ޚަބަރު

ސްކައުޓްގެ ތަރުބިއްޔަތަކީ ގައުމީ ހިދުމަތުގެ ވަރުގަދަ ބިންގަލެއް: ރައީސް މުއިއްޒު

ސްކައުޓް ހަރަކާތަކީ ޖަޒީރާ ރަށްތަކުގެ މެދުގައި އޮންނަ ދުރުމިން ކައިރިކޮށްދޭ، އެއްބައިވަންތަކަމުގެ ވަރުގަދަ ފާލަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ރަސްމީކޮށް ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ވިދާޅުވީ، ސްކައުޓް ހަރަކާތަކީ ހަމައެކަނި ކުޅިވަރެއް ނޫން ކަމަށާއި، އެއީ ނަފްސު އިސްލާހުކޮށް، ޒިންމާދާރު އަދި އަމިއްލަ ނަފްސަށް އިތުބާރުކުރާ ޖީލެއް ބިނާކޮށްދޭ އަމަލީ ތަރުބިއްޔަތުގެ މައިދާނެއް ކަމަށެވެ.

އެމަނިކުފާނުގެ އަމިއްލަ ތައުލީމީ ހަޔާތަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ކަބް ސްކައުޓް އަދި ސްކައުޓް ހަރަކާތުން ލިބުނު “ޑޫ ޔުއަރ ބެސްޓް” އަދި “ބީ ޕްރިޕެއަރޑް” ފަދަ މޮޓޯތަކަކީ ދިރިއުޅުމުގެ ކޮންމެ ފިޔަވަޅެއްގައި މަގުދައްކައިދިން އަގުހުރި ތަޖުރިބާތަކެއް ކަމަށެވެ. ގައުމަށް ދިމާވި ސުނާމީ ފަދަ ބޮޑެތި ކާރިސާތަކުގައި ސްކައުޓުން ދައްކާފައިވާ ހިތްވަރާއި، ހިލޭސާބަހަށް މަސައްކަތްކުރުމުގެ ރޫހަކީ މުޅި މުޖުތަމައު ނަމޫނާލިބިގަންނަންޖެހޭ ކަމެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ސްކައުޓް ހަރަކާތް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދިއުމަށް ސްކައުޓް އެސޯސިއޭޝަނުން ކުރާ މަސައްކަތްތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޢިއްޒު ވަނީ ދެއްވާފައެވެ. އަދި މި ހަރަކާތަކީ އޭގެ އަސްލާ އެއްގޮތަށް ކުރިއަށް ގެންދިއުން މުހިންމު ކަމެއްކަމަށް ވިދާޅުވެ، މި ދާއިރާގައި މަސައްކަތްކުރައްވާ އެންމެހައި ފަރާތްތަކުގެ އަގުވަޒަންކޮށް، އެފަރާތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close