ޒުވާނުންގެ ހަލާކު – ގައުމު އަނދަވަޅަކަށް
އެއްގޮތަކުން ބުނާނަމަ އަދުގެ ޒުވާނުންނަކީ އިހުގެ ކާބަފައިން ދެއްކި ނަމޫނާ ބަލައިގަންނަ ބައެކޭ ނުބުނެވޭނެއެވެ. ގިނަ ޒުވާނުންނަކީ ވަޒީފާއެއް ނެތި ރަށުގައި އެތަން މިތަނަށް ގިނަ ވެފައިތިބި ބައެކެވެ. ސަބަބަކީ ކޮބައިތޯ؟ އިސް ވެރިންގެ ޒިންމާ ރަނގަޅަށް އަދާ ކުރެވޭތޯ؟ މިކަންތަށް މިހެން ދިމާވަނީ ކޮން ބައެއްގެ އިހުމާލަކުންތޯ؟
އިހުގެ ކުރިއެރުންތަކާއި އެ ކުރިއެރުންތަކުގެ އަސްލަށް ވިސްނާލަމާ! އޭރުގެ ދިވެހިންނަކީ ނުވަތަ ދިވެހި ޒުވާނުންނަކީ ކުރާ ކޮންމެ ކަމެއްވެސް އެކުވެރިކަމާއި، އެއްބައިވަންތަކަމާ އެކީ ކުރާ ބައެކެވެ. އެގޮތުން ލިބިފައި ހުރި ކުރިއެރުންތަކަކީ މިހާރުގެ ޒުވާނުން އާޝޯޚު ވާފަދަ ކުރިއެރުންތަކެއްކަން ޔަގީނެވެ. ދިވެހި ރާއްޖޭގެ މި ތަނަވަސްކަމާއި އަމާންކަމުގެ ބާނީންނަކީވެސް ހަމަ އެ ޒުވާނުންނެވެ.
ބުނެލަން މި އުޅޭ ވާހަކައަކީ، މިހާރުގެ ޒުވާނުންގެ ގައިގައިވެސް ހަމަ އެއް ލެޔެއް ހިނގާއިރު، މިފަދަ ހުނަރުވެރިކަމެއް ނެތީ އަދުގެ ޒުވާނުންގެ ކަންނެއްކަމުން ނޫންހޭ!، ނޫނީ ހުރި ނުބައި ވިސްނުމަކުން ނޫންތޯއެވެ.
މި ޒަމާނުގައި ޕޮލިޓިކްސްގެ ދާއިރާގައި އަތެއް ނެތް މީހަކީ އެއްވެސް މީހަކަށް ނުވެއެވެ. މަތީ ތަޢުލީމު ހާސިލްކޮއްގެން ޕީ.އެޗް.ޑީ ނިންމައިގެން އަންނަ މީހަކާއި، ގުރޭޑް އަށަކާއި ހަމައަށް ކިޔަވައިފަ، ކޮންމެސް ޕާޓީއެއްގަ ހަރުލައިފައި ހުންނަ މީހަކާ ވަނީ ހަމަ އެއްވަރެކެވެ. ނަމަވެސް ގައުމުގައި އެއްވެސް ކުރިއެރުމެއް ނެތީމަ އެވާހަކަ ދައްކަން އެންމެންވެސް ކަތުރުކަށިގަނޑު އިރޭވަރަށް އަނގަ ހުޅުވައި، ކުރިއެރުން އޮތީ މިފަދަ މީހުންގެ ޖީބުގަތޯވެސް ބަލާ ސާފުކުރާ ހިސާބަށް ގޮއްސިއެވެ.
މި ކިޔާލަ ދެވުނީ ކުޑަކުޑަ މިސާލެކެވެ. މި ކަހާލަ ދެވުނީ ރާއްޖޭގެ ކަޅު ފަރުދާއެވެ. މިކަމާ ވިސްނަން ޒުވާނުންތަކެއް ނިކުމޭތޯ ބާރަށް އަޑު އުފުލަން ޖެހެއެވެ. ކިތަންމެ ވަރަކަށް މިހެން ކިޔަސް ދެމޭނީ އެއް ފަތިވަރެއް. ގައުމުގެ އެކި ހިސާބުގައި މާރާމާރީ ހިންގަނީވެސް އެ ޒުވާނުންނެވެ. މަސްތުވާތަކެތި އެތެރެ ކުރަނީވެސް އެ ޒުވާނުންނެވެ. ޖަލުތަކުގެ އަނދިރިކަމުގައިވެސް ތިބީ ހަމަ މި ޒުވާނުންނެވެ. އެކަމަކު ކޮންމެ ކަމެއް ވެ ނިމޭއިރަށް ބޮޑަކަށް ތިބޭ މީހުން، ތާކަށް އަރާފަ މާކަނަޔޯ ޑިނގާރަޔޯ ކިޔާލީމަ ނިމުނީތޯއެވެ.
ޒުވާނުން ޒުވާނުންގެ ގޮތުގައި ނިކުމެ ރަނގަޅު ބަދަލެއް ގެންނަން އުޅެއްޖެނަމަ ނުވާނެ ކަމެއް ނެތެވެ. ޒުވާނުންނަކީ ގައުމުގެ ކުރިބޯއްޓެވެ. އެކަމަކު ޒުވާނަކު ނުބައި މަގުންދާނަމަ ހޭބޯޖެހޭ ޒުވާނަކު ކޮއްދޭ އެއްހާސް ކަމާ އެ ނުބައި ޒުވާނާ ކުރާ އެއްކަމަކާ އެއްވަރެވެ.
މިހާތަނަށް ކޮންމެ ދުވަހަކު ދިވެހިން ކުރަމުން އައި މަސައްކަތްތައް ފެނަށްގޮއްސިއެވެ. ގައުމު އަނދަވަޅަކަށް ވެއްޓިއްޖެއެވެ. މި ގައުމު، ނަގާކޮޅަށް ޖެހުމަށްޓަކައި އަޅުގަނޑުމެން މި އަރަމުން އަންނަ ކުޑަކުދިން އެކައްޗެކޭ ކިޔަމާހެއްޔެވެ. އެންމެ މަތިން ތިރިޔަށް ވިސްނާލައިފި ނަމަ މި ލިޔުން ފެންނަ ހަމަ ކޮންމެ މީހަކަށް އިބުރަތެއް ލިބޭނެކަމަށް އަޅުގަނޑު އުންމީދުކުރަމެވެ.
