިޓީން ޖަމްބޮރީ ފަސްކުރުމަށް ނިންމުމާއި ގުޅިގެން ކަމަށެވެ.
ހަމަ އެއާއެކު، ގައުމީ ސްކައުޓް ޖަމްބޮރީ ދެން ބައްވާނެ ތާރީޚެއް ކަނޑައަޅާނީ، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އަންގަވާފައިވާ ގޮތަށް، އެ މިނިސްޓްރީގެ ސްކޫލް ހެލްތު ޔުނިޓް މެދުވެރިކޮށް އެޗްޕީއޭގެ ލަފައެއް ހޯދުމަށްފަހުގައި ކަމަށާއި، އެކަމުގެ މަޝްވަރާތައް ނިމުނުހާ އަވަހަކަށް އެކަން ސްކޫލްތަކަށް އަންގާނޭ ކަމަށް، ސްކައުޓް އެސޯސިއޭޝަންގެ ސިޓީގައި ބަޔާންކޮށްފައި ވެއެވެ.
މިއަހަރުގެ ޖަމްބޮރީއަކީ 13 އަހަރުގެ މެދުކެނޑުމަކަށްފަހު ރާއްޖޭގައި ބާއްވާ ފުރަތަމަ ޖަމްބޮރީއެވެ.
އެގޮތުން، ޖަމްބޮރީއަށް ރާއްޖެއިން ބޭރުން ގެންނަންޖެހޭ ތަކެތި އޯޑަރުކުރުމާއި، ގިނަ މަސައްކަތްތައްކޮށް، ވަރަށް ގިނަ ހޭދަތައްވެސް ވަނީ ކޮށްފައެވެ. އަދި ހުޅުމާލޭގައި ޖަމްބޮރީ ބާއްވާ ސަރަހައްދުގައި އަސާސީ ޚިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތްވެސް ކުންފުނިތަކުގެ އެހީގައި ވަނީ ފަށާފައެވެ.
