ކޮވިޑް-19: ދުނިޔޭގެ ޙާލަތު ވަރަށް ގޯސް – ލޮކްޑައުންކުރުމަކީ ޙައްލެއްނޫން
ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާއި ހަނގުރާމަކޮށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެތައްބަޔަކު ފުރާނަގޮސް މުޅިދުނިޔެ ހުއްޓުމަކަށް ގޮސް އެތައްބަޔެއްގެ ޢާއްމު ދިރިއުޅުމުގައި އެތައްއުނދަގޫތަކެއް ތަޙައްމަލުކުރަންޖެހި މައިގަނޑު ގޮތެއްގައި ދުނިޔޭގެ ޙާލަތު މިހާރުމިވަނީ ވަރަށް ގޯސްވެފައެވެ. ގޯހުން ގޯހަށް ގޮސްފައެވެ.
ކޮވިޑް-19 ފެނިފައިވާ ދުނިޔޭގެ ގައުމުތަކާއި ޓެރިތަރީތަކުގެ އަދަދު 199 ން މައްޗަށް އަރާފައި ވާއިރު، ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ތަކުރާރުކޮށް ގޮވާލަމުން ގެންދަނީ، ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން، ޝައްކުކުރެވޭ އެންމެން ޓެސްޓްކުރުމަށެވެ.
ކޮވިޑް-19 ގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދުގެ ނިޔަލަށް މިވަނީ 576,878 މީހުން ފައްސިވެފައެވެ. އަދި 129,991 މީހުން ރަނގަޅުވެފައިވާއިރު 26,423 މީހުންވަނީ އެ ބަލީގައި ދުނިޔެދޫކޮށްފައެވެ. މިއަދަދުތައް ހިނދުން ހިނދަށް މިދަނީ މަތިވަމުންނެވެ.
ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެގޮތުން ސޮސައިޓީތަކާއި، އަވަށްތަކާއި، ރަށްތައް ނުވަތަ ގައުމުތައް ހަމައެކަނި ލޮކްޑައުން ކުރުމަކުން ނުފުދޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯއިންވެސް ވަނީތަކުރާރުކޮށް ބުނެފައެވެ.
ޑަބްލިޔޫއެޗްއޯގެ ހެލްތު އިމަޖެންސީ ޕްރޮގްރާމްގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރ ޑރ. މައިކަލް ޖޭ ރަޔާން ވިދާޅުވީ، ހަމަ އެކަނި ލޮކްޑައުންއަކުން ނުފުދޭ ކަމަށާއި، އަސްލު ކުރާންވީ ކަމަކީ އަދި މައިގަނޑު ފޯކަސްއަކަށް ވާންވީ، ބަލިމީހުން ހޯދައި ފިޔަވަޅު އެޅުން ކަމަށެވެ. އޭގެ މާނައަކީ ބަލި ފެތުރުން ހުއްޓުވުމާއި، ބަލިން ފަސޭހަ ކުރުމުގައި ހަލުވި ފިޔަވަޅުތަކެއް އެޅުމުގެ ވާހަކައެވެ.
ޑރ. މައިކަލް ރަޔާން ވިދާޅުވީ، އާންމު ސިއްހަތުގެ ހަރުކަށި ފިޔަވަޅުތައް މި ދަނޑިވަޅުގައި ނާޅައިފިނަމަ، އާންމުންގެ ހަރަކާތްތެރިވުން ކޮންޓްރޯލްކޮށްފައި އޮންނަ އޮތުމާއި، ލޮކްޑައުންތައް އުވާލުމާއެކު ބަލިގަނޑު ފެތުރިގެން ހިނގައިދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.
ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ވަނީ، ވައިރަސް ހުއްޓުވަން ދުނިޔޭގެ ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކަށް މަރްހަބާ ވިދާޅުވެފައެވެ. އެގޮތުން، ޑަބްލިޔޫއެޗްއޯއިން ދެމުންގެންދާ އިރުޝާދުތަކާ އެއްގޮތަށް މީހުންގެ ގައިގޯޅިވުން ކުޑަކޮށް ސެލްފް ޑިސްޓެންސް ދެމެހެއްޓުމަށް ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކަށް ޓެޑްރޯސް ވަނީ މަރްހަބާ ވިދާޅުވެފައެވެ.
އެހެން ނަމަވެސް، މިވަރަކުން އަދި ނުފުދޭކަމަށާއި، ވައިރަސްއަށް ޝައްކުކުރެވޭ ހުރިހާ އެންމެން އެކަހެރިކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި، ޝައްކުކުރެވޭ އެންމެން ޓެސްޓްކުރުމަށް ޓެޑްރޯސް ތަކުރާރުކުރައްވައި ގައުމުތަކަށް ވަނީ ތަކުރާރުކޮށް ގޮވާލައްވާފައެވެ.
ކޮވިޑް-19ގެ ބިރު އަޅުގަނޑުމެން ދިވެހިންނަކަށްވެސް ވަކިން ކުޑައެއްނޫނެވެ. ފުރަތަމަ ފަހަރަށް ދިވެއްސަކު ދިވެހިރާއްޖެއިން ފައްސިވި ކަމަށް މިއަދުމިވަނީ ކަމާބެހޭ ފަރާތްތަކުން އިޢުލާންކުރައްވާފައެވެ. މާދަމާއަކު އަނެއްދުވަހަކު އިތުރު ކޭސްތަކެއް ނުފެންނާނެއެކޭ ނުދެންނެވޭނެއެވެ. އުންމީދަކީ އިތުރު ކޭހެއް ނުފެނި މިކަމުން ދިވެހިން އަބަދުގެ އަބަދަށް ސަލާމަތްވުމެވެ.
ކޮވިޑް-19 ވައިރަސް ފެތުރުން ހުއްޓުވައި، ފުރާނަތައް ސަލާމަތްކުރުމަށް އެޅޭނެ އެންމެ އެކަށީގެންވާ ފިޔަވަޅަކީ ވައިރަސް ފެތުރޭ މަގުތައް ބަންދުކުރުމެވެ. އެކަން ކުރުމަށްޓަކައި ކުރާންޖެހޭ ކަމަކީ ޓެސްޓްކުރުމާއި އެކަހެރިކުރުމެވެ. ވައިރަސް ޖެހިފައިހުރި މީހަކު އަޅުގަނޑުމެންނަށް ނޭނގެންޏާ މި ބަލިމަޑުކަން އަޅުގަނޑުމެންނަށް ނުހުއްޓުވޭނެއެވެ.
ޑަބްލިޔޫއެޗްއޯއިން ކޮވިޑް-19 ސިފަކޮށްފައިވަނީ އިންސާނިއްޔަތުގެ ދުޝްމަނެއްގެގޮތުގައެވެ. މިބަލި އިންސާނުންނަށް އާދަޔާޚިލާފް ބޮޑު ނުރައްކަލަކާ ކުރިމަތިކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
ޑަބްލިޔު އެޗްއޯއިން ތަކުރާރުކޮށް މިފަދަ މެސެޖްތައް ފޯރުކޮށްދެމުން ދާއިރުވެސް ބައެއް ގައުމުތަކުގައި ޓެސްޓްކުރުން ލަސްވުމާއި، ބައެއް ގައުމުތަކުގައި ޓެސްޓްކުރާނެ ވަސީލަތްތައް މަދުވުމާއި، ވައިފަސް ފެތުރުން ހުއްޓުވަން އެކަށީގެންވާ ގޮތަކަށް އަދިވެސް ތައްޔާރުވެވިފައެއްނެތެވެ. އެންމެ ކުރިއަރާފައިވާ އެމެރިކާގައިވެސް ބަލިފެތުރުން ވަނީ ކޮންޓްރޯލުން ނައްޓާލައިފައެވެ.
އެހެންކަމުން ސިއްހީ ގޮތުންނާއި، އެހެނިހެން ވަޞީލަތްތަކުގެ ގޮތުން މާބޮޑު ފުދުންތެރިކަމެއް ނެތް ޤައުމުތަކުގެ ޙާލަތު ހުންނާނެ މިންވަރު ނިކަން ވަޒަން ކޮށްލައްވަ ބައްލަވާށެވެ. އެފަދަ ބައެއް ގައުމުތަކުގައި ބަލީގެ ހާލަތު އޮތް މިންވަރު އަންދާޒާވެސް ކުރެވިފައި ނުވާކަމަށް ސިއްހި މާހިރުން އެދަނީ ވިދާޅުވަމުންނެވެ.

