މަޒުމޫނު

ތާރީޚުގެ ތެރެއިން ފޯކްލޯރ؟

އިބްރާހިމް ވިޝާލު   

އާދެ، ދިވެހިރާއްޖެއަކީ ބިމުގެ ގޮތުން ކުޑަ ގައުމެކެވެ. ނަމަވެސް، ހުރިހާގޮތަކުންވެސް ފާހަގަ ކޮއްލެވޭ ގައުމެކެވެ. އެގޮތުން އެންމެ ފާހަގަ ކޮއްލެވޭ ކަމަކީ މި ކުޑަ ޖަޒީރާ ގައުމުގާވެސް އެތަކެއް އަހަރެއް ކުރިން މީހުން އުޅެފައިވާކަމެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެތައް ވާހަކަތަކެއް އިހު ޒަމާނާ ބެހޭގޮތުން ވަނީ ދެކެވެމުން އައިސްފައެވެ. ނަމަވެސް މި ވާހަކަތަކުގެ ތެރޭގައި ބުއްދި ގަބޫލު ނުކުރެވޭ އެތައް ވާހަކައެއް ހިމެނެއެވެ. މިފަދަ ވާހަކަ ތަކަށް ދިވެހިން ކިޔާ އުޅެނީ ފުލޯކު ވާހަކައެވެ.

އެގޮތުން ފާހަގަ ކޮށްލެވޭ ވާހަކަ ތަކުގެ ތެރޭގައި ސަންތި މަރިޔަނބު، ކުޑަ ފޫޅު، ރަންނަމާރި އަދި މިނޫންވެސް އެތައް ވާހަކައެއް ހިމެނެއެވެ. ނަމަވެސް އަޅުގަނޑުމެންނާ ހަމައަށް ތިލަނުވާ އެތައް ވާހަކަތަކެއް ހުންނާނެކަން ޔަގީނެވެ. މިއީ އަޅުގަނޑުމެންގެ ގައުމީ ތަރިކައޭ ބުނުން ދޮގަކަށް ނުވާނެއެވެ. މިކަހަލަ ގިނަ ވާހަކަތަކުން ހަމަގައިމުވެސް ދިވެހިންގެ އުފެއްދުންތެރިކަން ހާމަވެއެވެ.

ފުލޯކު ވާހަކަތަކުގެ ވާހަކަ ދައްކާއިރު ނ.ލަންދޫ ފާހަގަކޮއްލުން މުހިންމެވެ. ލަންދޫގައި މިގޮތަށް ޚާއްޞަ ވާހަކަ އަކީ “ހަތްބަބުރު ގަނބައިގަތްތަން” މިއެވެ. ބުނެވޭ ގޮތުގައި މި މީހުން ބަލައި ބަޔަކު އަންނާތީވެ ލަންދޫގެ ރައްޔިތުންވެގެން، މި މީހުން ފޮރުވުމުގެ ގޮތުން ހަތް މީހުންވެސް ވަޅުގަނޑެއް ކޮނެ އޭގެ މަތިން ފިލާއަޅާ ބަންދު ކުރީއެވެ. އަދި މިފިލާ ނެގިއިރު އެންމެން ތިބީ މަރުވެފައެވެ.  މި ވާހަކައިގެވެސް ތެދު ހަގީގަތެއް ނޭންގެއެވެ.

ކުރިންވެސް ފާހަގަކުރިހެން މިކަހަލަ ވާހަކަތަކަކީ ވަރަށްވެސް މަޝްހޫރު ވާހަކަތަކެކެވެ. އެގޮތުން މިކަހަލަ އެތައް ވާހަކައަކާ ގުޅޭގޮތުން ދިވެހިން ފިލްމު ކުޅެފައިވެއެވެ. އަދި މިކަހަލަ ގިނަ ފިލްމުތައް ޚާއްޞަ ކުރެވިފައިވަނީ ކުޑަކުދިންނަށެވެ. މިސާލަކަށް ސަންތި މަރިޔަނބު އަދި ކުޑަފޫޅު ފާހަގަކޮށްލެވެއެވެ. އަދި މިނޫނަސް ލަންދޫގައިވެސް ހަތްބަބުރު ގަނބައިގަތްތަން މި ވާހަކައަށް ވަނީ ފިލްމެއް ކުޅެވިފައެވެ.

ކޮންމެ ގައުމެއްގައިވެސް ގައުމީ ތަރިކަ ރައްކާތެރި ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ގައުމީ ތަރިކަ ރައްކާތެރި ކުރުމަކީ ހަމައެކަނި އާސާރީ ތަންތަން ހިމާޔަތް ކުރުމެއްވެސް ނޫނެވެ. މިފަދަ ވާހަކަތައް ދެން އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަކީވެސް ގައުމީ ތަރިކަ ރައްކާތެރިކުރުމެވެ. އެގޮތުން މި ވާހަކަތަކުގެ މައްޗަށް ކުޅެވެމުންދާ ފިލްމު ތަކަކީވެސް މިކަމުގައި ވަރަށް މުހިންމު ރޯލެއް އަދާ ކުރާ ކަމެކެވެ. އަދި މީގެ އިތުރުން ބައެއް ވާހަކަތައް ވަނީ މިކަމަށް ޚާއްޞަ ފޮތް ހެދި އޭގައި ރައްކާކުރެވިފައެވެ. މީގެ ސަބަބުން އެތައް ވާހަކަތަކެއް ދިވެހިންގެ އިހުގެ މައްޗަށް ބިނާވެ ލިޔެވިފައި ވެއެވެ.

ބައެއް މީހުންގެ ނަޒަރުގައި މި ވާހަކަތައް ދެން އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަކީ މާކަ މުހިންމު ކަމެއްނޫނެވެ. ސަބަބަކީ މި ވާހަކަތަކުގެ ކުރިޔަށް ފުލޯކު އައުމެވެ. ނަމަވެސް މިކަމާ އަޅުގަނޑު ދެކޮޅެވެ. ސަބަބަކީ މިއިން ކޮންމެ ވާހަކަ އަކުންވެސް ދިވެހިން ކުރިން އުޅުނުގޮތާއި ދިވެހި ސަގާފަތް ދައްކުވައިދެއެވެ. މިފަދަ ވާހަކަތަކަކީ ދިވެހި ގައުމީ ތަރިކައެވެ. އަދި ދިވެހި ގައުމީ ތަރިކަ ރައްކާތެރިކުރުމަކީ އަޅުގަނޑުގެވެސް އަދި ކޮންމެ ދިވެއްސެއްގެވެސް ޒިންމާއެކެވެ.

ފުލޯކު ވާހަކަތަކެކޭ ބުންޏަސް ބައެއް ފަހަރު ގަބޫލުކުރެވޭ ކަހަލަ ވާހަކަވެސް ހުރެއެވެ. ވީމާ އަޅުގަނޑުމެންނަކަށް މީގެ ތެދު ހަގީގަތެއް ނޭންގެއެވެ. ނަމަވެސް މިއިން ކޮންމެ ވާހަކައަކީވެސް ވަރަށް ރީތިވާހަކައެއްކަން ފާހަގަ ކޮއްލެވެއެވެ. އެގޮތުން ސަންތި މަރިޔަނބަކީވެސް ހަމަ ކޮންމެ ކުޑަކުއްޖެއްވެސް ބަލާހިތް ވާނެ އެއްޗެކެވެ. ވީމާ ފޯކްލޯރ އަކީ ދިވެހިންގެ ތާރިޚުގައި މުހިންމު އެއްޗަކަށް ހަދަމާ! ގައުމީ ތަރިކަ ރައްކާތެރި ކުރަމާ!

-ނިމުނީ-

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close