ޚަބަރު

މުރުތައްދު ސަލްމާންގެ ހާލުވަރަށް ސީރިއަސް، އޭނާ އޮތީ ވެންޓިލޭޓަރުގައި!


ރޭގެ ވަގުތެއްގައި ވަޅިން ހަމަލާދެވުނު މުރުތައްދު ސަލްމާން ރުޝްދީގެ ހާލު ވަރަށް ސީރިއަސް ކަމަށާއި، އޭނާ އޮތީ ވެންޓިލޭޓަރުގައި ކަމަށް ސަލްމާންގެ އެޖެންޓު ބުނެފިއެވެ.

ސަލްމާންގެ އެޖެންޓު އެންޑްރޫ ވައިލީ ބުނީ ސަލްމާންގެ ހާލު ސީރިއަސް ކަމަށާއި، އޭނާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި ރޭގެ ހަމަލާގައި އޭނާގެ އެތެރެހަށީގެ ބައެއް ގުނަވަންތަކަށްވެސް ގެއްލުން ލިބިފައިވާ ކަމަށާއި، އެއް ލޮލުގެ ފެނުންވެސް ގެއްލިދާނެކަމުގެ ބިރު އޮތް ކަމަށް އެންޑްރޫ ބުންޏެވެ.

ސަލްމާން ރުޝްދީއަށް ހަމަލާދީ އޭނާ ޒަހަމްކޮށްލާފައި ވަނީ އެމެރިކާގެ ނިއުޔޯކް ސިޓީގެ އިންސްޓިޓިއުޓެއްގައި ތެރޭގައެވެ.

މި މައްސަލަ އާ ގުޅިގެން މިހާތަނަށް ނިއުޖާޒީ އަށް އުފަން އުމުރުން 24 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އުމުރުން 75 އަހަރުގެ ސަލްމާން ރުޝްދީއަކީ ކީރިތި ގުރުއާނާއި އިސްލާމް ދީނާއި، މާތް ރަސޫލާއަށް ފުރައްސާރަކޮށް “ސެޓަނިކް ވާސަސް” ގެ ނަމުގައި ފޮތެއް ނެރުނު އިންޑިއާގެ ލިޔުންތެރިއެކެވެ.

1988 ވަނަ އަހަރު އޭނާ ނެރުނު އެ ފޮތާ ގުޅިގެން އިސްލާމީ ގިނަ ގައުމުތަކުން އޭނާއަށް ފާޑުކިޔާފައިވެއެވެ. އޭނާ އަކީ ކުރިން މުސްލިމެކެވެ. ނަމަވެސް ފަހުން ވަނީ ކުފުރުވެފައެވެ. އޭނާ ނެރުނު ފޮތާ ގުޅިގެން އީރާނުން ވަނީ އޭނާ މަރާލަން ފަތުވާއެއް ވެސް ނެރެފައެވެ. އޭނާ މަރާލި މީހަކަށް އީރާނުން ވަނީ 3.3 މިލިއަން ޑޮލަރު ހުށަހަޅައިފައެވެ.

ސަލްމާން ރުޝްދީގެ ފޮތް “ސެޓަނިކް ވާސަސް” ނެރުނު ހިސާބުން އިނގިރޭސިވިލާތުން ވަނީ އޭނާ އަށް ހިމާޔަތް ދީފައެވެ. އޭރު އޭނާ އިނގިރޭސިވިލާތުގެ ރަށްވެހިކަން ހޯދިތާ ވެސް ދުވަސްތަކެއް ވެއްޖެއެވެ. އޭނާ ލިޔުނު ފޮތާ ގުޅިގެން ކުރިމަތިވި ނުރައްކަލުގެ ސަބަބުން އިނގިރޭސި ރާނީ އެލިޒަބަތުގެ ހާއްސަ އަމުރެއްގެ ދަށުން އިނގިރޭސިވިލާތުގެ ސިފައިން އައީ ސަލްމާން ރުޝްދީގެ ސަލާމަތީ ކަންކަން ވެސް ބަލަހައްޓަމުންނެވެ. އޭނާ އޭގެ ފަހުން އާއްމުންގެ ތެރެއަށް ނިކުމެވެސް ނޫޅެއެވެ. ނަމަވެސް 2012 ވަނަ އަހަރުން ފެށިގެން އޭނާ އަނެއްކާވެސް އާއްމުންގެ ތެރެއަށް ނިކުމެ، އެކި އިވެންޓްތަކުގައި ބައިވެރިވުން ވަނީ އިތުރުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close