ކުރެވޭނެ… ބޭނުންވަނީ ހިތްވަރު
ލިޔުނީ: މަރިޔަމް އީނާޝް ޢަލީ
ޙަޔާތުގައި ކާމިޔާބު މީހަކަށް ވެވޭނީ ވަރަށް ހިތްވަރުންނެވެ. ތަޢުލީމަކީ ޙަޔާތެއް ކާމިޔާބު ކުރުމަށް އެންމެ މުހިންމު އެއް މަސްދަރެވެ. ތަޢުލީމާއި ނުލައި މުޖުތަމަޢު ތެރެއަށް ނިކުންނަ ކޮންމެ މީހަކީ ބަލައިގަނެވޭނެ މީހަކަށް ނުވާނެއެވެ. އެއީ މާ އުނދަގޫ ކަމެއްވެސް ނޫނެވެ. ހިތްވަރާއިއެކު މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް ކާމިޔާބު ކުރެވޭނެއެވެ. ބައެއް މީހުންނަށް ވިސްނިފައި އޮންނަ ގޮތުގައި މަދަރުސީ ޙަޔާތް ކާމިޔާބު ކުރެވުނު ކަމަށް ބެލެވޭނީ ހުރިހާ މާއްދާއަކުން އޭ ރިޕޯޓް ހޯދީމައެވެ. ނަމަވެސް ކަންތައްތައް ގިނަފަހަރަށް ވެފައި އޮންނަނީ މިގޮތަކަށް ނޫނެވެ.
ކިޔެވުމުގެ އެކި މަރުހަލާތައް ކަޑައްތު ކުރާއިރު ހީވެސް ނުކުރާހާ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހެއެވެ. ކިޔެއުމުގެ މާހައުލު ތެރެއިންނާއި މުޖުތަމަޢު ތެރެއިންނެވެ. ވުމާއިއެކު މި ހުރިހާ ގޮންޖެހުންތަކެއް ގިރާކޮށް މަދަރުސީ ޙަޔާތް ނިންމާލާ ކުއްޖަކީ ކާމިޔާބުނުވެ ނުދާނޭ ކުއްޖެކެވެ. މަދަރުސީ ޙާޔާތެއް ކާމިޔާބު ކުރުމަށް އެންމެ އިސްކަމެއް ދޭންޖެހޭނީ ދީނީ އަޅުކަންތަކަށެވެ. އެ ކަންތައްތަކަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެހީތެރިވެދޭނެ ކަންތަކެވެ. ފަރުޟު ފަސް ނަމާދަށް ރައްކާތެރި ވުމާއި، އެހެންމީހުންނަށް އިހުތިރާމް ކުރުމަކީ ކާމިޔާބަށް ވާޞިލު ވުމަށްޓަކައި އެޅޭ ބިންގަލެވެ.
ވުމާއެކު ކާމިޔާބާ ހަމަޔަށް ވާސިލުވުމައްޓަކައި މާތްﷲ އެންގެވި މަގުން ހިނގާށެވެ. ދީންވެރިކަމަށް އިސްކަންދޭފަދައިން ކިޔަވާ ކުއްޖަކަށް އެންމެ މުހިންމު އެއްޗަކީ ހިތްވަރާއި ޢަޒުމާއި ކެރުންތެރިކަމެވެ. އޯ ލެވެލް އަދި އޭ ލެވެލް ނިންމުމަށްފަހު އޭ ރިޕޯޓެއް ނުގެނެވުނަސް މުޖުތަމަޢުގައި ބޭނުންތެރި ހުނަރެއް އުގެނިގެން ނިކުންނާށެވެ. ކޮންމެ ކުއްޖަކަށް އެންމެ މަތީ ފާސް ހޯދުމުގެ ގާބިލިއްޔަތު ލިބިފައި ނުހުރެދާނެއެވެ. ނަމަވެސް އެކުއްޖެއްގެ މުސަތަޤްބަލު ބިނާވެގެންދާނީ މަދަރުސީ ޙަޔާތުގައި އުގެނިގެން ނިކުންން ހުނަރަކަށާއި ޢިލްމަށެވެ.
އެހެންކަމުން ރަނގަޅު ހަޔާތެއްގެ ބޭނުމުގައި ހިތްވާއެކު މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ކާމިޔާބުވާނެއެވެ. ކާމިޔާބަކީ މަސައްކަތްކުރާ ކުދިންގެ ޙައްގެކެވެ. ކާމިޔާބާ ހަމަޔަށް ވާސިލުވުމަށް ރަނގަޅު ތާވަލެއްގެ އެހީ ބޭނުންވާނެއެވެ. އެއްވެސް ޕްލޭނެއް ނެތި ކުރިޔަށް ގޮސްގެން ވާނޭ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. މަސައްކަތާއި ނުލައި ކާމިޔާބެއް ނުވާނެއެވެ. ވީމާ ކޮންމެ ކުއްޖަކަށްވެސް މަދަރުސީ ޙާޔާތް ކާމިޔާބުކުރެވޭނެކަން ޤަބޫލުކުރާށެވެ.
