މީހުން އަލްޙާފިޡާ މާޒިނާ – ކިޔަވާ ދަރިވަރުންނަށް ހުރި ރަނގަޅު ނަމޫނާއެއް

އަލްޙާފިޡާ މާޒިނާ – ކިޔަވާ ދަރިވަރުންނަށް ހުރި ރަނގަޅު ނަމޫނާއެއް

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ކޮންމެ މަންމައަކާއި ބައްޕައެއްގެ އެންމެ ބޮޑު އުންމީދަކަށް ވާނީ އެމީހުންގެ ދަރިންނަކީ އަޚްލާޤީގޮތުން ރަނގަޅު ކިޔެވުމަށް މޮޅު ދަރިވަރަކަށްވެގެން ދިއުމެވެ.

ނ.ލަންދޫ ކިނާރާ އަލްޙާފިޡާ  މާޒިނާ ޢަބުދުއްރަޙީމް މިވަނީ އޭނާގެ މަންމަ އާއި ބައްޕަގެ އުންމީދު ހާސިލްކޮށްދީ ,  އެހެންދަރިވަރުންނަށް ފުރިހަމަ ނަމޫނާއެއް ދައްކައިދީފައެވެ.

މިއަދު މާޒިނާ އެވަނީ އޭނާގެ ތަޢުލީމީ ހަޔާތް 2007 ގައި ފެށި އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއިން ކިޔެވުން ނިންމާ  ޝަހާދާ ސާނަވީ އިމްތިހާނުގައި ބައިވެރިވެ 15 މާއްދާގެ ތެރެއިން 13 މާއްދާއިން އޭ ސްޓަރ އާއި، 2 މާއްދާއިން އޭ ހޯދާ “އިމްތިޔާޒު” ހާސިލުކޮށްފައެވެ. މިއީ ނ.ލަންދޫއަށް ނިސްބަތްވާ ދަރިއަކު މިފަދަ ނަތީޖާއެއް ހޯދި ފުރަތަމަ ފަހަރުވެސް މެއެވެ.

މާޒިނާގެ މަންމަ އަލްފާޟިލާ ސަމީމާ މުސާ އާއި ބައްޕަ އަލްފާޟިލް ޢަބުދުއްރަޙީމް ޢަބުދުﷲ އެމީހުންގެ ދަރިންނަށް ކިޔަވައިދެއްވުމަށް އުފަން ރަށް ނ.ލަންދޫ ދޫކޮށް މާލެއަށް ބަދަލްވެ ކުރަން ފެށި މަސައްކަތުގެ ފޮނިމޭވާ މިއަދު އެމީހުންނަށް އެދަނީ ލިބެމުންނެވެ.

މިގޮތުން މި ދެމަފިރިންނަށް 5 އަންހެން ދަރިންނާއި 3 ފިރިހެން ދަރިން ލިބިފައިވާ އިރު 2 ކުއްޖަކުވަނީ ޤުރުއާން ހިތުދަސްކޮށް ހާފިޒް ކަމުގެ ސަނަދު ހާސިލް ކުރައްވާފައެވެ. އަދި އެއްކުއްޖަކު އަންނަނީ ހާފިޒަކަށް ވުމަށް ތައްޔާރުވަމުންނެވެ. އަދި ދެން ތިބި ކުދިންނަކީވެސް ޤުރުއާންގެ ބޮޑުބައެއް ހިތުދަސްކޮށްފައިވާ ކުދިންނެވެ.

އަލްހާފިޒާ މާޒިނާ ފާހަގަ ކުރެއްވި ގޮތުގައި އޭނާއަށް ލިބިގެންދިޔަ އެންމެ ބޮޑު އެއް އުފަލަކީ އެއްބަޑު އެއްބަފާ ދައްތަ (އަލްހާފިޒާ މާޢިޝާ ޢަބުދުއްރަޙީމް) އާއި އެކުއެކީގައި ޤުރާން ހިތުދަސްކޮށް ހާފިޒްކަމުގެ ސަނަދު ހާސިލްކުރެވުމެވެ. އަދި ދައްތަ މާއިޝާ 2015 ވަނަ އަހަރު  އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއިން ބެސްޓް އޯލްރައުންޑަކަށް ހޯދާފައިވަނިކޮށް 2018 ވަނަ އަހަރު އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއިން ތަޢުލީމީގޮތުން އެންމެ މޮޅު ދަރިވަރުގެ މަޤާމް އަލްޙާފިޒާ މާޒިނާއަށް ލިބިގެން ދިއުމެވެ.

ކިޔެވުމުގައި ހިތްވަރާއި އެކު މަސައްކަތްކޮށް މަންމަ އާއި ބައްޕަ އަދި އަލްހާފިޒާ މާޒިނާގެ މުޅި އާއިލާ އިތުރުން މުޅި ނ.ލަންދޫ ފަޙްރުވެރި ކޮށްދިން އަލްހާފިޒާ މާޒިނާ ފާހަގަކުރެއްވި ގޮތުގައި އޭނާއަށް ލިބިގެން ދިޔަ އެންމެބޮޑު ހިތްހަމަ ޖެހުމަކީ އޭނާއަށް ކިޔަވައި ދެއްވުމުގައި މިހާތަނަށް އެންމެ ބޮޑު ޤުރުބާނީއެއް ވެލެއްވި މަންމަ އާއި ބައްޕަގެ މަސައްތުން ހޯދުނު ކާމިޔާބީ އާއިއެކު ރާއްޖޭގެ އިއްޒަތްތެރި ރައިސުލް ޖުމުހުރިއްޔާގެ އަތްޕުޅުން އެމަނިކުފާނުގެ ސްކޯލާޝިޕް ލިބިގެން ދިއުމެވެ.

އަލްޙާފިޒާ މާޒިނާއަށް މި ލިބުނު ސްކޯލާޝިޕް އާއިއެކު މިސްރުގައި ކިޔަވަން ހުރުމުގެ ވިސާ ހަމަޖެހުނުހާ އަވަހަކަށް އަލްއަޒުހަރު ޔުނިވާސިޓީއިން އުސޫލުއްދީން ކިޔެވުމަށްޓަކައި މިސްރަށް ފުރާނެއެވެ. އަލްޙާފިޒާ މާޒިނާގެ އުންމީދަކީ ވީހާވެސް އަވަހަކަށް ކޯސް ނިންމާ ޤުރުއާންގެ ޢިލްމުން ޤައުމަށް ޚިދުމަތް ކޮށްދެއްވުމެވެ.

އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގައި ތަޢުލީމް ހާޞިލްކުރެއްވި ދުވަސްވަރު އަލްޙާފިޒާ މާޒިނާ ވަނީ އެ ސްކޫލުގައި ބޭއްވުނު ގިނަ އިތުރު ހަރަކާތްތަކެއްގައި ބައިވެރިވެ ރަންވަނަތަކެއް ހާސިލްކުރެއްވުމުގެ އިތުރުން ގްރޭޑް- 9 ން ފެށިގެން ކިޔެވި ކޮންމެ ގްރޭޑަކުންވެސް ތަޢުލީމީގޮތުން ކްލާހުގެ ފަޙްރުވެރި އެއްވަނަ ހާސިލް ކުރައްވާފައެވެ. އަދި 2018 ވަނަ އަހަރުގެ  އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ހިންގުންތެރި ކެޕްޓަނަކީވެސް ހަމަ އަލްޙާފިޒާ މާޒިނާ ޢަބުދުއްރަޙީމެވެ.  މީގެ އިތުރުން އަލްޙާފިޒާ މާޒިނާވަނީ ޤައުމީ ފެންވަރުގެ ގިނަ ޤުރުއާން މުބާރާތްތަކެއްގައި ބައިވެރި ވުމުގެ އިތުރުން އޭނާގެ އުފަން ރަށް ނ.ލަންދޫގައި ބާއްވާ “ލަންދޫ ރަންތަރި ޤުރުއާން މުބާރާތް” ގައި ބައިވެރިވެ ރަންވަނަތަކެއް ހާޞިލްކުރައްވާފައެވެ.

އަލްޙާފިޒާ މާޒިނާ ފާހަގަ ކުރެވިފައިވަނީ ވަރަށް މަޑުމައިތިރި އެންމެންނާއިވެސް ގުޅޭ ވަރަށް ހިތްހެޔޮ ދިވެހިވަންތަ އާދަކާދަތަކަށް ލޯބިކުރައްވާ ޚުލުޤު ހެޔޮ ފަރާތެއްގެ ގޮތުގައެވެ. އަބަދުވެސް ޢާއިލީ ގުޅުމަށް ބޮޑު އިސްކަމެއްދޭ އަލްޙާފިޒާ މާޒިނާގެ އުންމީދަކީ އޭނާގެ މަންމަ އާއި ބައްޕަ އަދި އޭނާގެ މުޅި ޢާއިލާ އޭނާއަށް ކިޔަވައިދެއްވުމަށް އެކުރެއްވި ބުރަ އަދި އެހާމެބޮޑު މަސައްކަތުގެ އަގުވަޒަންކޮށް މަންމަ އާއި ބައްޕަ އަދި މުޅި ޤައުމު ފަޙްރުވެރިވާ ފަދަ ދަރިވަރަކަށް ވުމެވެ. އަދި ކިޔަވަން މަސައްކަތްކުރާ ދަރިވަރުންނަށް ހުރިހާ ގޮތަކުންވެސް ނަމޫނާއަކަށް ވުމެވެ.

ޓެގް

މާޒިނާ އަލްޙާފިޡާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.