ޚަބަރު

އަނދިރި ކުޑަގޮޅިން ސަލާމަތް ކޮށްދެއްވީތީ ﷲ އަށް ޝުކުރުކުރަން – އަދީބު

ޖަލުގެ އަނދިރި ކުޑަގޮޅިން ސަލާމަތްވީތީ މާތްﷲ ސުބުޙާނަޙޫ ވަތަޢާލާއަށް ޙަމްދާ ޝުކުރު އަދާކުރައްވާ ކަމަށް ކުރީގެ ނައިބްރައީސް އަޙްމަދު އަދީބު ވިދާޅުވެއްޖެއެވެ.

އަދި މިހެން ވިދާޅުވެފައިވަނީ މިއަދު އޭނާ ޖަލުން ސަލާމަތްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.

އެޓްވީޓްގައި އަދީބު ވިދާޅުވެފައިވަނީ އެކުޑަ ގޮޅީގަ އެކަނި އަނދިރީގަ، ބަލި ހާލުގަ، އެތަށް އަހަރުޠަކެއް ވަންދެން އެއްމެ ގިނައިން މި އަޅާ ކުރި ދުޢާ އިޖާބަ ކޮށްދެވާ، އިންސާފު ހޯއްދާވާ ދެއްވާ މި އަޅާ ސަލާމަތް ކޮށްދެވި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް ހަމްދާ ޝުކުރު ކުރަން، އަލްޙަމްދުލިﷲ. މިހެންނެވެ.

މާބިންހުރާގެ ޚިޔާނާތުގެ މައްސަލާގައި ކުރީގެ ނާއިބް ރައިސް އަޙްމަދު އަދީބުގެ މައްޗަށް ކޮށްފައިވާ 8 އަހަރުގެ ޖަލުހުކުމް ބާޠިލުކޮށް އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.

ހައިކޯޓުން މިގޮތަށް ޙުކުމް ކޮށްފައިވަނީ އަދީބުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ޤާނޫނީ އަދި ޝަރުޢީ ހަމަތަކުގެ މަތިން ކޮށްފައިވާ ޙުކުމެއް ނޫންކަމަށް މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުގެ އަޣްލަބިއްޔަތުންނެވެ.

މި ޙުކުމާއެކު އަދީބުގެ މައްޗަށް ކުރިން ކޮށްފައިވާ ހުރިހާ ޖަލު ހުކުމެއްވެސް ބާޠިލްވީއެވެ.

މި މައްސަލާގައި ދައުލަތުން ވިދާޅުވެފައިވަނީ އެރަށް ކުއްޔަށްދިނުމަށްފަހު ލިބުނު ފައިސާގެ ތެރެއިން 1.5 މިލިއަން ޑޮލަރާއި 800000 ޑޮލަރު އަދީބުގެ ހިއްސާ ކުރިން އޮތް މޮންޓަލީއޯން އިންޓަރނޭޝަނަލް ކިޔާ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކޮށްފައިވާކަމަށެވެ.

ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އަދީބުގެ މައްޗަށް ކުރި 10 އަހަރުގެ ޖަލު ހުކުމް ސުޕްރީމްކޯޓުން ވަނީ މިމަހުގެ 27 ވަނަ ދުވަހު ބާތިލުކޮށްފައެވެ. ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް އިއްވާފައިވާ 15 އަހަރު ދުވަހުގެ ހުކުމް ބާތިލުކޮށް އެ މައްސަލަ ބަލަންވެސް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close